ހަބަރު

މާމިގިލީ ޖެނަރޭޓަރު މައްސަލަ ޖެހި ކަރަންޓު ކެނޑިއްޖެ

އދ. މާމިގިލީ ބޮޑު ޖެނަރޭޓަރެއްގެ މައްސަލަ ޖެހި އެ ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.

މާމިގިލީ ކައުންސިލްގެ ރައީސް އަބްދުﷲ މުފީދު ވިދާޅުވީ މިރޭ "އަވަސް" އަށް ވިދާޅުވީ ރަށުގެ ބޮޑު ބަޔަކަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުން އަންނަ ބޮޑު ޖެނަރޭޓަރަށް މިރޭ އިރު އޮއްސުނު ފަހުން ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓު އެ ރަށުން ކެނޑިފައިވަ ކަމަށެވެ. އަދި އެކި ސަރަހައްދުތަކަށް ކަރަންޓު ދީގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ހައްލުވާނެ ވަކި އިރެއް އަދި ނޭނގޭ ކަމަށެވެ.

"އިންޖީނުގޭގައި ވަރަށް މަސައްކަތް ދަނީ ކުރަމުން، މިހާރު ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފި ނަމަވެސް ކަރަންޓު އަދިވެސް ނުހިފަހައްޓާ، ނަމަވެސް މައްސަލަ ހައްލު ކުރަން ދަނީ މަސައްކަތް ކުރަމުން،" މުފީދު ވިދާޅުވި އެވެ.

މާމިގިލީ އިންޖީނުގެ ބަލަހައްޓަނީ ވިލާ ޔޫޓިލިޓީޒް އިންނެވެ. އެތަނުގެ އިސް އޮފިޝަލަކަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެ ފަރާތުގެ ބަހެއް ލިބޭ ގޮތް ނުވި އެވެ.