ވާހަކަ

މިންނުގެ ޑައިރީ

(17 އޮކްޓޯބަރ 2017 އާ ގުޅޭ)
އަވަސްއަވަހަށް ހިންދިރުވާލެވުމާއެކު ހަފިއްތައަށް އަހަރެން ބަލާލީމެވެ. އޭނާގެ އެ ބެލުމުން އަހަންނަށް އުނދަގޫވިއެވެ. ހީވަނީ ގޭގެ އެހެންމީހުންނަށް ނޭނގޭކަމެއް އޭނާއަށް އެނގެނީ ހެންނެވެ. ޚާއްޞަކޮށް ހައިކަލްއާއި އަހަންނާ ދެމެދު ހިނގާ ކަންތައްތަކެވެ. އެކަމާ ސުވާލެއްކޮށް އެއްޗެއް ބުނާނޭ ހިތްވަރެއް އަހަރެންގެ ނެތެވެ. އެހެންވެ ހިމޭންކަން ޚިޔާރުކުރީއެވެ.

އަޒާން: "މިހާރު ހާލު ކިހިނެއް؟ އިރުކޮޅަކުން އެބަ ދަން އިނގޭ"

އަހަރެންގެ ހާލު ރަނގަޅު ކަމުގައި އަޒާންގެ ގާތުގައި ބުނީމެވެ. އަޒާން ބައްދަލުކޮށްލަން އަންނަނީކަން އެނގި އަހަންނަށް ހިތްހަމަޖެހުން ލިބުނެވެ. ހަފިއްތަގެ ސަބަބުން ލިބުނު ނުތަނަވަސްކަން އަޒާންއާ ބައްދަލުވީމާ ފިލައިގެން ހިނގައިދާނޭ އަހަރެންގެ ހިތް ބުނަމުންދިޔައެވެ. އަނެއްކޮޅުން މިއަދު އުޅެވުނީ އަޒާންއާ ވަރަށް ދުރުދުރުންނެވެ. އެހެންވީމާ އޭނާ މިރޭ ބައްދަލު ކުރާން އައުމުން އެހާ އަވަހަށް ފޮނުވާލުމުގެ ގަސްދެއް އަހަރެންގެ ނެތެވެ. މަޑުމަޑުން ހަމަޖެހިލައިގެން ހުރެ އަޒާން އަންނާން ވާއިރަށް އަހަރެން ތައްޔާރުވާން ފެށީމެވެ.

ރޭގަނޑު ނުވައެއްޖަހާ ދިޔަފަހުން ގޭގެ ދޮރާށިން ސަލާމްގޮވާލާފައި ބޯދިއްކޮއްލީ އަޒާނެވެ. އަހަރެން ޖޯލީގައި އިނދެފައި ފުންމައިގެން ތެދުވީމެވެ. އެތެރެއަށް އައުމަށް އަޒާނަށް އަވަހަށް އިޝާރާތްކޮށްލީމެވެ. ހިނިތުންވެލައިގެން ހުރި އަޒާންގެ މޫނު ފެނުމުން އަހަންނަށް ބުނެދޭން ނޭގޭހާ ހިތްހަމަޖެހުން ލިބިގެންދިޔައެވެ. އަހަރެންގެ ގާތުގައި އައިސް މަޑުކޮށްލުމާއެކު ސިޓިންރޫމު ދޮރާ ދިމާއަށް އަވަސް ނަޒަރެއް ދީފައި އަހަރެންގެ ނިތްކުރީގައި ނިކަން ލޯތްބާއެކު އަޒާން ބޮސްދިނެވެ. އަދި އަހަރެންގެ އަތުގެ ދެފަރާތުން ފިރުމާލާފައި މިހާރު ބޮލުގައިރިހުން ކިހިނެއްހޭ އެހިއެވެ. ޖޯލީގައި އަޒާން ބައިންދަބައިން ރަނގަޅު ކަމުގައި އަހަރެން ބުނީމެވެ.

ކުޑަކުއްޖަކު އަރާ އިންނަ ފަދައިން އަޒާންގެ އުނގުގެ ތެރޭ އަހަރެން އެތަށް އިރެއްވާންދެން އިނީމެވެ. ދެ މީހުން ލޯބީގެ އެކިއެކި ވާހަކަތައް ދެއްކީމެވެ.

އަޒާން: "އަހަރެން މިންނުއަށް ހަދިޔާއެއް ގެނައިން"

އަހަރެންގެ އުނަގަނޑުގައި އަޅުވާލާފައި އޮތް އަޒާންގެ ދެ އަތުން ކަނާތް ނަގަމުން އަޒާން ބުންޏެވެ. އަޒާންއަކީ މާ ބޮޑު މުއްސަންޖެއްނޫންކަން އަހަންނަށް އެނގެއެވެ. ހަދިޔާތަކަކަށްވުރެ ޚުދު އަޒާން އަހަރެންގެ ގާތުގައި ހުރުމުން އަހަންނަށް ފުދެއެވެ. އެހެންވެ އަޒާން ގެނެސްދިން އޯކިޑު މާ ކޯނި ދައްކާލާފައި އެވަރުން ފުދެއޭ އަހަރެން ބުނީމެވެ. އަހަރެން އެހެން ބުނުމާއެކު އަޒާން ފެށީ ހޭށެވެ.

