ހަބަރު

ފަރަޖީންނާ އެކަހެރިވުމަކީ ބާކީވުމެއް ނޫން: ރައީސް

ރާއްޖެ މި ސަރުކާރާއެކު ބައިނަލްއަގްވާމީ މައިދާނުގައި ވަނީ ބާކީވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ރައްދު ދެއްވައިފި އެވެ.

ޕީޕީއެމްއިން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ތައްޔާރު" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ބާކީވެފައިވާ ކަމަށް ސިޔާސީ ބޭފުޅަކު ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ، ރާއްޖެ ބާކީނުވާ ކަމަށެވެ. ބާކީ ވިޔަސް ވަނީ ރާއްޖޭގެ އަމިއްލަ އުސޫލުތައް ބަލައި ނުގަންނަ ފަރާތްތަކުގެ މެދުގައި ކަމަށެވެ،

"އަޅުގަނޑުމެން ވަސީލަތްތައް ގާއިމުކުރަމުންދާއިރު އަޅުގަނޑުމެންނެއް ބާކީއެއް ނުވޭ، މިވެސް ސިޔާސީ ބޭފުޅަކަށް އަރުވާ ޖަވާބެއް، އަޅުގަނޑުމެން ބާކީވަންޏާ ބާކީވެގެން މި އުޅެނީ ވަކި ކަހަލަ އުސޫލުތަކެއްގައި އަޅުގަނޑުމެން ހިފަހައްޓާތީ، އިސްލާމީ އުސޫލު ނޫން އުސޫލެއް ދިވެހިރާއްޖޭގައި ނޯންނާނެ ކަމަށް، އެކަން ކަށަވަރުކޮށްދޭން އަޅުގަނޑުމެން ބަސް ބުނާތީ، ބައެއް ފަރާތްތަކުގެ މެދުގައި އަޅުގަނޑުމެން ބާކީވެގެން ދަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިސްލާމީ ބޮޑެތި ގައުމުތަކާއި އެހެން ވެސް ގައުމުތަކުގެ މެދުގައި ރާއްޖެއަކީ އެ ގައުމުތަކުގެ ވަރަށް ގާތް ގައުމެއް ކަމަށެވެ. އެ ގައުމުތަކުގެ މެދުގައި ރާއްޖެ ބާކީނުވާ ކަމަށެވެ. އޭގެ އިތުރުން ރާއްޖެއަކީ އދ. ގެ މެންބަރު ގައުމެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. ކޮމަންވެލްތުން ވަކިވުމަކީ ރާއްޖެ ބާކީވުން ނޫންކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނާ ސުވާލު އަމާޒުކުރި ކޮމަންވެލްތުން ވަކިވުމުން އދ. އިން ވެސް ވަކިވާނެތޯ، ކޮމަންވެލްތުން އަޅުގަނޑުމެން ވަކިވީ ވަކިވާން ޖެހިގެން، ވަކިވާން ބޭނުންވެގެން، އެއީ އަޅުގަނޑުމެން އުފަލުން ކުރި ކަމެއް ނޫން، އެހެންވީމަ އަޅުގަނޑުމެން ވަކިވާންޏާ ބާކީވަންޏާވީ ފަރަންޖީން ކިބައިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖެ ބާކީ ނުވަތަ އެކަހެރިވީ އިސްލާމީ އުސޫލުތަކާއި ރާއްޖޭގެ ރިވެތި އުސޫލުތައް ބަލައިނުގަންނަ ފަރާތްތަކާ ކަމަށެވެ. އެއީ ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ބާކީވުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަހެރިވީ ފައްޅި އެޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކާ، އަޅުގަނޑުމެން އެކަހެރިވީ އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ފަރާތްތަކާ، އަޅުގަނޑުމެން އެކަހެރިވީ މަރުގެ ހުކުމް ތަންފީޒުކުރުމާ ދެކޮޅަށް އަޑު އުފުލާ ވާކާލާތުކުރާ ފަރާތްތަކާ، އެހެންވީމަ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެކަހެރިއެއް ނުވޭ، ﷲ ގެ އިރާދަކުރެއްވިއްޔާ މި ގައުމު އެކަހެރިއެއް ނުވޭ، މި ދައުލަތެއް އެކަހެރިއެއް ނުވާނެ، ދިވެހިރާއްޖެ އެކަހެރިވެގެން އުޅޭ ތަނެއް އަޅުގަނޑަކަށް ނުފެނޭ، އެގޮތަށް ސުވާލު ކުރައްވާ ފަރާތަކަށް އަޅުގަނޑު ދަންނަވާލީ ހިތްޕުޅަށް ފިނިކަމެއް ގެންނަވާށޭ، އެ ބޭފުޅުންނަށް ނުކުރެވުނު އެތައް ކަމެއްގެ ފޮނި މީރުކަން ރައްޔިތުން މިހާރު އެބަ އިހުސާސް ކުރެއޭ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ތަރައްގީއާއެކު ކަމަށެވެ. އެ ކަންކަމުގައި އެމަނިކުފާނަށް ޗެލެންޖު ކުރުމަށް އިދިކޮޅު ފަރާތްތަކުގައި ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނަށް އިތުރަށް ގެނެސްނުދެވޭނީ ކޮން ތަރައްގީއެއްތޯ ސުވާލު އިދިކޮޅު ފަރާތްތަކުން ކުރުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.