ހަބަރު

ރޯވި ބޯޓް 28،000 ލީޓަރުގެ ތެލާއެކު އަޑިއަށް

ބ. ކެންދޫ ފަޅުގައި އޮއްވައި މިއަދު އަލިފާން ރޯވެ، އެނދި 'ގަލްފް' ނަމަކަށް ކިޔާ ތެޔޮ ބޯޓްގައި ހުރި ގިނަ އަދަދެއްގެ ތެޔޮ ސަލާމަތް ނުކުރެވި އެތެލާ އެކު އެ ބޯޓް އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި އިރު އެބޯޓުގައި ހުރީ 25000 ލީޓަރުގެ ޕެޓްރޯލާއި 6000 ލީޓަރުގެ ޑީސަލް ކަމަށެވެ. އަދި ބުނީ އޭގެ ތެރެއިން ސަލާމަތް ކުރެވިފައި ވަނީ ރޯވުމުގެ ކުރިން ފީފާތަކަށް އެޅި 1400 ލީޓަރުގެ ޑީސަލް އެކަނި ކަމަށެވެ. އަދި އެ ބޯޓްގެ ބޮޑު ބައެއް މިހާރު އަޑިއަށް ގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. އެހެން ކަމުން ބޯޓް އަޑިއަށް ދިޔައީ، 28.200 ލީޓަރުގެ ތެލާ އެކު އެވެ.

ރާއްޖޭގައި މިހާރު ތެޔޮ ވިއްކާ ރޭޓުން ބަލާ ނަމަ ބޯޓު އެނދުމުން ގެއްލުނު ތެލުގެ އަގު 260،000 ރުފިޔާއަށް އަށް ވުރެ މައްޗަށް އަރައެވެ.

'ޔޫ ފިލް ' ނަމަކަށް ކިޔާ ކުންފުންޏަކުން ދުއްވާ އެބޯޓުގައި ރޯވީ ތެޔޮ އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ ދެ ދިވެހިންނާއި ބަންގްލަދޭޝް މީހެކެވެ. ހާދިސާގައި ބަންގްލަދޭޝްމީހާ ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. އެމްއެންޑީއެފުން ބުނީ އޭނާގެ ހަށިގަނޑުުގެ 40 ޕަސެންޓް ފިހިފައިވާ ކަމަށެވެ. އެގޮތުން ފިހިފައި ވަނީ އޭނާގެ ދެއަތާއި ދެފައި އަދި ބުރަކައްޓެވެ. އެ މީހާ މިހާރު ވަނީ އޭދަފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އެވެ.

ބައެއް މަންޒަރު ދުށް މީހުން ބުނި ގޮތުގައި، އެ ބޯޓްގައި އަލިފާން ރޯވީ ބިދޭސީ މީހާ ތެޔޮ އަޅަމުން ދިޔަ ޕަމްޕް ބޯޓްތެރެއަށް ވެއްޓި މުޅި ބޯޓްތެރެއަށް ތެޔޮ އެޅި އެ ތެޔޮ އިންޖީނާ ހަމަޔަށް ފޯރުމުގެ ސަބަބުން އެވެ. އެ ހާދިސާއާ ގުޅިގެން އެ ރަށު ފަޅު ތެރޭގައި ހުރި އެހެން އުޅަނދުތައް ވެސް ފަޅުން ބޭރަށް ނެރުނެވެ.