އަޒާން: "އައި ލަވް ޔޫ! މިންނުގެ ތި ސިމްޕަލް ގޮތް އަހަންނަށް އެންމެ ކަމުދަނީ... އެހެންވިޔަސް މިންނުއަށް ހަދިޔާ ދޭ ހިތް އަހަރެން ވޭ. ތެދުވެބަލަ!... މިހެން ހުރޭ! އަހަރެން ބުނަންދެން ލޯ މަރައިގެން އިނގޭ ހުންނާނީ"

އަޒާންގެ އުނގުން އަހަރެން ތެދުވުމާއެކު އޭނާއަށް ފުރަގަސް ދީގެން ހުންނަ ގޮތަށް އަހަރެން ބެހެއްޓިއެވެ. އަޒާން އެދުނު ފަދައިން އަހަރެންގެ ދެ ލޯ މަރާލީމެވެ. އެހެން ހުއްޓާ އަޒާންގެ އަތުން އަހަރެންގެ ދޯޕައްޓާ މަޑުމަޑުން ދަމައިގަތްކަން އެނގި މޭގައި އަތް ޖައްސާލެވުނެވެ. އަހަރެންގެ ހަރަކާތާއެކު އަޒާން އަނެއްކާ ވެސް ލޯ ނުހުޅުވުމަށް އެދުނެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. ވާންއުޅޭ ގޮތެއް ނޭނގުނުނު ނަމަވެސް އަހަންނަށް ހުރެވުނީ ހިނިތުންވެލައިގެންނެވެ. ފަހަތަށް ދޫކޮށްލެވިފައި އޮތް އަހަރެންގެ ދިގު އިސްތަށިގަނޑު އެއްފަރާތްކޮށްލާ ކަނދުރާގައި އަޒާންގެ ހޫނު ނޭވާއާއެކު އޭނާގެ ތުންފަތް ބީހިގެން ދިއުމުން އޭނާއަށް ގޮވާލެވުނީ ބޭއިޚްތިޔާރުގައެވެ. ހަމަ އެހިނދު ކަރުގައި ދިގުކޮށް އޮތް ފިނި އެއްޗެއް ޖެހުނު ކަމުގެ އިހުސާސް ކުރެވުނެވެ. ވަގުތުން ކަރުގައި އަތްޖައްސާލެވުނެވެ.

އަޒާން: "ދެން ލޯ ހުޅުވާލާ"

އަޒާން އެހެން ބުނާންވި އިރު އަހަންނަށް ލޯ ހުޅުވާ ލެވިއްޖެއެވެ. އަދި ކަރުގައި އަތް ޖައްސާލެވުމާއެކު އެއީ ކޮންއެއްޗެއްކަން އަހަންނަށް އެނގިއްޖެއެވެ. ރިހިކުލައިގެ އެ ފަށުގައި އަޒާންގެ ނަން ފެށޭ އަކުރު ވިއެވެ. އެ ހަދިޔާ ވަރަށް ބޮޑަށް ވެސް ކަމުގޮސްފިއެވެ. ލޯބިން ފަށުގެ ފުލާ ކުޅެލެވުނެވެ. އެފަދަ ހަދިޔާއެއް އަޒާން ދިނުމުން އޭނާގެ ގައިގާ ބައްދާލެވުނީ އިޚުތިޔާރުން ބޭރުގައެވެ.

އަޒާން: "ހުރިހާ ވަގުތަކު މިންނުގެ ގާތުގައި އަހަންނަށް ނުހުރެވުނަސް މި ފަށް އަހަރެންގެ މަތިން މިންނުއަށް ހަނދާންކޮށްދޭނެ. އެފަދަ ކޮންމެ ވަގުތު ހަނދާންކުރައްޗޭ މި އަޒާން ތި މިންނުދެކެ އިންތިހާއަށް ލޯބިވާކަން. ދުވަހަކު ވެސް ތި ފަށް މިންނުއާ ވަކި ނުކުރައްޗޭ. އަހަރެންގެ ލޯބީގެ ނިޝާނެއް ތީ"

އުފަލުން ހުރެ ނިކަން އަވަސްއަވަހަށް އަހަރެން ބޯޖަހާލީމެވެ. އިހު ތިބިގެން ޖޯލީގައި އަހަރުމެން އިށީނީމެވެ. އަޒާންގެ ލޯތްބާ މެދު އަހަރެން ކުޑަކޮށް ވެސް ޝައްކެއް ނުކުރަމެވެ. އަހަރެންގެ ލޮލުން އަޒާނަށް ބަލައިފިނަމަ އެއީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ފުރިހަމަ އިންސާނާކަން އެނގޭނެއެވެ. އަހަރެންގެ ހުރިހާ އުފާވެރިކަމަކާއި ހިތްހަމަޖެހުމެއް ގުޅިފައިވަނީ އެ އިންސާނާއެވެ.
ހީކުރެވުނު ގޮތަށް އަޒާނާ ބައްދަލުވެވުމުން އަހަރެންގެ ބޮލުގައި އެއްގޮތަކަށް ވެސް ނުރިއްސާ ފަދައެވެ. އެހާ ވެސް މީހާ ހުރީ ހަމަޖެހިފައެވެ. ހައިކަލް ވެސް އަހަރެންގެ ގެއަށް އައިސް ގުޅުން ބަދަހި ކުރާން އެހާ ވަރަކުން އުޅުނީ ކީއްވެކަން މިހާރު އެނގިއްޖެއެވެ. އޭނާގެ ބޭނުން ނުފުދޭނޭކަން އެނގުމުން އެކަން ވިސްނުނީތީ އަހަރެން ހިތްހަމަޖެހުނެވެ. އޭނާ ގެއަށް ނާންނަތަނުގައި އެހެންޏާ އަންނަ ފަދަ ރަތްފިނިފެންމާ ބޮނޑިއެއް ވެސް މިރޭ ނުފޮނުވައެވެ. އޭނާގެ އުނދަގޫތައް ހުއްޓުނީތީ އަހަރެން ނިދަން އަރާ މި އޮތީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. މިހާރު ބޭނުންވަނީ ލޯ މަރާލާ އަޒާންގެ ފޮނިފޮނި ހުވަފެންތަކުގެ ތެރެއަށް ފީނައިގަންނާށެވެ. މިރެއަކީ ބާއްޖަވެރި ރެއެކެވެ.

