ދުނިޔެ

ސައޫދީގެ މަޝްހޫރު ދީނީ އިލްމުވެރިޔަކު މޫނު ބުރުގާގެ ބަހުސް ހޫނުކޮށްލައިފި

ރިޔާޒު (18 ޑިސެމްބަރު) – ސައޫދީގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚު އަހުމަދު އަލް ގާމްދީ އަކީ އެއް އިރެއްގައި މައްކާގެ ދީނީ ފުލުހުންގެ އެންމެ އިސް ވެރިޔާ އެވެ. މޫނު ބުރުގާ ނާޅައި އާންމުންގެ ތެރެއަށް ނުކުމެ އުޅޭ އަންހެނުންނަށް އިންޒާރުދީ އެކަނބަލުން ހެޔޮ މަގުން ހިނގުމަށް ދީނީ ފުލުހުންނަށް ކުރިން އިރުޝާދު ދިން އިސް ވެރިޔަކީ ގާމްދީ އެވެ.

ނަމަވެސް މިއަދު އޭނާ އަޑު އުފުލަމުން ދަނީ ކުރީގެ ފިކުރާ މުޅިން ދެކޮޅަށެވެ. އޭނާގެ މައްސަލަ ސައޫދީގައި މި ދުވަސްކޮޅު ފަލަ ސުރުހީ އަތުލައިގެން އުޅެނީ މި ސަބަބާ ހެދި އެވެ.

މި މައްސަލަ އިތުރަށް ހޫނުވީ އޭނާގެ އަނބިކަނބަލުންނާ އެކު މަގްބޫލު ޓީވީ ޝޯއަކަށް އަރާ ވަޑައިގެން މޫނު ބުރުގާއާ ދެކޮޅަށް އަޑު އުފުއްލެވި ހިސާބުންނެވެ. އަނެއްކޮޅުން ޝައިޚު ގާމްދީގެ އަނބިކަނބަލުން ހުންނެވީ ކުރިން ތުރުކުރެއްވި މޫނު ބުރުގާ އިން ނުކުމެ ވަޑައިގެން ނިކަން ގަދަ އަށް މޭކަޕްކުރައްވައިގެން އަވި އައިނު ވެސް އަޅުއްވައިގެންނެވެ.

ސައޫދީގައި މުސްލިމު އަންހެނާ މޫނު ބުރުގާ އެޅުމަކީ ނިކަން ބޮޑަށް މަޖުބޫރުކޮށްފައި އޮންނަ ކަމެކެވެ. އެކަމަށް ބާރު އަޅާ ދީނީ ފުލުހުންގެ ފިއްތުންތަކާ ހެދި ގިނަ އަންހެންވެރިން ތިބެނީ މޫނު ބުރުގާ އަޅައިގެންނެވެ.

ނަމަވެސް ދީނީ އިލްމުވެރިޔާ ގާމްދީ ވިދާޅުވަނީ ސައޫދީގައި މޫނު ބުރުގާ އެޅުން އަންހެނުންގެ މައްޗަށް މަޖުބޫރުކުރިޔަސް އިސްލާމް ދީނުގައި އެކަން އެހެން ނޯންނަ ކަމަށެވެ.

"އަންހެނާގެ ޢައުރަ ނިވާކޮށް މޫނު ނުފޮރުވާށެކޭ އެއްވެސް މީހަކު ބުނަނީކީއެއް ނޫން. އަޅުގަނޑު މި ދަންނަވަނީ އެއީ މަޖުބޫރު ކަމެއް ނޫނޭ. މޫނު ބުރުގާ އެޅުން މުސްލިމު އަންހެނާގެ މައްޗަށް މަޖުބޫރު ނޫންކަން ސާބިތުކޮށްދެވޭ ވަރުގެ ހެކި ވެސް އެބަހުއްޓޭ،" ޓީވީ ޝޯގައި ވާހަކަ ދައްކަވަމުން ޝައިޚު ގާމްދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާސޫލާގެ އަނބިއަނބިކަނބަލުން ތުރުކުރެއްވުމަށް މާތް ރަސްކަލާނގެ އެންގެވި ފޭރާމާއި އާންމު އަންހެނާ ހެދުން އެޅުއްވުމަށް އެންގެވި ގޮތް ފަހުގެ މީހުން އޮޅުވާލީ ކަމަށެވެ.

"މޫނު ބުރުގާ، އެއީ ރަސޫލާގެ އަނބިއަނބިކަނބަލުންނަށް ހާއްސަކުރެވުނު އެއްޗެއް. ފަހުގެ މީހުންގެ މެދުގައި މި ވަނީ އެ ހެދުމާއި އާންމު މުސްލިމު އަންހެނުންގެ ހެދުން އޮޅުވާލާފައި،" ޝައިޚު ވިދާޅުވި އެވެ.

މި މޭރުމުން އޭނާ ވާހަކަ ދެއްކެވުމާ ގުޅިގެން ސައޫދީގެ މުފްތީ، ޝައިޚު އަބްދުލް އަޒީޒު އަލް ޝައިޚު ވަނީ އޭނާ ތައުބާވެ ވަޑައިގަތުމަށް ގޮވާލައްވައިފަ އެވެ.

