ކުޅިވަރު

ގާޑިއޯލާގެ ފިލޯސަފީއަށް ސިޓީ ހެޔޮވަރު ވެއްޖެ

Oct 19, 2017

ކޯޗް ކަމަށް ޕެޕް ގާޑިއޯލާ ނިކުތުމުގެ ކުރިން މެކްސިކޯގައި ފަސް މަސް ދުވަސް ހޭދަ ކުރި އެވެ. މެކްސިކޯގެ ހުޅަނގު އުތުރުގައި އޮންނަ ކްލެކަން ސިޓީގައި ހުންނަ ހޮޓެލް ލޫސޭނާގައި އެއް ދުވަހު ހަވީރު، އާޖެންޓީނާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އެންހަލް މޯރަލްސްއާ އެކު ބައްދަލު ކުރި އެވެ. ގާޑިއޯލާ ކޯޗް ކޮށްދޭ ޓީމެއްގައި ފުޓްބޯޅަ ކުޅުވަން ބޭނުންވާ ސްޓައިލް މޯރަލްސްއާ ގާޑިއޯލާ ހިއްސާ ކުރި އެވެ.

ގާޑިއޯލާ އާއެކު އެތައް ވަގުތެއް އެއްކޮށް ކައި އެކީ ވަގުތު ހޭދަ ކުރި މޯރަލްސްގެ ޖަވާބަކަށްވީ، ގާޑިއޯލާ ފައްތަން އުޅޭ ސްޓައިލަކީ އުނދަގޫ އޮނިގަނޑަކަށް ވާނެ ވާހަކަ އެވެ. އަދި އެއްވަރެއްގައި ހިފަހައްޓަމުން ގެންދިއުމަކީ އުނދަގޫ ވާނެ ކަމެއް ކަމަށް މޯރަލްސް ފާހަގަ ކުރި އެވެ.

"އޭނާ [ގާޑިއޯލާ] އަހަރެން ގާތު ބުނި އޭނާގެ އަޒުމަކީ ދަނޑުގައި ކުޅޭ ކޮންމެ ކުޅުންތެރިޔަކު ބޯޅަ ހިފައިގެން ދުވެލައި ކުރިއަށް ނިކުމެ ހަރަކާތް ކުރުމޭ،" ގޯލްކީޕަރުން ފެށިގެން ޓޮޕް ސްޓައިކަރުވެސް ކޮންމެ ކުޅުންތެރިޔަކު ބޯޅައިގައި އެއް ޓަޗް ނުވަތަ ދެ ޓަޗް ކޮށް ޕާސް އުފެއްދުމޭ އަދި އެންމެ ފަހުން 11 ކުޅުންތެރިން ޝާމިލުވާގެން އުފައްދާ އެ ޕާހުން ގޯލް ޖެހުމޭ، އަހަރެން [އޭންހަލް މޯރަލްސް] ބުނިން ތިއީ ނުވާނެ ކަމެކޭ،" މޯރަލްސް މިދިޔަ އަހަރު ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައި ވެއެވެ.

"އަހަންނަކީ އާޖެންޓީނާ މީހެއް، ބޯޅަ އިދިކޮޅު ކުޅުންތެރިޔާގެ ކައިރިން ނައްޓާލުމަށް ތިނެއް ނުވަތަ ހަތަރު ޓަޗް ކުރަން އަހަރެން ޝާއުގުވެރިވޭ، ނަމަވެސް އެއީ އޭނާ [ގާޑީއޯލާ] ބޯޅައިގައި ތިން ހަތަރު ޓަޗް ކުރަން ބޭނުންވާ ގޮތް އަހަރެން ބުނިން ނުވާނެ ކަމެކޭ ތިއީ، ނަމަވެސް އޭގެ އަހަރު ތަކެއް ފަހުން އަހަންނަށް ފެނުނު ޕެޕް [ގާޑިއޯލާ] ބާސެލޯނާގައި އޭނާ އެ ބުނި ގޮތަށް ކުޅުވާ މަންޒަރު."