* * * * *

ފަތިސް ނަމާދުން އަހަރެންގެ ދުވަސް ފެށުނީއެވެ. މިއަދުވެގެން ދިޔައީ ވަރަށް ހިތްގައިމު ދުވަހަކަށެވެ. އުޑުމަތީ ކަޅު ވިލާގިނަވެ ބަނަކޮށް ދެއްކިކަމުގައިވިޔަސް އަހަރެން މިހިރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އޮފީސް ނިންމާފައި ގެއަށް އައިއިރު ބާރުވައިރޯޅި ތަކާއިއެކު އަހަރެންގެ ދިގު އިސްތަށިގަނޑު ވަޔާ ނަށަމުން ދިޔައިރުވެސް އަހަންނަށް އުނދެގުލެއްނުވެއެވެ. ފިނިފިނި ރޯޅިތައް ބީހިލާ ކޮންމެ ފަހަރަކު ސައިކަލު ދުއްވަން އިން އަޒާންގެ ގައިގާ ބާރަށް ހިފަހައްޓާލެވެއެވެ. މަގުތަކުގައި ހޭލަމޭލަވަމުންދިޔަ މީހުންގެ ހަރަކާތްތަށް ވަނީ އަވަސްވެފައެވެ. އަވަހަށް އެމީހެއް ދާން ބޭނުންވާ މަންޒިލަށް ދެވޭތޯއެވެ. ވާރޭގެ އަތްދަށުން ސަލާމަތްވެގެންނެވެ.

އަހަރެން ގެއަށް އައިއިރު ގޭދޮރުމަތީ ރަތްކުލައިގެ ވަރަށް ރީތި ކާރެއް އޮތެވެ. މީގެ ކުރިން މި ގޭ މަގުގަ ކާރެއް ޕާކުކޮށްފައި އޮއްވާ ނުދެކެމެވެ. އެވެސް އަހަރެންގެ ގޭ ކައިރީގައެވެ. ސައިކަލުން އަހަރެން ފޭބުމާއެކު އަޒާން މަޑުނުކޮށް ދުއްވާލީ ވާރޭ އޮއްސާލުމުގެ ކުރީން އޭނާ ވެސް ގެއަށް ދާން ބޭނުންވެގެންނެވެ. ފަހުން ގުޅާނަން ކަމަށް ބުނެ އަހަރެން ދޮރޯށި ދޮށުގައި މަޑުކޮށްލީމެވެ. އަޒާން ގޮސް ލޮލުކޮޅަށް ގެއްލެން ދެން ބަލަން ހުރީއެވެ.

ދޮރޯށި ހުޅުވާލާފައި ގޭތެރެއަށް ވަންއިރު އަނބުގަގުހެ ހިކި ފަތްތައް ވަޔާއެކު ބިންމައްޗަށް އެޅެމުންދިޔައެވެ. ދޮރާށި ލައްޕާލާފައި ސިޓިން ރޫމާ ދިމާއަށް ހިނގައިގަތްއިރު ގޭތެރެއިން ފިރިހެނަކު ވާހަކަދައްކާ އަޑު އިވެއެވެ. އެ އަޑުގައި ދަންނަ ގޮތެއް ހުއްޓެވެ. އަހަރެން ސިޓިން ރޫމަށް ވަންނަން އުޅެފައި ހުއްޓުން އެރީ ފުރަގަސް ދީގެން ސޯފާގައި އިން ޒުވާނާ ފެނުމުންނެވެ. ފާޑަކަށް އަހަރެންގެ ހަތަރެސްފައި ފިނިވީއެވެ. މެޔަށް ބުނެދޭންނޭގޭ ގޮތްތަކެއްވެގެން ދިޔައެވެ. އަހަންނަށް އެއީ ހައިކަލް ނޫންދެވަނަ މީހަކަށް ނުވާނެކަން ޔަގީނެވެ. ސުހައްތަ އެތެރެއަށް އައުމަށް ގޮވާލުމާއިއެކު ސޯފާ އިނދެފައި އެ ޒުވާނާ އަވަސް އަވަހަށް އެނބުރި އަހަންނަށް ބަލާލިއެވެ. އެއާއެކު އެއީ ހައިކަލްކަން ޔަގީން ވެއްޖެއެވެ. އޭނާ އަހަންނަށް ހިނިތުންވެލިއެވެ. ހަލުވިކޮށް އަހަރެންގެ ކޮޓަރިއަށް ދިއުމަށް އަވަސްވެލީ ސުހައްތަ ގޮވާލުމުން އޭނާއަށް ޖަވާބެއް ވެސް ނުދީއެވެ.

