ދުނިޔެ

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ބޮޑު ބައްދަލުވުން ފަށައިފި

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ ބޮޑު ބައްދަލުވުން ފަށައިގެން ކުރިއަށް އެބަދެއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ކުރިއަށްދާ އެ ބައްދަލުވުމުގައި 2000 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވެއެވެ. އެ ބައްދަލުވުމުގައި ނިންމަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހު ޗައިނާގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތްތައް ކަނޑައެޅުމާއި ވެރިކަން ކުރާނެ ބަޔަކު ކަނޑައެޅުން ހިމެނެއެވެ.

ބެލެވޭ ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހު ވެސް ވެރިކަން ކުރައްވާނީ ޗައިނާގެ މިހާރުގެ ރައީސް އަދި ޕާޓީގެ ލީޑަރު ޝީ ޖިންޕިން ކަމަށް ބައްދަލުވުމުން ނިންމާނެއެވެ. ޝީ ޗައިނާގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވީ 2012 ވަނަ އަހަރުއެވެ. ބާރުތައް ޖަމާކުރެއްވުމަށް އޭނާ ވަނީ ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މަސައްކަތް ކުރައްވާފައެވެ. އެގޮތުން އޭނާ ކުރިއަށް ގެންދެވި ކޮރަޕްޝަނާ ދެކޮޅު ކެމްޕެއިންގައި ވާދަވެރި ގިނަ ބޭފުޅުން ތަކެއް ވަނީ ޖަލަށް ލައްވާފައެވެ.

ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ބޮޑު ބައްދަލުވުން ނިމޭނީ އަންނަ ހަފުތާގައެވެ. ޗައިނާ ސަރުކާރުގެ ނިންމުންތައް ނިންމާ އެންމެ އިސް ކޮމިޓީ ކަމަށްވާ ' ޕޮލިޓް ބިއުރޯ ސްޓޭންޑިން ކޮމިޓީ' ގެ މެމްބަރުންގެ ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު މަސައްކަތް ކުރައްވާނެ ބޭފުޅުންގެ ނަންގުޅުތައް އިއުލާނު ކުރާނީ ބައްދަލުވުން ނިމުމުންނެވެ.

ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ޝީ ވަނީ ޗައިނާ ޒަމާނީ ކުރުމަށް 2050 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދަން ރާވާފައިވާ ރޭވުން ޚުލާސާކޮށް ވިދާޅުވެ ދެއްވާފައެވެ. އަދި ޗައިނާގައި އެއްވެސް ބާވަތެެއްގެ ބައިބައި ވުމެއް އުފައްދަން މަސައްކަތް ކުރާ ނަމަ އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. -- ބީބީސީ