ގްރީސްގެ އޮލިމްޕިއާކޯސްއާ ދެކޮޅަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދި މެޗުގައި ލިއޮނަލް މެސީ ކާމިޔާބު ކުރި ލަނޑާއެކު، ޔޫރަޕްގެ މުބާރާތްތަކުގައި މެސީ 100 ގޯލް ހަމަ ކޮށްފި އެވެ.
ޔޫރަޕްގައި މެސީ އެންމެ ފުރަތަމަ މެޗެއް ކުޅުނީ، 2004 ވަނަ އަހަރު ޑިސެމްބަރު މަހު ޝަހްތަރު ޑޮނެސްކްއާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގްގައި އޭނާ އެންމެ ފުރަތަމަ ލަނޑެއް ޖެހީ ގްރީސްގެ ޕެނާތިނަކޯސްއާ ދެކޮޅަށެވެ. އޭނާ ވަނީ ޔޫރަޕްގައި 37 ޓީމު ކޮޅަށް ލަނޑު ޖަހާފަ އެވެ. އަދި ހަތް ޓީމަކާ ދެކޮޅަށް ކުޅެ ލަނޑު ނުޖެހޭ ހަތް ޓީމުވެސް އެބައޮތެވެ.
ޗެމްޕިއަންސް ލީގްގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގައިވެސް، މެސީ އަށް އެ ޓީމު ކޮޅަށް އެންމެ ގޯލެއްވެސް ޖެހިފައެއް ނުވެ އެވެ.
މެސީގެ އެންމެ ހާއްސަ ފެވަރިޓަކީ، އާސެނަލް އެވެ. އާސެނަލްއަކީ އެޓީމަކާ ދެކޮޅަށް، އޭނާ އެންމެ ގިނައިން ލަނޑު ޖެހި ޓީމެވެ. އާސެނަލް ކޮޅަށް އޭނާ ވަނީ ނުވަ ލަނޑު ޖަހާފަ އެވެ. ދެ ވަނައިގައި އުޅޭނީ އޭސީ މިލާން އާއި ސެލްޓިކް އެވެ. އެ ދެޓީމު ކޮޅަށްވެސް އަށް ލަނޑު ޖަހާފައި ވެއެވެ.
މެސީ އަކީ، ޔޫރަޕްގައި 100 ގޯލް ހަމަ ކުރި ދެ ވަނަ ކުޅުންތެރިޔާ އެވެ. ސެތާކަ ގޯލް ހަމަ ކުރި ފުރަތަމަ ކުޅުންތެރިޔަކީ، ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ 100 ގޯލް ހަމަ ކުރީ 143 މެޗުގަ އެވެ. ނަމަވެސް މެސީ 100 ގޯލް ހަމަ ކުރީ 122 މެޗު ގައެވެ.
ރޭގެ މެޗުގައި ބާސާއިން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ، އޮލިމްޕިއާކޯސްގެ ނިކޮލޮއު އަތުން ބައިކޮޅަށް ވަން ލަނޑކެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ޑިފެންޑަރު ޖަރާޑް ޕީކޭ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފަ އެވެ.
ބާސާގެ ލީޑް ތިން ލަނޑަށް ފުޅާ ކުރީ ދެ ވަނަ ހާފަުގައި އެކަކު މަދު ކޮށް ކުޅެ އެވެ. ދެ ވަނަ ލަނޑު މެސީ ކާމިޔާބު ކުރީ 61 ވަނަ މިނެޓްގައެވެ. އޭގެ ތިން މިނެޓް ފަހުން، ތިން ވަނަ ލަނޑު ލޫކަސް ޑިގީން ކާމިޔާބު ކުރީ މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ. އޮލިމްޕިއާކޯސްގެ ހަމަ އެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ ނިކޮލައު އެވެ.