ކޮޓަރިތެރެއަށް ދެމިގަތުމާއެކު ތަންކޮޅެއް ބާރަށް ކޮޓަރީގެ ދޮރު ލައްޕާލެވުނެވެ. ކޮނޑުގައި އޮތް ދަބަސް އެނދުމައްޗަށް އެއްލާލައިފައި އަހަންނަށް ކޮޓަރިތެރޭ ދެކޮޅަށް ހިނގަންފެށުނެވެ. ހާސްވެގެންނެވެ. ސިކުނޑިއަށް އެތަކެއް ސުވާލުތަކެއް ޖަމާވެގެންނެވެ. ހައިކަލް އާއި ހެދިއެވެ. އަހަރެން ހީކޮށްގެން ހުރީ ދެން އޭނާ މިގެއަށް ނާންނާނެ ކަމަށެވެ. ހުރިހާ ހަޤީޤަތެއް އެނގިހުރެ ވެސް އޭނާ އެ އައީ ކީއްވެބާއޭ އަހަރެންގެ ޟަމީރާ ސުވާލުކުރެވުނެވެ. ފުންނޭވާއެއް ލުމާއެކު އަހަރެން އެނދުގައި އިށީނީމެވެ. ދެއަތުން މޫނުފޮރުވާލީމެވެ. ލިބިފައިވާ ހާސްކަން ހިތުން ނެރެލުމަށް މަސައްކަތް ކުރީމެވެ. ހަމައެވަގުތު ވާރޭގެ ތިކިތަށް ފުރާޅަށް އޮހިގަތް އަޑު އިވިގެންދިޔައެވެ. އަޞުރު ނަމާދުނުކޮށް ހުރުމުން ނަމާދަށްވުރެ ހިތާއި ނަފްސަށް ހަމަޖެހުން ލިބޭނޭ އެހެންކަމެއް ނުވާނޭކަން އެނގި އަހަރެން އަވަސްވެލީ ނަމާދަށް އެރުމަށެވެ.

އޮފީހުން އައިސް ކޮޓަރިއަށް ވަން ގޮތަށް އަހަރެން ނުނިކުންނަމެވެ. ހަވީރު ވެގެން ދިޔައިރު ވެސް އެނދުގައި އޮށޯވެލައިގެން އޮތީއެވެ. ވެހެމުންދިޔަ ވާރޭގެ އަޑަށް ހުރިހާ ސަމާލުކަމެއް ހުއްޓާލައިގެންނެވެ. އެހެން އޮވެފައި ހަނދާންވީ ބޯކޮށް ވާރޭ ވެހޭ ކަމަށްވާނަމަ މިރޭ އަޒާންއާ ބައްދަލުކުރުމުގެ ފުރުޞަތެއް ނުލިބޭނޭކަމެވެ. އެ ވިސްނުމުގައި އޮވެފައި ތެދުވެ އަޒާނަށް ގުޅާލީމެވެ. ނަމަވެސް އޭނާ ފޯނެއް ނުނެގިއެވެ. އޮފީހުން ގެއަށް ގޮސް އާދައިގެ މަތިން އޭނާ ނިދީއޭ އަހަރެންގެ ހިތް ބުންޏެވެ. ފޯނުގެ އަތްގަނޑު ބާއްވާލެވުނު ތަނާ ކޮޓަރީ ދޮރުގައި ޓަކިދޭ އަޑު އިވުނެވެ. އެހެންވެ އައިސް ދޮރުހުޅުވާލީއެވެ.

އަހަރެންގެ ކޮޓަރިއާއި ސިޓިންރޫމަށް ވަންނަ ދޮރާ ދޭތެރެ އޮންނަނީ އެއްކޮށް ހިޔާނުކޮށެވެ. ވާރޭގެ ތެރޭގައި ކުޑައެއް ނަގައިގެން ދޮރުމަތީ ހުރީ ސުހައްތައެވެ. އަހަރެން އެތެރެއަށް ޖެހިލުމާއެކު ސުހައްތަ ކުޑަ ލައްޕާލާފައި ކޮޓަރި ކައިރީ ބަހައްޓާލިއެވެ. އަދި އެތެރެއަށް ވަނެވެ.

ސުހާ: "އޮފީހުން އައި ގޮތަށް ކޮޓަރީގައި ތި އޮންނަނީ ކިހިނެއްވީ؟ ކާން ވެސް ނުނިކުންނަމެއްނު؟"

ސުހައްތަ ވާހަކަދައްކަމުން އައިސް އަހަރެންގެ އެނދުގައި އިށީނެވެ. ހުޅުވާލާފައި ހުރި ލައްޕާލަން އަހަރެން ވެސް ބޭނުންނުވީއެވެ. އެހެންވެ ސުހައްތަ ގާތުގައި އެނދުގައި އިށީންނަމުން އޮފީހުން އައިސް ނިދުނީކަމުގައި ބުނެ ދޮގެއް ހެދީމެވެ.

ސުހާ: "ކެއުމަށް ފަރުވާކުޑަ ނުކުރާށޭ ސުހައްތަ ބުނަމެއްނު. މިރޭ ކާޑީގައި މިންނުވާނެ ހުންނަން. އެންމެން އެކުގައި ކާނީ. ދެން ތިހެން އަބަދު ކޮޓަރީގައި ނީނދެ ހިނގާބަލަ އެ ފަރާތަށް"

ސުހައްތައަށް ބޯޖަހާލާފައި އިރުކޮޅަކުން ދާނަން ކަމުގައި އަހަރެން ބުނީމެވެ. ދެން ވެސް ސުހައްތަ ދާން އުޅެފައި ވެސް އަނެއްކާ އަހަންނަށް ބަލާލިއެވެ. ހީވަނީ އެއްޗެކޭ ބުނާން ބޭނުންވެގެން އުޅޭހެންނެވެ. ސުހައްތަގެ އެފަދަ ހަރަކާތްތައް އަހަންނަކަށް ނޯޅޭނެއެވެ. އެހެންވެ ސުހައްތައާ ސުވާލުކޮށްލީމެވެ. ކަމެއް ބޭނުންވީތޯއެވެ. ބަލިވެ އިނުމާއެކު ސުހައްތައަށް އަހަރެންގެ އެހީތެރިކަން ބޭނުންވާނޭކަން އަހަންނަށް ވެސް އެނގެއެވެ.

