ވިޔަފާރި

ސަޓާ އެވޯޑަށް ރާއްޖޭން ބޭރު 200 އަށްވުރެ ގިނަ މީހުން

މި މަހުގެ ފަހުކޮޅު އައްޑޫގައި ބާއްވާ، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ގައި ބައިވެރިވުމަށް ރާއްޖޭން ބޭރުން 200 އަށްވުރެ ގިނަ މީހުން އަންނާނެ ކަމަށް ހައިރައިޒްއިން ބުނެފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން ހައިރައިޒްގެ އެއް ފައުންޑަރު ކަމަށްވާ އިސްމާއިލް ހަމީދު ވިދާޅުވީ އެވޯޑަށް އައްޑު އަށް 300 އަށް ވުރެ ގިނަ މީހުންދާއިރު ރާއްޖޭން ބޭރުން 200 އަށްވުރެ ގިނަ މީހުންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި އެވޯޑަށް މިވަނީ ފުލީ ރެޑީވެފައި،" އިއްސެ ވިދާޅުވި އެވެ.

ދެކުނު އޭޝިޔާގެ ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ އެވޯޑު މި އަހަރު އޮތީ، އައްޑޫ، އީކުއޭޓާ ވެލިޖުގައި މިމަހުގެ 26-27 ވަނަ ދުވަހު އެވެ.

އެވޯޑު ބާއްވާ، އީކުއޭޓާ ވިލެޖުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ވަހީދު ވިދާޅުވީ އެވޯޑަށް އަންނަ މީހުންނަށް މަރުހަބާ ކިޔަން އެ ހޮޓާ ތައްޔާރު ކަމަށެވެ.

"މީހުން ތިބުމާއި ކޭޓަރިންގެ ހިދުމަތް ބަލަހައްޓާނީ އަޅުގަނޑުމެން. އެކަމަށް މިވަނީ ފުރިހަމައަށް ތައްޔާރުވެފަ،" ވަހީދު ވިދާޅުވި އެވެ.

ސަރަހައްދީ ފެންވަރުގައި ބާއްވާ ސަޓާ އެވޯޑަށް 450 އަށްވުރެ ގިނަ ފަރާތްތުން ނޮމިނޭޓް ވެފައިވެ އެވެ. މި އެވޯޑު ފުރަތަމަ ބާއްވާފައިވަނީ ސްރީލަންކާގަ އެވެ.