މެކްސިކޯގައި ފަސް މަސް ދުވަސް ގާޑިއޯލާ އާއެކު ހޭދަ ކުރި، މޯރަލްސްގެ މި އިންޓަވިއުއުން ގާޑިއޯލާގެ ފުޓްބޯޅަ ފިލޯސަފީ ވަރަށް ރަނގަޅަށް އޮޅުން ފިލައެވެ. ބާސެލޯނާގެ އެކެޑެމީ، "ލަ މާސިއާ" ގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށް ގާޑިއޯލާ ބާސާއިން ނެރުނު މޭވާ އަކީ އެއީ އެވެ.

ބާސެލޯނާ ދޫކޮށް، ޖަރުމަންގެ ބަޔާން މިޔުނިކަށް ގާޑިއޯލާ ބަދަލުވުމުން، ގިނަ ބަޔަކު ބުނީ ބާސާގައި ކުޅުނު ގޮތަށް ބަޔާންގައި ނުކުޅެވޭނެ ކަމަށެވެ. އެ ބުނި ވާހަކައިގެ ކުޑަ ޕަސަންޓެއް ތެދު ކަމަށް ބުނަން ޖެހެ އެވެ. ބާސެލޯނާގައި އެކަން ކުރި ގޮތަކަށް ބަޔާންގައި ޕެޕް އަކަށް ނުކުރެވު ނެވެ. މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގްގެ މެންޗެސްޓާ ސިޓީއަށް ގާޑިއޯލާ ބަދަލުވުމުން އަދި އެ ވާހަކަ ދެއްކި ރާގު ތަފާތުވި އެވެ. އިނގިރޭސި ލީގަކީ ދުނިޔޭގެ އެންމެ އުނދަގޫ ލީގަށް ވުމުން އެ ސްޓައިލް ގާތްކުރާ މިންވަރަށްވެސް ސިޓީގައި ތަންފީޒު ނުކުރެވޭނެ ކަމަށް ބުންޏެވެ.

ތެދެކެވެ. ބާސާގައި ޕެޕް އެކަން ކުރިހާ ރީތިކޮށް، ބަޔާން އާއި ސިޓީގައި ނުކުރެ ވެއެވެ. ސަބަބުވެސް އެބައޮތެވެ. އެއީ ގާޑިއޯލާ އެ ދެ ޓީމާ ހަވާލުވީ އެހެން ބައެއް ކޯޗުން ވަކި ފިލޯސަފީއަކަށް ބައްޓަން ކޮށްފައި އޮތް ސްކޮޑެއް އޮއްވައެވެ. އެ ދެ ކުލަބުގައި އޭނާ ބޭނުންވާ ގޮތަށް ބަދަލު ކޮށްލަން އިތުރު ވަގުތުތަކެއް ނެގީވެސް އެހެންވެ އެވެ.

ބާސެލޯނާގައި އޭނާގެ ސްޓައިލް އޭގެ އެންމެ ފައްކާ ގޮތުގައި އޭނާ އަށް ގެންދެވުނީ އެންމެ ދަށުން ފެށުމުން ނެވެ. ޕެޕްގެ އިރުޝަދުގެ ދަށުން ލަ މާސިއާ އިން ތަމްރީން ވަމުން ދިޔަ ކުޅުންތެރިން ސީނިއާ ކެރިއާ އަށް ދިޔައިރު ތިބީ ގާޑިއޯލާގެ ފިލޯސަފީއަށް ރަނގަޅަށް ލޮނު ހެޔޮވަރު ކޮށްލާފަ އެވެ.

ގާޑިއޯލާގެ ފިލޯސަފީއަށް ސިޓީ ފައްކާ ކޮށްފައިވާ ގޮތް ދެނެގަތުމަށް، މިދިޔަ މަހު ޗެލްސީއާ ދެކޮޅަށް، އެ ޓީމު ކުޅުނު މެޗު، ކޭސް ސްޓަޑީއެއްގެ ގޮތުގައި ނަގާނަމެވެ.