ސުހާ: "މިންނު ގާތުގައި މި ވާހަކަ ބުނާނެ ގޮތެއް ނޭނގިގެން މި އުޅެނީ"

ސުހައްތަގެ މޫނުމަތިން ފާޅުވެގެން ދިޔަ ކަންބޮޑުވުން އަހަރެންގެ ނަފްސުގެ ހަމަޖެހުން ގެއްލުވާލިއެވެ. ސުހައްތަ ބުނަން ބޭނުންވެގެން އުޅޭ އެއްޗެއް އޮޅުން ފިލުވުމަށް އިހުނަށްވުރެ ކެތްތެރިކަން ކުޑަވިއެވެ. ސުހައްތަގެ އަތުގައި ހިފާ ދަމާލާފައި އެނދުގައި އަލުން ބޭންދީމެވެ. އަދި ސާފުކޮށް ކިޔައިދިނުމަށް އަހަރެން އެދުނީމެވެ.

ސުހާ: "ސުހައްތަ ފުރަންވެގެން މިއުޅެނީ. ހަފިއްތަގެ ކައިވެނި ކުރާ ރޭ ނޫން ޖެހިގެން އަންނަ ރޭ ފުރާ ގޮތަށް ހުރިހާ ކަމެއް ހަމަޖެހިއްޖެ. ޖައުބެ ބޭނުންވޭ ޑަކްޓަރަށް ދައްކާލަން. މީ ސުހައްތަމެންގެ ފުރަތަމަ ބޭބީއެއްނު... އެހެންވެ..."

ސުހައްތަގެ ވާހަކަ ނުނިމެނީސް އަހަންނަށް ހާސްވެފައި އަހާލެވުނީ ސުހައްތަގެ ބަނޑުގައިވާ ދަރިފުޅަށް ކަމެއްވީތޯއެވެ. އެއާއެކު ސުހައްތަ ނިކަން ލޯބިން ހިނިތުންވެލާފައި އަހަރެންގެ ކޯތާފަތުގައި އަތްޖައްސާލިއެވެ.

ސުހާ: "އިރާދަކުރެއްވިއްޔާ އެކަހަލަ ވާހަކައެއް ޑަކްޓަރުން ނުބުނޭ. ޖައުބެ ބޭނުންވަނީ ބޭރުން ވެސް ޗެކަޕްއެއް ހަދާލަން. މަންމަ ވެސް އެދޭ އެކޮޅަށް ސުހައްތަ އައުމަށް. އެހެންވެ މަންމަ ކައިރިއަށް ގޮސްލާ ޑަކްޓަރަށް ވެސް ދައްކާލަން ނިންމީ. ޖައުބެ ބޭނުންވެފައި ހުއްޓާ ހައިކަލް އެ ހުރިހާ ކަމެއް ހަމަޖައްސައިދިނީ. އޭނާ އަހަރުމެންނަށް ހާދަ ރަނގަޅޭ. މިހާރު އެކަހަލަ ޒުވާނުން މަދުވާނެ. އަތުގައި ފައިސާ ހުރެ އެފަދަ ހަރުދަނާކަމެއް ހުންނާނީ މަދު ޒުވާނެއްގެ ގައިގާ... އެނގޭތަ! ލަންކާއަށް ގޮސްފައި އަންނައިރު އަންނާނީ މަންމަ ވެސް ގޮވައިގެން. އެކޮޅަށް ދިޔަޔަސް ވިހަން ބޭނުންވަނީ މާލޭގައި ހުރެ. އެކަމަކު ސުހައްތަ ދިޔައީމަ މިންނު ވަރަށް އެކަނިވާނެ ދޯ"

ހައިކަލްގެ ދީލަތި އެހީގެ އަޑު އިވުމާއެކު އަހަރެންގެ ބޮލުގައި ރިއްސާލިއެވެ. އަހަރެންގެ ޢާއިލާއާ އަހަންނާ ދުރުކުރަން މަސައްކަތް ކުރަނީއޭ ވެސް ހީވިއެވެ. އެއާއެކު ހައިކަލްގެ މައްޗަށް އަހަންނަށް ނުބައި ހީއެއް ކުރެވެން ފެށުނެވެ. އޭނާގެ ބޭނުމާ މެދު ހިތާއި ސިކުނޑު ސުވާލު ކުރާން ފެށީއެވެ. ނަމަވެސް ހައިކަލްގެ ހަޤީޤީ ބޭނުން ސުހައްތަގެ ގާތުގައި ހާމަކުރާކަށް އަހަންނަކަށް ނުކެރުނެވެ. ކިތަންމެ ބޭނުންވިޔަސް ސުހައްތަގެ މޫނުގައިވި އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އަސަރު ފޭރިގަންނަން ބޭނުންނުވީއެވެ. އެހެންވެ ސުހައްތައަށް ހިނިތުންވުމެއް ދެމުން މަންމަ ގާތަށް ގޮސް ޑަކްޓަރަށް ދައްކާލުމަކީ ވަރަށް ރަނގަޅު ޚިޔާލެއްކަމުގައި އެއްބަސްވެލީމެވެ. ލިބުނު ނުތަވަނަސްކަން ފޮރުވާލަމުން ސުހައްތަ ގާތުގައި އަހަރެން ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން އެބަ ދަން ކަމުގައި ބުނެ ތެދުވެ ފާޚާނާއާ ދިމާއަށް ހިނގައިގަތީއެވެ. ލަސްނުކޮށް އަވަހަށް އައުމަށް ބުނެ ސުހައްތަ ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ.