"އަޅުގަނޑު ޝައިޚު ގާމްދީ އަށް ގޮވާލަން ބޭނުން ވަނީ، ﷲ އަށް ބިރުވެތިވާށޭ. އަވަހަށް ތައުބާވެ ވަޑައިގަންނަވާށޭ އަދި ފާފަވެރިވުމުގެ ކުރިން ތިޔަ ނުބައި ފާފައިން ފެޔަށް ޖެހި ވަޑައިގަންނަވާށޭ،" ސައޫދީގެ ނޫހެއް ކަމަށްވާ ސަބްގަށް ދެއްވި އިންޓަވިއުއެއްގައި މުފްތީ ވިދާޅުވެފައިވެ އެވެ.

ޝައިޚު ގާމްދީގެ ހިޔާލާ ދެކޮޅަށް ސައޫދީގެ މުފްތީ ވާހަކަ ދެއްކެވި ނަމަވެސް މޫނު ބުރުގާ އެޅުމަކީ ސައޫދީގައި ގާނޫނަކުން މަޖުބޫރުކޮށްފައި އޮންނަ ކަމެއް ވެސް ނޫނެވެ. ނަމަވެސް އާންމުންގެ ތެރޭގައި މޫނު ބުރުގާ ނާޅައި އުޅޭ އަންހެނުންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުމަކީ ދީނީ ފުލުހުންގެ އާންމު ކަމެކެވެ.

އަދި މޫނު ބުރުގާ ނާޅާ އަންހެނުންނާ ފޮށި އެމީހުންނަށް ފުރައްސާރަކުރުމަކީ ސައޫދީގެ ގިނަ ފިރިހެނުންގެ މެދުގައި ވެސް އޮންނަ އާދައެކެވެ. ޝައިޚު ގާމްދީގެ އަނބިކަނބަލުންނަށް ވެސް ދަނީ މިފަދަ ފުރައްސާރަ މިހާރު ވެސް ސޯޝަލް މީޑިއާގައި އަމާޒުވަމުންނެވެ.

"މިހާރު އުފާވެއްޖެތަ؟ ކޮންމެ މީހެއްގެ މޯބައިލް ފޯނުގައި މިހާރު އެހެރީ ކަލޭގެ ރަންޑީ އަންހެނުންގެ ފޮޓޯއެއް،" ޓްވިޓާގައި ސައޫދީ މީހަކު ޝައިޚު ގާމްދީ އާއި އޭނާގެ އަނބިކަނބަލުންނަށް ފުރައްސާރަކޮށްލާފައި ވަނީ މި ރާގުގަ އެވެ.

މޫނު ބުރުގާގެ މައްސަލާގައި ޝައިޚް ގާމްދީ އަށް އަލުން ފާޑުކިޔުން އަމާޒުވެފައިވާއިރު އޭނާ އަކީ މީގެ ކުރިން ސައޫދީގެ ދީނާއި ސަގާފަތާ ގުޅިފައިވާ ކަންކަމަށް ނިކަން ފާޅުގައި ފާޑުވިދާޅުވެފައިވާ ފަރާތެކެވެ. އެގޮތުން އަންހެނުންނަށް މަޚުރަމަކާ ނުލައި ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް އޮންނަ އޮތުމަށް ވެސް ނިކަން ބޮޑަށް ފާޑުވިދާޅުވެ އެވެ.

މި މައްސަލަ ހޫނުވެ އޭނާ އަށް ފާޑުކިޔުން އަމާޒުވެފައިވާއިރު އޭނާގެ ދިފާއުގައި ސައޫދީގެ މަޝްހޫރު އެހެން އިލްމުވެރިން އަޑުއުފުއްލަވާފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން މަސްޖިދުލް ޚަރާމްގެ ކުރީގެ އިސް އިމާމު، ޝައިޚު އާދިލް އަލް ކަލްބާނީ ކުރެއްވި ޓްވީޓެއްގައި، ޚަމްދީ އަށް ފާޑުކިޔާ ފަރާތްތައް ސިފަކުރައްވާފައި ވަނީ "މޮޔައިންތަކެއް" ގެ ގޮތުގަ އެވެ.

އަލް ވަތަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝައިޚު ގާމްދީ ފަހުން ވިދާޅުވެފައި ވަނީ ޓީވީ އިންޓަވިއުއާ ގުޅިގެން އޭނާގެ އަނބިކަނބަލުންނަށް މަރުގެ އިންޒާރު ވެސް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ ހިޔާލެއް ފާޅުކުރީމަ އޭނާއާ މެދު ވަކި ގޮތެއް ކަނޑައެޅުމުގެ ބަދަލުގައި އޭނާ ކުރިއަށް ނެރުއްވާ ބަހުސްގައި ބައިވެރިވުމަކީ ފާޑުކިޔުމަށް ވުރެ ބުއްދިވެރިކަމަކަށްވާނެ ކަމަށެވެ. ޝައިޚު ހުންނެވީ ބަހުސަކަށް ތައްޔާރުވެ ވަޑައިގެންނެވެ.