އޮފްބީޓް

އިންސްޓަގްރާމަށްލާ ފޮޓޯ ނަގަން ކުލީ ޕްރައިވެޓް ޖެޓުތައް!

Oct 20, 2017

ދާ ކޮންމެ ތަނެއްގެ ފޮޓޯ އިންސްޓަގްރާމަށް ލާ އެތަނެއްގެ ވާހަކަތައް ހިއްސާކޮށް ފޮނި ދެއްކުމަކީ ހަމައެކަނި ދިވެހިންގެ ތެރޭގައި އޮންނަ ކަމެއް ނޫނެވެ. ކާ ކޮންމެ އެއްޗަކާއި ދާ ކޮންމެ ތަނެއްގެ އެތައް ފޮޓޯއެއް އިންސްޓަގްރާމަށް އަޅާލަނީ މުއްސަނދިކަން ދައްކާކަށްވެސް ނޫނެވެ. ނުވަތަ މީހުންނަށް ފޮނި ދައްކާކަށް ނޫނެވެ. ބައެއް މީހުން އެއީ ދެއްކުންތެރިކަމުގެ ގޮތުގައިވެސް ސިފަކޮށްފާނެ އެވެ. އެއެއް ނިންމާނީ އަމިއްލަ އަށެވެ.

އިންސްޓަގްރާމްގައި ގިނަ ފޮލޮވަރުން ހޯދާ މުއްސަނދި ދިރިއުޅުން ދައްކަން އެންމެ ކުރީގައި ސަފު ހަދާލައިގެން މިއުޅެނީ ރަޝިއާ މީހުންނެވެ. އަމިއްލަ ޖެޓުތައް ގަނެވޭ ފެންވަރު ނެތް މީހުން މުއްސަނދިން އިންސްޓަގްރާމަށް އުކާލާ ފޮޓޯތަކަށް ބަލަހައްޓައިގެން ދެރަވެފައި ތިބޭކަށް މިހާރު ނުޖެހެ އެވެ.

އެ ގައުމުގައި މިހާރު އިންސްޓަގްރާމް ފޮޓޯ ޝޫޓުތަކަށް ހާއްސަކޮށް ޕްރައިވެޓް ޖެޓުތައް ކުއްޔަށްދެ އެވެ. މޮސްކޯގެ ފޮޓޯގްރަފީ ސްޓޫޑިއޯ އަކުން G650 ގެ ޖެޓުތައް ކަނޑައަޅާފައިވާ އަގުތަކަކަށް ކުއްޔަށްދެ އެވެ. ސައުވީސް ގަޑިއިރަށް ވެސް ޖެޓުތައް ކުއްޔަށް ނެގޭނެ އެވެ. އެންމެ އަގު ހެޔޮކޮށް އެއް ގަޑިއިރަށް ޖެޓުތައް ކުއްޔަށް ދޫކުރަނީ 1،200 ޑޮލަރަށެވެ.

އެ އަގު ކަސްޓަމަރުން އަތުން ނަގާފައި ޖެޓަށް އަރުވާ ފޮޓޯއެއް ނަގާފައި ފޮނުވާލަނީކީ ނޫނެވެ. ކަސްޓަމަރުގެ މޭކަޕާއި ބޮލު އިސްތަށިގަނޑު ވެސް މުއްސަނދިންގެ މޭކަޕާއި ސްޓައިލަށް ބަަދަލު ކުރުމުގެ ހިދުމަތް ފޯރުކޮށްދެ އެވެ. އެ ފޮޓޯތައް ނަގާ އެޑިޓްކޮށް ކަސްޓަމަރާއި ހަމައަށް އަންނައިރު އެއީ މުއްސަނދި މީހެކޭ ހީވާ ވަރަށް އެ ފޮޓޯތައް ހުންނާނީ ފުރިހަމަކޮށްފަ އެވެ.

ޖެޓުގައި ނިދާލާ، ކާލައި ނުވަތަ ކުޑަދޮރުން ބޭރު ބަލަން އިންނަ ފަދަ ބޭނުން ހުރިހާ ވައްތަރެއްގެ ފޮޓޯތައް ވެސް ނަގައިދެ އެވެ. މުއްސަނދި ދިިރިއުޅުމެއް އިންސްޓަގްރާމްގެ ފޮލޯވަރުންނަށް ދައްކަން ބޭނުން މީހުންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށްވާނެ އެވެ.