އަހަރެން ސިޓިންރޫމަށް އައި އިރު ސޯފާގައި ހައިކަލް އިނެވެ. އަހަރެން ފެނުމުން ނިކަން އަވަހަށް ގޮވާލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އޭނާއަށް ހިނިތުންވެލީމެވެ. ހައިކަލްގެ ޚަރަދުގައި ބޭރުން ކާއެއްޗެހި ގެނެސްގެން އުޅޭކަން އެނގުނީ ބަދިގެއަށް ވަދެވުނީމައެވެ. ސުހައްތައަށް ނުޖައްސާ އަހަރެން ތަށިތައް ތައްޔާރު ކުރީމެވެ. ސުހައްތަ ބޭނުންވީ އެންމެން އެކުގައި ސިޓިންރޫމުގައި ތިބެގެން ކާށެވެ. ހަފިއްތަ ވެސް ކަމެއް ނުކުރި ކަމުގައި ވިޔަސް ބަދިގެއަށް ދޭތެރެއަކުން ވަދެލައެވެ. އޭނާ ހީނހީފައި ހައިކަލްއާ ވާހަކަދައްކާއިރު ހީވަނީ ޒަމާންވީ ދެ ރަޙުމަތްތެރިން ހެނެވެ. އެ ދެމީހުން ފެނި އިތުރު ފޫހިކަމެއް ހިތަށް ލިބުނެވެ. ދޭތެރެއަކުން ހަފިއްތަ އިންނަންވީ ހައިކަލްއާއޭ ހިތަށް އަރައެވެ. އެ ދެމީހުން ވަރަށް ގުޅޭނެއެވެ. ފޫހި ދެ މީހުން ވިއްޔާއެވެ. ތަށިތައް އަތުރާ ނިމިގެން ސޯފާގައި އައިސް އަހަރެން ވެސް އިށީނީމެވެ.

ހައިކަލް: "ހޭ މިންނު! ދުށިންތަ ދޮރުމަތީ އޮތް ކާރު"

އޮފީހުން އައިއިރު ގޭ ކައިރީ އޮތް ރަތް ކާރަކީ އެހެންވީމާ ހައިކަލްގެ ކާރެއްތާއެވެ. މުއްސަނދިކަން ކާކަށް ދައްކަންބާއޭ އެ އުޅެނީ އަހަރެންގެ ހިތަށް އެރިއެވެ. ފައިސާ ގިނަވެގެން އުޅޭނަމަ ހެޔޮ މަގުގައި އެ ފައިސާ ހޭދަކުރުން މާރަނގަޅެއް ނޫން ހެއްޔެވެ. ވިސްނުމުގެ ތެރެއަށް ގެއްލިފައި އިންދާ އަނެއްކާ ވެސް ހައިކަލް ވާހަކަދެއްކިއެވެ.

ހައިކަލް: "ނައިސް ވެދާއެއްނު... ކާރު ދުއްވާލަން ދާނަންތަ؟"

އެންމެންގެ ތެރޭ އިނދެފައި އެފަދަ އެއްޗެއް ހައިކަލްއަށް ބުނަން ކެރުނީތީ އަހަރެން ހައިރާންވިއެވެ. އެންމެންގެ މޫނަށް އަވަހަށް ބަލާލުމާއެކު އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރާލީމެވެ. ހަމަ އެވަގުތު ހަފިއްތަ ހީނގަނެއްޖެއެވެ.

ހައިފާ: "ކޮބާތަ މިންނުއަށް އަންނަ ރަތް ފިނިފެންމާ ބޮނޑި... ރޭގައި ނާދޭ ދޯ"

ހަފިއްތަ ހީވީ ގަސްދުގައި އަހަންނަށް ޖެއްސުމެއް ކުރާން އުޅޭ ހެނެވެ. އޭނާއާއި ހައިކަލްގެ ސަބަބުން އަހަރެންގެ ހިތަށް ލިބޭ ތަކުލީފެއް އެމީހުންނަށް ހަމަ ނުވިސްނެނީކަމެއް ނޫނީ ގަސްދުގައި ނޭނގޭ ކަމަށް ހެދެނީކަމެއް ނޭނގެއެވެ. އިތުރު ވާހަކަތަކެއް ދެކެވިދާނޭތީ އަހަރެން ކަންބޮޑުވިއެވެ. ހަމައެއާއެކު ލިބުނު ހިތްހަމަނުޖެހުމެއްގެ ބޮޑުކަމުން ކާންތައްޔާރުވެލާފައި ތަށި ހިފައިގެން ބަދިގެއަށް އައިސް ވަނީމެވެ. ސުހައްތައަށް ހީވީ އަހަރެން ދިޔައީ ހަފިއްތައާ ހެދި ކަމުގައެވެ. އެކަމާ ގުޅުވައިގެން ހަފިއްތައަށް އެއްޗެއް ބުނި އަޑު ވެސް އަހަރެން އެހީމެވެ.

ފިކުރަކަށް ގެއްލި ހުރެ ކާމޭޒު ދޮށުގައި އިނދެ ކައިގެން ތެދުވީމެވެ. އަދި ތަށި ދޮންނަން ސިންކުގެ ކައިރީ ހުއްޓައި ހައިކަލް ބަދިގެއަށް އައިސް ވަނެވެ. ގަސްދަކާ ނުލާ އޭނާއަށް ބަލާލެވުނީ ނުރުހުމުގެ ނަޒަރަކުންނެވެ. އޭނާ އަތް ހިއްލާލާ ދައްކާލަމުން އަތްދޮނަން ބޭނުންވީ ކަމުގައި ބުންޏެވެ. އޭނާ އަހަރެންގެ ފަހަތުން އަންނާން ވެގެން އައީކަން އަހަންނަށް ޔަގީންވިއެވެ. އަހަރެން ދުރަށް ޖެހިލަން ވާއިރަށް އައިސް ގާތުގައި މަޑުކޮށްލައިފިއެވެ. ހިމޭނުން ނުހުރެވިގެން އެއްފަރާތަށް އައްސާލާފައި އޮތް އަހަރެންގެ ދޯޕައްޓާގައި ހައިކަލް ހިފާލިއެވެ. އަވަހަށް އަތްދޮވެލުމާއެކު ދޯޕައްޓާގަނޑު ދަމައިގަތީމެވެ. ވާހަކަދައްކާނީ އައިސް ތޮއްވަރީގައި ހުރެއެއް ނޫނޭ ބުނެލެވުނީ ނުރުހުންތެރިކަމާއެކުއެވެ. އިރުކޮޅަކު އަހަންނަށް ބަލަހައްޓައިގެން ހައިކަލް ހުރުމަށް ފަހު ދުރަށް ޖެހިލިއެވެ. އޭނާ ބެލުމުގައި އާދަޔާ ޚިލާފު ބާރެއް ހުރި ކަހަލައެވެ. ނަމަވެސް ހިތް އެދޭ ފަދަ ހިތްގައިމު ގޮތެއްނޫނެވެ.

