ހަބަރު

ރައުދާގެ މަރަކީ ގަތުލެއް ނޫން: ބަންގާޅު ފުލުހުން

ބަންގްލަދޭޝްގެ ރާޖް ޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޯމިޓަރީގައި މިދިޔަ މާޗު މަހު މަރުވެފައި ހުއްޓާފެނުނު ރާއްޖޭގެ މޮޑެލް އަދި މެޑިކަލް ދަރިވަރު ރައުދާ އާތިފުގެ މަރަކީ ގަތުލެއް ނޫން ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ބަންގްލަދޭޝް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ކޯޓަށް ހުށަހެޅި ފައިނަލް ރިޕޯޓާ ހަވާލާދީ ނޫސްތަކުން ބުނީ ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ. އަދި ރައުދާގެ މަރާ ގުޅިގެން ތުހުމަތު ކުރެވުނު ދަރިވަރުގެ ކުށެއް ނެތް ކަމަށާއި ރައުދާ އަމިއްލައަށް މަރުވީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާކާ ވަކިވުމުން އުފެދުނު ހިތްހަމަ ނުޖެހުމަކާ ގުޅިގެން ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރައުދާގެ ހަށިގަނޑުގެ ފުރަތަމަ އޮޓޯޕްސީއަށް ފަހުގައި ވެސް ބަންގާޅު ފުލުހުން ބުނީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އެކަން ގަބޫލު ނުކޮށް އޭނާގެ މަރަކީ ގަތުލެއްގެ ގޮތުގައި ތަހުގީގުކޮށްދޭން އެދުނީ އޭނާގެ ބައްޕަ މުހައްމަދު އާތިފެވެ. ރައުދާގެ މަރާ މެދު ސިއައިޑީން ތައްޔާރުކޮށް ރާޖްޝާހީ މެޓްރޮޕޮލިޓޭން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ފައިނަލް ރިޕޯޓާ ވެސް އާތިފު ވަނީ ދެކޮޅު ހަދާފަ އެވެ.


ރާޖްޝާހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޯމިޓަރީގައި ރައުދާ މަރުވެފައި އޮއްވާ ފެނުނީ މިއަހަރުގެ މާޗްމަހުގެ 29 ވަނަ ދުވަހު އެވެ. އޭނާގެ ހަށިގަނޑުގެ އޮޓޯޕްސީ ދެފަހަރަށް ހެދުމަށް ފަހުވެސް ބަންގްލަދޭޝްގެ އޮފިޝަލުން ވިދާޅުވެފައި ވަނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ރައުދާގެ މަރަކީ ގަތުލެއް ކަމަށް ބުނެ އޭނާގެ ބައްޕަ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން އެމައްސަލަ އަލުން ތަހުގީގު ކުރިއެވެ.