އަމިއްލަ ދަނޑުގައި، އޭއެސް ރޯމާ އަތުން 3-3 ން ޗެލްސީ އެއްވަރުވި މެޗަށް ފަހު، އެ ޓީމުގެ ކޯޗް އެންޓޯނިއޯ ކޮންޓޭގެ ބަހުގެ ހަމަލާތައް ހޯސޭ މޮރީނިއޯއަށް އަމާޒު ކޮށް ފޮނުވާލެއިފި އެވެ.
ޗެލްސީއަށް ދެ ފަހަރެއްގެ މަތިން ކޯޗް ކޮށްދީފައިވާ މޮރީނިއޯ ދާދިފަހުން ބުނެފައިވަނީ، ޓީމުގެ އިންޖަރީއާ ހެދި ބައެއް ކޯޗުން ރޮއެ ރޮއެ ތިބޭ ކަމަށެވެ. މޮރީނިއޯގެ ވާހަކައިގައި ވަކި ޓީމެއްގެ ނަން ހާމަ ކޮށްފަ އެެއް ނުވެ އެވެ.
ރޭ ރޯމާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކޮންޓޭ ބުނީ، ޗެލްސީއާ މެދު ނުވިސްނައި މޮރީނިއޯ އޭނާގެ މިހާރުގެ ޓީމު މެންޗެސްޓާ ޔުނައިޓަޑާ މެދު ވިސްނަން ޖެހޭ ކަމަށެވެ.
"ވަރަށް ގިނަ ފަހަރަށް މޮރީނިއޯ ޖެހޭ ޗެލްސީއަށް ވަނީ ކިހިނެއްތޯ ބަލަން،" ވަކި ޓީމެއްގެ ނަން ހާމަ ނުކޮށް މޮރީނިއޯ ބުނި ވާހަކަ އާ މެދު ބުނަނީ ކީކޭތޯ ސުވާލު ކުރުމުން، ކޮންޓޭ ބުންޏެވެ، "މިދިޔަ ސީޒަންގައިވެސް ވަރަށް ގިނަ ފަހަރަށް މޮރީނިއޯ އެހެން ހެދި، އަހަންނަށް ހީވަނީ އޭނާ އެބަޖެހޭހެން އޭނާގެ ޓީމާ މެދު ވިސްނަން އެހެން ޓީމުތަކާ މެދު ވިސްނުން ހުއްޓަލައި އޭނާ އެބަޖެހޭ އޭނާގެ އަމިއްލަ ނަފުސައް ބަލަން."
ރޭގެ މެޗުގައި ޑޭވިޑް ލުއިސް ދެ ވަނަ ހާފުގެ ކުރީކޮޅުގައި ބަދަލު ކުރަން ޖެހުނީ އޭނާ އަށް އަނިޔާވުމުންނެވެ. ޗެލްސީއަށް މެޗުން ތިން ޕޮއިންޓް ކޮންޓޭ އަށް ގެއްލުނީ އެ ޓީމު އަތުގައި ދެ ލަނޑުގެ ލީޑެއް އޮއްވަ އެވެ.
ފުރަތަމަ ލަނޑު ކާމިޔަބު ކުރީ ޑޭވިޑް ލުއިޒް އެވެ. ދެ ވަނަ ލަނޑު އެޑެން ހަޒާޑް ކާމިޔާބު ކުރީ އަލްވާރޯ މޮރާޓާ ދިން ފުރުސަތަކުން ނެވެ. ނަމަވެސް މޮރާޓާ ދިން ބޯޅަ ދިޔައީ ރޯމާގެ ކުޅުންތެރިޔެއްގެ ފައިގައި ޖެހިފަ އެވެ. ދެ ލަނޑުގެ ލީޑް ޗެލްސީ ނެގިތާ ތިން މިނެޓް ފަހުން އެލެކްޒެންޑާ ކަލަރޯވް ވަނީ ރޯމާއަށް އުންމިދެއް ހޯދައިދީފަ އެވެ.
ރޯމާއަށް ނަތީޖާ ހަމަހަމަ ކޮށް ލިޑް ނަގައިދިނީ އެޑެން ޖެކޯ ކާމިޔާބު ކުރި ލަނޑު ތަކުން ނެވެ. ރޯމާ ލީޑް ނެގިތާ ފަސް މިނެޓް ފަހުން ހަޒާޑް ވަނީ ޗެލްސީއަށް އެއްވަރު ކޮށްދީފަ އެވެ.
މިގުރޫޕްގައި ހިމެނޭ އަޒަރުބައިޖާންގެ ކަރަބާގް ވަނީ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާ އެއްވަރުކޮށް، ޗެމްޕިއަންސް ލީގްގައި އެ ޓީމުގެ ފުރަތަމަ ޕޮއިންޓް ހޯދާފަ އެވެ.
މެންޗެސްޓާ ޔުނައިޓަޑް ވަނީ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ދެ ވަނަ ބުރުގެ ދޮރާ ކައިރިއަށް ޖެހިލާފަ އެވެ.