ހައިކަލް: "މިންނު އަހަރެންދެކެ ރުޅި އަންނަން ހައްޤު. އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އެނގޭ. އަހަރެން ލޯބިވާ ވާހަކަ ބުނީ ހަޤީޤަތުގައި ވެސް މިންނުދެކެ އަހަރެން ލޯބިވާތީ... މިހާރު ވެސް ބުނަން ކެރޭނެ. އަހަރެން މިންނުދެކެ ވަރަށް ލޯބިވޭ. އެކަމަކު... އެނގޭ މިންނު ލިބެން ނެތްކަން. އެކަން އަހަންނަށް ވިސްނިއްޖެ. އަހަރުމެން ދެ މީހުންނަށް ކުރީން އުޅުނުހެން ރައްޓެހިންނަށް ނުވެވޭނެތަ. މިންނު ބުނީމެއްނު ރަޙުމަތްތެރިކަމަށް އެދެފިއްޔާ އެކަން ޤަބޫލުކޮށްފާނަމޭ. ކުރިންވީ ކަންތައްތަކަށް އަހަންނަށް މާފުކޮށްދީ. އަހަރެން މިގެއަށް އައުމަކީ މިންނު ހިތްހަމަނުޖެހޭ ކަމެއްވިއްޔާ ބުނޭ. އޭރުން މިގެއަށް އައުން ވެސް ހުއްޓާލަފާނަން. އަހަރެންދެކެ ރުޅި އައިސްފައި ހުންނާކަށް ބޭނުމެއްނޫން. ސޯ ޕްލީޒް! ފޮގިވް މީ... ރިއަލީ ސޮރީ"

ހައިކަލްގެ ވާހަކަތަކުން އަހަރެންގެ ރުޅި މަޑުވެ ސިކުނޑި މަސައްކަތް ކުރާން ފެށިއެވެ. ހައިކަލްއަށް ވިސްނުނީބާއޭ އުފެދުނު ސުވާލަށް ޖަވާބުދިނުން އަހަރެންގެ ޟަމީރަށް ފަސޭހައެއްނުވިއެވެ. ހައިކަލް ކުއްލިއަކަށް ގެއަށް އައުން ހުއްޓިއްޖެއްޔާ ޖައުބެއާއި ސުހައްތަ އެކަމާ ސުވާލު ކުރާނެއެވެ. ތަނުގެ ވެރިޔާއާ އެހާ ގާތް ގުޅުމެއް އޮންނާތީ ޖައުބެ ހުންނަނީ ނުލާހިކު އުފަލުންނެވެ. އެ މީހުންގެ ދިރިއުޅުމަށް އަހަރެންގެ ނިންމުމުގެ ސަބަބުން ބުރޫއަރާކަށް ނޭދެމެވެ. ގޮތެއް ނިންމަން ނޭނގިފައި ހުއްޓާ ހައިކަލް އަހަންނާ ގާތަށް ފިޔަވަޅެއް އަޅާލުމާއެކު ހުއްޓުމަށް އަހަރެން އިޝާރާތްކުރީމެވެ. އަދި މީގެ ފަހުން ހައިކަލް ވާހަކަދައްކާއިރު އަހަންނާ ދުރުގައި ހުރެގެން ވާހަކަދައްކަން އެދުނީމެވެ. އަދި ހަމަ އެ ނޭވާއާއެކު އޭނާގެ މާފު ޤަބޫލު ވެސް ކުރީމެވެ. އެކަމަށް އޭނާ އެއްވެސް އެއްޗެއް ނުބުނި ކަމުގައި ވިޔަސް ހިނިތުންވެލިއެވެ.

ހަފިއްތަ ތަށި ހިފައިގެން އައިސް ބަދިގެ ފަރާތަށް ވަނީ އެ ވަގުތުއެވެ. އަހަންނާއި ހައިކަލްއަށް ބަލާލެވުނީ އެއްފަހަރާއެވެ. ކުރަން ހުރި ކަންތައް ނިމިގެން އަހަރެން ވެސް ހުރީ ދެއަތް އުރާލައިގެން މަޑުކޮށްލައިގެންނެވެ. ހަފިއްތަ އަހަންނާއި ހައިކަލްއަށް ބަލާލާފައި ހީނލީ ދިމާކޮށްލާ ފަދަ ގޮތަކަށެވެ. ހައިކަލް އޭނާއަށް ނިތްއަރުވާލިއެވެ.

ހައިފާ: "ޖައުން އެބަ ހޯދާ... ބަދިގެއަށް ވަންގޮތަށް ހައިކަލް ނުކުންނާކަށް އުޅުނީއެއްނޫން ވިއްޔާ"

ހައިކަލް ހީނލާފައި ނުކުމެގެން ދިޔައީއެވެ. އަހަރެން ވެސް ހަފިއްތަގެ ކުރިމަތީ ނުހުންނަން ވެގެން ނުކުންނަން ހިނގައިގަތީމެވެ. އެވަގުތު ހަފިއްތަގެ ދުލުން ނުކުތް ބަސްތަކުން އަޖައިބުވިއެވެ.