މެޗުގެ ފޯމޭޝަން ކަރުދާހަށް ތިލަ ކޮށްލުމުން، އެ މެޗުގައި ސިޓީގެ ފޯމޭޝަން ގާޑިއޯލާ އަތުރާލައިފައި ވަނީ 4-3-3 އަށް ނުވަތަ 4-1-4-1 ގެ ފޯމޭޝަނަށް ހެން މެޗުގައި ހީވެ އެވެ. ނަމަވެސް ޕެޕް މީގެ ކުރިން ކޯޗް ކޮށްދިން ދެ ޓީމާ، ސިޓީގެ ކުޅުމާ އެއްގޮތް ގޮތެއް ހުރީ އެހެން ކަމަކުން ނެވެ. އެއީ ޑިފެންސް ކުރާއިރު ބައެއް ފަހަރު ފަހަތުގައި ނުވަ ކުޅުންތެރިން ތިބެފައި އެޓޭކް ކުރާއިރު މުޅި ޓީމު ޗެލްސީގެ ހާފުގެ ތެރެއަށް ވަދެ ތިބޭތީ އެވެ. ހީވަނީ 12 މީހުން ހިމަނައިގެން ސިޓީ ކުޅޭ ހެން ނެވެ.

އަރިމަތިން ކުޅުނު، ލިރޯއީ ސަނޭ އާއި ރަހީމް ސްޓާލިން ވަނީ މުޅި މެޗުގައިވެސް އަރިމަތިން ދެ ފާތުގެ ބޭރު ރޮނގު ކައިރިން ކުޅެފައެވެ. އަދި ޗެލްސީގެ ހާފުގެ ތެރެއަށް ކޮންމެ ފަހަރަކު ވަދެ އެ ޓީމުގެ ފަހަތް ދެ ފަރާތުގެ އަރިމަތިން ފޫއަޅުވާލަފައި ދާން އުޅޭހެން ހީވެ އެވެ. ނަތީޖާއަކަށްވީ އެ ދެ ކުޅުންތެރިންނަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހިގެން ޗެލްސީގެ މައި ތިން ޑިފެންޑަރުންނަށް ދިފާއީ ރޮނގަށް ވުރެ ކުރިއަށް ޖެހިލުމުގެ ފުރުސަތު ނުދިނުމެވެ.

ޗެލްސީގެ 11 ގައި ދެން ހިމެނުނު، ސެންޓްރަލް ތިން މިޑްފީލްޑަރުންނާއި ދެ ފޯވަޑުންގެ ޖާގަތައް ހަންޏެވެ. މީގެ ސަބަބުން މެން ސިޓީގެ މައި ދެ ޑިފެންޑަރުންނަށް ދަނޑުގައި ފުޅާކޮށް ފެތުރިލުމަށް ފުރުސަތު ލިބުނެވެ. އަނިޔާގެ ސަބަބުން ކަނާތު ބެކް ބެންޖަމިން މެންޑީ ނެތުމުން ކަނާތު ބެކް ބެލެހެއްޓީ، މިޑްފީލްޑާ ފޭބިއަން ޑެލްފް އެވެ.

ޑެލްފް ވަނީ މުޅި މެޗުގައިވެސް ވަރަށް ރަނގަޅަށް ގާޑިއޯލާ އޭނާއާ ހަވާލު ކުރި ޒިންމާ އަދާ ކޮށްފަ އެވެ. އޭނާގެ މަސްއޫލިއްޔަތަކީ ވާތް ފަރާތުގައި ހުރެ މެދު ތެރެއަށް އައިސް ސެންޓްރަލް މިޑްފީލްޑަރެއްގެ ގޮތުގައި ޓީމުގެ މެދުތެރެ އޮޕަރޭޓް ކުރުމެވެ.

