ރިޕޯޓް

އުފާވެރި ދަތުރަށް ހިތާމަވެރި ނިމުމެއް!

މީގެ ދެ އަހަރު ކުރިން ވިލިނގިއްޔަށް ބަދަލުވެ ފުލުހުންގެ ވަޒީފާގައި އުޅެމުންދިޔަ ކ. ކާށިދޫ، މަލަސް މުހައްމަދު ހަނީފް، 29 ބޭނުންވީ ފުލުހުންގެ ވަޒީފާގެ ބުރަ މަސްއޫލިއްޔަތުން ލިބުނު ހުސް ވަގުތުކޮޅުގައި ވަޒީފާގެ މާހައުލާއި ރަށުގެ ހަލަބޮލި މާހައުލާއި ދުރަށް ޖެހިލާ އަނބިމީހާއާއެކު އުފާވެރި، ހިތް ފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ހެނދުނުގެ ސަޔަށްފަހު މިހާރު ދިރިއުޅޭ ގއ. ވިލިނގިލި ކައިރި އޮންނަ ފަޅު ރަށެއް ކަމަށްވާ "ރައިވެއްރެހާ" އަށް މޫދަށް އެރިލާ ޕިކްނިކް ހަދާލަން ދިޔައީ އެބޭނުމުގަ އެވެ. އެއީ ރަށުގެ މީހުން އާންމުކޮށް މޫދަށް އެރި ދަތުުރުގޮސް ހަދާ ރަށެކެވެ.

މަޖާކޮށް ދަތުރު ހަދާލަން ދެމަފިރިން އެކުގައި ރައިވެއްރެހާ އަށް ދިޔައީ ހިކި ދިޔައިގައި ރީތިކޮށް ހިނގާލާފައި ދެވޭނެތީ އެވެ. އެތަނަކީ އޮއެ ގަދަ ތަނެއް ނަމަވެސް ހިކި ދިޔައިގައި ކަމުން މާބޮޑު ސަމާލުކަމެއް ނުދީ ދިޔައީ ކުރިއަށް އޮތް މުސީބާތުގެ ހިލަމެއް ވެސް ނެތި އެވެ. އެހެން ނަމަވެސް ރައިވެއްރެހާ އާ ހިސާބަށް ދިއުމުގެ ކުރިން ރަށް ހިއްކަން ކޮނެފައިވާ ސަރަހައްދަކަށް ދެމަފިރިން އެކުގައި ކަހަލަ ގޮތަކަށް ވެއްޓުނީ އެވެ. އަނބިމީހާ (ލަބީނާ ޒުހަިރު)ގެ ފައި އިސްކޮޅު ޖެހޭ ތަނެއްގައި ޖެހުނު ނަމަވެސް ހަނީފް ގެނބުނީ އެވެ.

މަންޒަރު ފެނުނީ ލަބީނާގެ ބޭބެ އަށެވެ. އޭރު ހަނީފް ގެނބިގެން އަޑިއަށް ދަނީ އެވެ. ލަބީނާގެ ހަޅޭކާއި ރުއިމުގެ އަޑަށްފަހު އޭނާގެ ބޭބެމެން ޑިންގީގައި ނުކުތީ ހަނީފް ހޯދާށެވެ. އެމީހުންނާއެކު އެމްއެންޑީއެފްގެ މީހަކުވެސް ބައިވެރިވި އެވެ. ހަނީފް ފެނުނީ އޭގެ 20 ވަރަކަށް މިނެޓު ފަހުން މޫދު އަޑިންނެވެ.

"އެ ހިސާބުގައި 10 ވަރަކަށް މީޓަރު ހުންނާނެ ފުން މިން، ހަނީފް ފެނުނީ އެދިމާ އަޑީގައި އޮއްވާ، އަތުގައި އޮތް ތަޅުދަނޑި އާ އެއްޗެހިވެސް، އޭރަކު ނޭނގޭ މަރުވެފައި ކަމެއް، އެކަމަކު ހަރުވެފަ އޮތީ،" ޖަބީނާގެ ބޭބެ ކިޔައިދިނެވެ.

ޑޮކްޓަރުން ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހަނީފް މަރުވެފައިވާ ކަމަށެވެ. ހަނީފްގެ މަރުގެ ހަބަރާއެކު އަނބިމީހާ ހުރީ ޝޮކެއްގަ އެވެ. އޭނާއަށް ދަނީ ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަހަރެއްހާ ދުވަސް ކުރިން ކައިވެނީގެ ގޮތުން ގުޅި އުމުރު ދުވަހަށް އެކުގައި ކައިރީގައި ހުންނާނަމޭ ބުނި ބައިވެރިޔާ އެހާ އަވަހަށް ވައުދު ފުއްދާފައި ވަކިވެ ދިޔައީތީ ގަބޫލު ކުރަން ދަތިވެފަ އެވެ.

