ހަބަރު

ޕީޕީއެމްގެ ޖަލްސާއަށް ދާން ތައްޔާރުވަނީ "މަޖުބޫރުން"!

ޕީޕީއެމްއިން މިރޭ ބާއްވާ "ތައްޔާރު" ޖަލްސާގައި ސަރުކާރުގެ މުއައްޒަފުންނާއި ސިވިލް ސާވިސް މުއައްޒަފުންނަށް ޖަލްސާގައި ބައިވެރިވާން މަޖުބޫރު ކުރަމުންދާ ކަމުގެ ވާހަކަ ފެންމަތިވެ އެ އަޑުތައް ވަރަށް ބޮޑަށް ފެތުރިއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ތައްޔާރު ޖަލްސާގައި ބައިވެރި ނުވާ މުއައްޒަފުންނާ ސުވާލުކޮށް ޖަލްސާގައި ބައިވެރި ނުވި ސަބަބު ދެނެގަންނާނެ ކަމަށް ކުންފުނިތަކުގެ އިސްވެރިންް ބައްދަލު ކުރައްވައި އަންގަވަމުންދާ ކަމަށާއި އެ ފަރާތްތަކާމެެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދޭ ކަމުގެ އަޑުތައް ވެސް ފެތުރިފައި ވެއެވެ.

ނަމަވެސް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕީޕީއެމުން މިރޭ ބާއްވާ ޖަލްސާގައި ބައިވެރި ނުވާ ސަރުކާރު ކުންފުނިތަކާއި ސަރުކާރުގެ މުއައްޒަފުންނާ ސުވާލު ކުރާނެ ކަމަށާއި އެކަމަކު އެއީ މަޖުބޫރު ކުރުމެއް ނޫން ކަމަށެވެ.

"ކުންފުނިތަކުގެ މުވައްޒަފުންނަށް ދަންނަވަން، ޖަލްސާއަށް ވަޑައިގެންދެއްވަން، ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ތިބި މެމްބަރުންނަށް ވެސް ދަންނަވަން ވަޑައިގަންނަވާށޭ. ވަޑައިނުގެންފި ނަމަ، ގެނެސްގެން އެއީ ކީއްވެގެންތޯ ބަލާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބުދުއްރަހީމް ވިދާޅުވީ، އެއްވެސް މުއައްޒަފަކަށް މަޖުބޫރު ނުކުރާނެ ކަމަށާއި ސަރުކާރު މުއައްޒަފުން ރައީސް ޔާމީން ބައިވެރިވާ ޖަލްސާއެއްގައި ބައިވެރިވާން ދައުވަތު ދިނުމަކީ އިންޒާރުދީ މަޖުބޫރު ކުރުން ނޫން ކަމަށެވެ. އަދި ވިދާޅުވީ، ޕީޕީއެމުން ގާނޫނާ ހިލާފަށް ނުވަތަ ގާނޫނީ އިމުން ބޭރުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށާއި މީގެ ކުރިން ޖަލްސާއަށް ހާޒިރު ނުވުމުން މުއައްޒަފަކު ވަކިކޮށްފައި ވެސް ނުވާނެ ކަމަށެވެ.

"ޕީޕީއެމުން ބާއްވާ ޖަލްސާގައި ބައިވެރިނުވާ ސަބަބު ތަނުގެ އިސްވެރިން ބަލާނެ، އެކަމަކު އެއީ ޖަލްސާއަށް އައުން މަޖުބޫރު ކުރުމެއް ނޫން، ރައީސް ޔާމީން ބައިވެރިވާ ޖަލްސާއެއްގައި ސަރުކާރު މުއައްޒަފުން ބައިވެރިވުމަކީ ކޮރަޕްޝަނެއް ނޫން،" އަބުދުއްރަހީމް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ޕްރެސްގައި އެއްވެސް މުއައްޒަފަކަށް މަޖުބޫރު ނުކުރާނެ ކަމަށް އަބުދުއްރަހީމް ވިދާޅުވެފައިވީ ނަމަވެސް ސަރުކާރު ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރާ މުއައްޒަފުން ޖަލްސާއަށް ހާޒިރުވާން އަންގައި ހާޒިރީވެސް މާކު ކުރެވޭނެ ކަމަށް މެސެޖް ކޮށްފައި ވެއެވެ. އަދި ހާޒިރުވާ މުއައްޒަފުންނަށް އޯޓީ ވެސް ލިބިގެންދާނެ ކަމަށް މެސެޖްގައި ވެއެވެ. މި މެސެޖްތައްވެސް ދައުރުވަމުން ދެއެވެ.

ޕީޕީއެމުން މީގެ ކުރިން ބޭއްވި ޖަލްސާތަކުގައި ސަރުކާރު މުއައްޒަފުން ބައިވެރިވާން އަންގައި ބައިވެރިނުވާ މުއައްޒަފުންނާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެމުންދިޔަ ކަމުގެ މައްސަލަވަނީ ދެތުރިފަ އެވެ. އަދި އިދިކޮޅު ޖަލްސާތަކުގައި ބައިވެރިވި މުއައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލަތަކެއްވެސް މީގެ ކުރިންވަނީ ފެންމަތިވެފަ އެވެ.