ދުނިޔެ

ވީރާނާވެފައިވާ ރައްގާ އައިސްގެ ދަށުން މިނިވަންކޮށްފި

އިސްލާމިކް ސްޓޭޓް (އައިއެސް) އިން އެމީހުންގެ ވެރިރަށުގެ ގޮތުގައި ބަލަމުން އައި ރައްގާގެ ފުރިހަމަ ކޮންޓްރޯލް ލިބިއްޖެ ކަމަށް އެެމެރިކާގެ މަދަދާއެކު ހަނގުރާމަ ކުރަމުން އަންނަ ހަނގުރާމަވެރި ޖަމާއަތްތަކުން އިއްޔެގައި ވަނީ އިއުލާނުކޮށްފައެވެ.

އައިއެސް އަށް ވަރަށް މުހިއްމު ރަށެއްގެ ގޮތުގައި ކުރިން އޮތް ނަމަވެސް އެރަށުގެ މުހިއްމުކަން މިއަހަރު އޮތީ ކުޑަވެފައެވެ. އެއީ އެމީހުންނަށް ސޫރިޔާއާއި އިރާގުގައި ކުރިމަތިވި ބައެއް ނާކާމިޔާބީތަކާއި ހަނގުރާމައިގެ އޮއިވަރަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. ވަރުގަދަ އަށް ހަނގުރާމަ ހިނގާ، ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައި އެރަށް އޮންނަތާ މިހާރު ވަނީ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައެވެ.

ރައްގާއަކީ ސޫރިޔާގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ އެކި އެކި ޖަމާއަތްތަކުން 2011 ވަނަ އަހަރު ފެށި ހަނގުރާމައިގައި އެ ސަރުކާރަށް ފުރަތަމަ ގެއްލުނު ރަށެވެ. ސޫރިޔާ ހަނގުރާމައިގައި މަޝްހޫރު ރަށަކަށް އެރަށްވީ އެހެންވެއެވެ. އޭރު އެރަށް ހިފީ ޖަބުހަތުއް ނުުސްރާ ނަމަކަށް ކިޔާ ޖަމާއަތަކުންނެވެ.

ރައްގާގައި ފާއިތުވި ހަތަަރު އަހަރަށް ވުރެ ދިގު މުއްދަތުގައި ހިނގި ހަނގުރާމަތަކުގެ ސަބަބުންް އާބާދީގެ ބޮޑުބައެއް ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. އެމީހުން ދިރިއުޅެނީ ސޫރިޔާގެ އެކި ސަރަހައްދުތަކުގައިވާ ގެދޮރުނެތް މީހުންގެ ކޭމްޕްތަކުގައެވެ. ކުރީ އަހަރުތަކުގައި ބޮޑެތި ގެއްލުންތައް ލިބިފައި ވިޔަސް، އެރަށުގައި މިހާރު އޮތް ވީރާނާ ކަމަކީ އެރަށް ހިފަން އެމެރިކާ އިއްތިހާދުން ކުރި އެންމެ ފަހު ހަނގުރާމައިން ލިބުނު ގެއްލުމެވެ.

ވޯލްޑް ބޭންކުން މިދިޔަ ޖެނުއަރީ މަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެހައިތަނަށް ރައްގާއަށް ދިން ވައިގެ ހަމަލާތަކުގެ އަދަދު 2000 އަށް ވުރެ މަތި ކަމަށެވެ. އެ ހަމަލާތަކުގެ ސަބަބުން ރަށުގެ އިމާރާތްތަކުގެ 17 ޕަސެންޓް ބިމާ ހަމަވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެގައި ވެއެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެމެރިކާއާއި އެގައުމުގެ ބައިވެރިން ވަނީ އެރަށަށް 2500 އަށް ވުރެ ގިނަ ފަހަރު ބޮން އަޅާފައެވެ.

ސޫރިޔާގެ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް ނަމަކަށް ކިޔާ ޖަމާއަތުގެ ވެރިޔާ ، ރާމީ އަބުދުއް ރަހީމް ވޮޝިންްޓަން ޕޯސްޓަށް ބުނެފައިވާ ގޮތުގައި މިދިޔަ ޖޫން މަހުން ފެށިގެން މިހައިތަނަށް އެޅި ބޮންތަކުގެ ސަަބަބުން އާއްމުންގެ 1100 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. -- ވޮޝިންޓަން ޕޯސްޓް