12 ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ހިފަހަައްޓައި ޓޮޓެންހަމްއިން ޗެމްޕިއަން ލީގު ގްރޫޕް އެޗްގައި މުހިންމު ޕޮއިންޓެއް ހޯދައިފިއެވެ. މިގްރޫޕުގައި ދެވަނަ މެޗުގައި ސައިޕްރަސްގެ އަޕޮވެލް ނިކޮސިއާއިން ވަނީ ބޮރޫޝިޔާ ޑޯޓްމަންޑް ސިއްސުވާލުމަށްފަހު ޕޮއިންޓެއް ހޯދާފައެވެ.
ރެއާލްއާއި ސްޕާސް ބައްދަލުކުރި މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގައި ގިނަ ވަގުތު ރެއާލްއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ސްޕާސްއިން ވަނީ ކައުންޓާ އެޓޭކުގައި ރެއާލްގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ސްޕާސްއިންނެވެ. ކަނާތުފަޅިން ސާޖިއޭ އައުރިއޭ ނަގައިދިން ހުރަހެއް ހެރީ ކޭން ފުއްނާބުން ޖައްސާލަން އުޅުނު ނަމަވެސް އޭނާގެ ފައިގައި ލައްވާނުލައި ދިޔަ ބޯޅަ ރެއާލްގެ ޑިފެންޑަރު ރަފޭލް ވަރާން ފައިގައި ޖެހިފައި ގޯލްގެ ތެރެއަށް ވަނީއެވެ.
ރެއާލްކޮޅަށް ގޯލް ވަނުމާއެކު އެޓީމުން ކުރިއަށް ޖެހިގެން ކުޅެން ފެށިއެވެ. ނަތީޖާއަކަށްވީ ސްޕާސްގެ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ސާޖިއޯ އައުރިއޭ ރެއާލްގެ ޓޮނީ ކްރޫސްއަށް ފައުލް ކުރުމެވެ. 43 ވަނަ މިނިޓުގައި ޕެނެލްޓީއިން ރޮނާލްޑޯ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ.
ދެވަނަ ހާފުގައި ދެޓީމަށްވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނިސްބަތުން ގިނަ ފުރުސަތުތައް ރެއާލްއަށް ލިބިގެންދިޔައިރު އެހަމަލާތަކުގެ ހުރަހަކަށްވީ ސްޕާސްގެ ކީޕަރު ހޫގޯ ލޮރިސްއެވެ. ލޮރިސްގެ ފަރާތުން މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ސްޕާސްއަށްވެސް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެންދިޔައެވެ. އެންމެ ފާހަގަކޮށްލެވޭ ފުރުސަތު ލިބިގެންދިޔައީ ހެރީ ކޭންއަށެވެ. ނަމަވެސް ރެއާލްގެ ކީޕަރު ކޭލޯ ނަވާސް ވަނީ ކޭން ގޯލްގެ ދުރުކަނަށް ފޮނުވާލި ހަމަލާ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މިގްރޫޕްގެ ދެންކުޅެވުނު މެޗުގައި ބްރޫޝިޔާ ޑޯޓްމަންޑްްއާއި އެއްވަރުކޮށްފައެވެ. އެމެޗުގެ ދެވަނަ ހާފްގެ 62 ވަނަ މިނިޓުގައި ޑޯޓްމަންޑްގެ ކީޕަރު ރޯމަން ބާރްކީއަށް ހެދުނު ދެގޯހުގެ ފައިދާ ނަގައި އަޕޮވެލްއިން ގޯލެއް ކާމިޔާބުކުރިއެވެ. ކީޕަރި ބާރްކީ ފުރަތަމަ ސާފްކޮށްލަން ފޮނުވާލި ބޯޅަ އަޕޮވެލް ކުޅުންތެރިއަކަށް ލިބުން އޭނާ ފޮނުވާލި ހަމަލާ ބާރްކީ މަތަކުރަން އުޅުނު ބޯޅަ އޭނާގެ އަތުގައި ޖެހިފައި ލިބުނީ އަޕޮވެލްގެ ފޯވާޑް މައިކަލް ޕޮޓޭއަށެވެ. އޭނާވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ. ނަމަވެސް ފަސް މިނިތު ފަހުން ސޮކްރަތިސް ޕަޕަސްތޮޕޮލުސްވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށް ޑޯޓްމަންޑްއަށް ޕޮއިންޓްއެއް ހޯދަދީފައެވެ.
ގްރޫޕް އެޗްގެ އެއްވަނަ އަދި ދެވަނަ މަގާމުގައި ޓޮޓެންހަމްއާއި ރެއާލް 7 ޕޮއިންޓާއެކު އޮތްއިރު ތިންވަނަ އަދި ހަތަރުވަނަ މަގާމުގައި އެންމެ ޕޮއިންޓަކާއެކު އޮތީ ޑޯޓްމަންޓްއާއި އަޕޮވެލްއެވެ.