ހައިފާ: "މާ ފޮޅުވާ ނިމުނީތަ؟"

ހަފިއްތަގެ ވާހަކަތައް އެހެން ހުންނަންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އަހަންނާއި ހައިކަލްއާ ދެމެދު ގާތް ގުޅުމެއް އޮތްނަމަ އެކަން އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެވޭނީ ސުހައްތައަށެވެ. އެކަމު އެހެންނުވެ ހަފިއްތައަށް އެފަދަ ޝައްކެއްވާން ޖެހުނީ ކީއްވެކަމެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. ބޭކާރު ވާހަކަ ދައްކަން ނޭދޭތީ އަވަހަށް ބަދިގެ ފަރާތުން ނުކުމެއްޖައީމެވެ.
ވެހެންފެށި ވާރޭ އަވަހަކަށް ހުއްޓާލާނެއެކޭ އަހަރެންގެ ހިތެއް ނުބުނެއެވެ. ދޭތެރެއަކުން ތުނިކޮށްލި ނަމަވެސް އެހާ އަވަހަށް ވާރޭ ބޯކޮށްލައެވެ. ފިނިފިނި ރެއެއްވީމާ ތަންކޮޅެއް ކުރީން ނިދަން އެނދަށް އެރީމެވެ. އެގާރަ ޖަހާކަން ހާއިރު ފޯނުކޯލެއް އައުމުން ނެގި އިރު ގުޅީ އަޒާނެވެ. އޭނާއަށް ވާހަކަދައްކާލަން އޮވެފައި އަހަންނަށް ނިދުނީއެވެ.

* * * * *

ގަޑީގެ ސޯނާގެ އަޑާއެކު އަހަރެން ތެދުވީމެވެ. އާ ދުވަހެއް ފެށުނީއެވެ. ފަތިހު ހޭލިއިރު މުޅިކޮޓަރީގައި ވެސް ވަނީ ފިނިހިފާފައެވެ. އަހަރުގެ ފަހުކޮޅަށް ވެފައި ހިތަށް އެރީ ޗުއްޓީއަށް ރަށްރަށަށް ފުރާ މީހުންނަށް ވާނޭ ދަތިކަމެވެ. މިހާ ވިއްސާރަ އިރު ޗުއްޓީއަށް ރަށްރަށަށް ފުރާމީހުންނަށް މިވަރުން ފުރޭނެ ބާއެވެ. ދުނިޔެ މައްޗަށް އޭރު އަދި އަލިނުވެއެވެ. އަހަރެން ކުޑަދޮރު ހުޅުވާލީމެވެ. ތެތްފިނި ވައިރޯޅިއެއް ކޮޓަރިއަށް ވަނީ ވާރޭގެ ތިކިތަކާއެކުއެވެ. މުށިގަނޑުތަކުގައި ހުރި މާގަސްތަކަށް ކޮޓަރީގައި ދިއްލާފައި ހުރި ހޮޅިބުރީގެ އަލި ފޯރައިފާ އޮތެވެ. އެ އަލިކަމުގައި ފަތްތަކުގައި ހަރުލާފައި ހުރި ވާރޭގެ ފެންތިކިތައް ކުދިކުދި މުތީތަކެއްހެން ވިދަވިދާ ހުއްޓެވެ. އޭރު ވެސް ތުނިތުނިކޮށް ވާރޭ ވެހެއެވެ. ނަމާދު ނުކުރެވޭ ދުވަސްކޮޅަކަށް ވިޔަސް ފަތިހު ހޭލަން ހުރީ އާދަވެފައެވެ. އެހެންވެ ކޮޓަރިން ނުކުމެ ސިޓިންރޫމަށް ދިޔައީ އަހަރެންގެ މަސައްކަތްފެށުމަށެވެ. ހެދުނު އޮފީހަށް ދިއުމުގެ ކުރިން ހެދުނުގެ ސައިތައްޔާރު ކުރުމަށެވެ. އަދި މެންދުރު ކައްކަން ބޭނުންވާނެ އެއްޗެހި ތައްޔާރުކުރުމަށެވެ.

އާދައިގެ މަތިން ރީތިވެލައިގެން އޮފީހަށް ދާން ދޮރާށިދޮށަށް ނުކުތް އިރު ކަމަކުދާކަށްނެތެވެ. އިއްޔެއާއި ރޭގައި ވެހުނު ވާރޭގެ ސަބަބުން މަގުތައް އޮތީ ފެންބޮޑުވެފައެވެ. އަހަރެން އަޒާންގެ އިންތިޒާރުގައި ހުރީމެވެ. އޭނައަށް އާދެވުނީ އެހެންޏާ އަންނައިރަށްވުރެ ލަހުންނެވެ. އަހަރުމެންނަށް ސައިކަލުގައި ދިއުން އެހާ ފަސޭހަކަމަކަށްނުވިއެވެ. ފެންހެދިފައި ހުރުމުން އަޑިގުޑަންތައް ވަކިކުރަންވެސް ނޭގޭތީއެވެ. އެހާލުގައި ދެމީހުން އޮފީހަށް ދިޔައީމެވެ. އޮފީހަށް ވަންއިރު ވަރަށް ގިނަ މީހުން ނާދެއެވެ. ތުނިކޮށް ވެހެމުންދިޔަ ވާރޭގެ ސަބަބުން ދެ މީހުން ވެސް ތިބީ ކުޑަކޮށް ތެމިފައެވެ. (ނުނިމޭ)