ކަނާތް ފަރާތް ބެލެހެއްޓި، ކައިލް ވޯލްކާ ވެސް ވަނީ ހަމައެގޮތަށް މެދުތެރެއަށް ޖެހިލައި، ޑެލްފްއާ އެކު މެދުތެރެ އޮޕަރޭޓް ކުރުމުގައި ދައުރު އަދާ ކޮށްފަ އެވެ. ޑެލްފް އާއި ވޯލްކާގެ އަދާ ކުރި އެ ދައުރުގެ ސަބަބުން، މެދުތެރޭގައި އަރިމަތިން ހަރަކާތްތެރިވި އެޓޭކިން ދެ މިޑްފީލްޑަރުން ކަމަށްވާ ޑޭވިޑް ސިލްވާ އާއި ކެވިން ޑި ބްރޭނޭ އަށް އިތުރަށް ކުރިއަށް ޖެހިލުމަށް ފުރުސަތު ލިބިގެން ދެއެވެ. ޗެލްސީގެ ހާފުގެ ތެރޭގައި ތިބެގެން ސިޓީން، ޗެލްސީއަށް އޯވާލޯޑް ކޮށްލީ އެވެ. މިއީ ރިސްކް އޮތް ޓެކްޓިކެއް ނަމަވެސް ސިޓީއަށް ބޯޅަ ޑޮމިނޭޓް ކޮށްގެން ކުޅެން މަގު ފަހި ވިއެވެ.

މިދިޔަ ސީޒަންގައިވެސް ސިޓީން މި ސިސްޓަމަށް ކުޅެން މަސައްކަތް ކުރި އެވެ. ނަމަވެސް އެފެންވަރަށް އެ ދެވޭ ވަރަކަށް ކުޅެވޭނެ ކުޅުންތެރިން ނެތުމުން، ގާޑިއޯލާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އަދި ޕްރިމިއާ ލީގްގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް އެކަން ކުރަން އުޅެގެން ސިޓީއަށް ބައެއް މެޗުތަކުން ލިބުނީ ނުބައި ލަނޑެ ކެވެ.

މިޑްފީލްޑް ލައިންގެ އެހީގައި ގާޑިއޯލާ، ސިޓީ އަތުގައި މެޗުގެ ކޮންޓްރޯލް ހިފެހެއްޓި އެވެ. އަދި އެކަމުގެ ސަބަބުން ޗެލްސީގެ ޑިފެންޑަރުންވެސް ފެނުނީ ބިޒީ ކޮށެވެ. އަދި ހަމަލާ އުފައްދަން މަސައްކަތް ކުރާއިރު ފޯވަޑުންނަށް އެހީވުމަށް އިތުރު ކުޅުންތެރިޔެއް ފޯވަޑްލައިނަށް ކޮށްޕާލައެވެ. އަދި އެ ކުޅުންތެރިޔާ މެދުވެރިކޮށް "ވަން ޓޫ' ޕާސް އުފައްދައި، ޕެނަލްޓީ އޭރިއާގެ ބޮކްސް ސަރަހައްދުގައި ސިޓީގެ ނުފޫޒު ގަދަ ކޮށްލަ އެވެ. އަދި މިހެން ހެދުމުން ޗެލްސީގެ މިޑްފީލްޑް ލައިންގައިވެސް ހަމަހަމަ ކަން ގެއްލެ އެވެ.

ޗެލްސީގެ ސެންޓްރަލް މިޑްފީލްޑަރެއްގެ ރޯލް އަދާ ކުރި ޓައިމޫ ބަކަޔޯކާއަށް މެޗުގެ ސްޕީޑް ހިފެހެއްޓުނީ ކުޑަ ވަގުތު ކޮޅަކަށެވެ. ސެސް ފެބްރިގާސްއަށް ސަޕްލައި ކޮށްދޭނެ ބޯޅައެއް ނުލިބުނެވެ. އެޑެން ހަޒާޑްވެސް ދައުރު ފަނޑުވެ ހުރީ "ގެއްލިފަ" އެވެ.