ހަނީފްގެ އާއިލާ މީހަކަށް މަރުގެ ހަބަރު އެންމެ ފުރަތަމަ ލިބުނީ އެއްބަނޑު އެއްބަފާ ބޭބެ އިބްރާހިމް ސިރާޖަށެވެ. ލަބީނާގެ ދެބެންގެ ދެދަރި ކުއްޖެއްގެ ފަރާތުންނެވެ. ސިރާޖު އޭރު ހުރީ އާއިލާ އާ ދުރުގައި ހުޅުމާލޭގަ އެވެ. ކޮއްކޮ އާއި ބައްދަލު ނުވާތާ ދެތިން އަހަރު ވީ ނަމަވެސް ލޯބިވާ ކޮއްކޮގެ ކުއްލި މަރުގެ ހަބަރު ވީ ސިރާޖުގެ މުޅި ދުވަސް ހުއްޓުވާލި ހަބަރެކެެވެ. އެންމެ ކުޑައިރުން ފެށިގެން ކޮއްކޮ އާއެކު އުޅުނު މަޖާ ދުވަސްތަކާއި ބޮޑުވެ ދެ މީހުން އެކުގައި މަސައްކަތް ކުރަން އުޅުނު ދުވަސްތަކުގެ ހަނދާންތަކުން ދެ ލޯ ކަރުނުން ފުރާލިއިރު އެންމެ ހާސްވީ އުމުުރުން ދުވަސްވެފައި ތިބި މަންމަ އާއި ބައްޕައަށް އަދި ހަނީފްގެ ކުޑަ ދަރިފުޅަށް އެ ހަބަރު ދޭނެ ގޮތެއް ނޭނގޭތީ އެވެ. އުމުުރުން ތިން އަހަރުގެ އެ ކުޑަކުޑަ ކުއްޖާއަށް ބައްޕަ ވަކިވި ހަބަރު ދޭނެ އެއްވެސް ގޮތެއް ސިރާޖުގެ ވިސްނުމަކަށް ނާދެ އެވެ. ހަނީފް ކޮންމެ ދުވަހަކު ފޯނުކޮށް ދަރިފުޅާ ވާހަކަ ދައްކާ އަދި ދަރިފުޅަށް ބޭނުންވާ ހުރިހާ ހަރަދެއް ބަރާބަރަށް ކުރެ އެވެ.

"ހަނީފްގެ މަރުގެ ހަބަރު ލިބުމުން ޝޮކެއް ލިބުނު، ގަބޫލުކުރަން ދަތިވީ، އެންމެ ހާސްވީ މަންމަ އާއި ބައްޕަ އާއި ދުރުގައި ހުއްޓާ އެ ހަބަރު ލިބުނީމަ، މަންމަ މެން ކައިރީ ބުނާނެ ގޮތެއްވެސް ނޭނގުނު، އެކަމަކު މިހާރު މަންމަ މެންނަށް އެ ހަބަރު ލިބިއްޖެ، މަންމަމެންގެ ހާލުވެސް ވަރަށް ދެރަ،" ސިރާޖު ކިޔައިދިނެވެ.

ލިބުނު ހަ ދަރިންގެ ތެރެއިން ހަގު ފިރިހެން ދަރިފުޅުގެ ކުއްލި މަރުގެ ހަބަރު ހަނީފްގެ މަންމަ އާއި ބައްޕަވެސް ތިބީ ގަބޫލުކުރަން ދަތިވެފަ އެވެ. އުމުުރުން ދުވަސްވެފައިވާ އެ މަންމަ އާއި ބައްޕަ ތިބީ މިދިޔަ ބޮޑު އީދަށް ކާށިދޫއަށް ހަނީފް އައި އައުމަކީ އެންމެ ފަހު ފަރަހަށް އެ ދަރިފުޅު އަންނާނެ ފަހަރުކަން އެނގުނުނަމަ އެނބުރި ދިޔަކަ ނުދޭނަމޭ ހިތާ ހިތުން ބުނާ ހާލުގަ އެވެ.

ހަނީފް ފުލުހުންގެ ވަޒީފާއަށް ވަންތާ މިވީ އަދި ތިން އަހަރެވެ. އޭގެ ކުރިން ފެލިވަރުގައި އަދި ބޭބެ ސިރާޖާއެކު ވެސް މަސައްކަތް ކުރަން އުޅުނެވެ.