ޗެލްސީގެ އަތް ދަށަށް ބޯޅައިގެ ކޮންޓްރޯލް ގެންނަން އުޅުނު ނަމަވެސް އެޓީމަށް އިތުރަށް ގޮންޖެހުން ކުރިމަތިވީ ފުރަތަމަ ހާފުގެ ވަކި ހިސާބަކުން އަލްވާރޯ މޮރާޓާ އަށް އަނިޔާވެގެން ބާލަން ޖެހުމުންނެވެ. އަދި ޓީމު ގެ ޑިފެންސް ރޫޅާލައި އެކުއެކީގައި ކުރިއަށް ދެވޭނެ ފުރުސަތެއްވެސް ޗެލްސީގެ ޑިފެންޑަރުންނަށް ނުލިބުމުން ނެވެ.

ގާޑިއޯލާ، ސިޓީގެ ކުޅުންތެރިން ދަނޑުމައްޗަށް ނެރެ ދަނޑުގެ އެކި ހިސާބުތަކަށް ބަހާލިގޮތުން ޕާސް އުފައްދަން އެކުޅުންތެރިންނަށް ޖާގަ ލިބިގެން ދިޔަ އެވެ. މުޅި ޓީމުގެ ޕާފޯމަންސް ބިނާވީ އެކަމުގެ މައްޗަށެވެ. ޖޯން ސްޓޯންސް އާއި ސަނޭ މާ ބޮޑަށް ފާހަގަ ނުވިނަމަވެސް ޕޮސެޝަންގައި ޓީމު 2-3-2-3 (ނުވަތަ 2-3-5) އަށް ފެތުރިލުމުން ސިލްވާ އާއި ޑިބްރޭނޭ އަށް އެކުޅުންތެރިންގެ މަގާމާ ހަމަޔަށް ފޯރުމުގެ ކުރިން އެޑްވާންސް ކޮށް ޕާސް ލިބެ އެވެ.

ސިޓީގައި ގާޑިއޯލާ ބައްޓަން ކުރާ އޭނާގެ ފިލޯސަފީގައި ނިކޮލަސް އޮޓަމެންޑީ އަށް ބޮޑު ދައުރެއް އޮވެ އެވެ. އޭނާ ހުރި މަގާމުން [ޑިފެންސުން] އަވަހަށް ބޭރުވެ އޭނާ އުފައްދަން ޖެހެނީ އެންމެ ޕާހެކެވެ. އަވަހަށް އެ ޕާސް ދީފައި އޭނާގެ މަގާމަށް ރުޖޫއަ ވާން ޖެހެ އެވެ.

އޮޓަމެންޑީ އުފައްދާ އަވަސް ޕާސް ފޯރާ ހިސާބުގައި ޑި ބްރޭނޭ ހުންނަން ޖެހެއެވެ. ޑިބްރޭން ލަންޑު ޖެހީވެސް އޮޓަމެންޑީ އުފެއްދި ޕާސް ލިބިގަނެ ގެބްރިއަލް ޖީސަސްއާ ދެކުޅުންތެރިން "ވަން ޓޫ" ޕާސް އުފައްދައި ތަނަވަސް ކުރި ބޯޅައިން ނެވެ.

މިއީ 1-0 ން މޮޅުވެ ސިޓީއަށް ނަތީޖާ ނެރެވުނު މެޗެއްގެ ސްޓަޑީއެކެވެ. ނަމަވެސް މި ސީޒަންގައި ގާޑިއޯލާ ވަނީ ދުނިޔޭގެ އެންމެ އުނދަގޫ ލީގްގައި އޭނާ ފިލޯސަފީ ދަމަހައްޓަން ފަށާފަ އެވެ. ދެން އޮތީ ސީޒަން ނިމޭއިރު ކާމިޔާބުގައި ދެމެހެއްޓުމެވެ. ސިޓީއަށް ތަށި ހޯދައި ނުދެވިއްޖެނަމަ އޭނާއަށް އެޓީމުގެ ވަޒީފާ ގެއްލޭނެ ކަމަށް ގާޑިއޯލާ ވެސްއޮތީ ބުނެފަ އެވެ.