ހަބަރު

ކުއްޖަކާ ބެހުނު ކަމަށް ތުހުމަތުވާ ޑްރައިވަރު ހުރީ ދޫކޮށްލާފައި

ޓެކްސީއަކަށް އެރި ކުޑަ ފިރިހެން ކުއްޖަކާ ބެހުނުކަމުގެ ތުހުމަތަށް ހައްޔަރު ކުރި ޓެކްސީ ޑްރައިވަރު ހުރީ ދޫކޮށްލާފައި ކަމަށް އާއިލާއިން ބުނެފި އެވެ.

ޑްރައިވަރު ބެހުނު ކަމަށް ބުނާ ކުއްޖާގެ މަންމަ 'އަވަސް' އަށް ބުނީ ބުދަ ދުވަހުގެރޭ ހިނގި އެހާދިސާއަށް ފަހު ހައްޔަރު ކުރި ޑްރައިވަރު ދޫކޮށްލީ އޭނާ ހައްޔަރު ކުރިތާ 24 ގަޑި އިރުވީ އިރު ވެސް ބަންދުގައި ބަހައްޓަން ކޯޓު އަމުރު ނުލިބިގެން ކަމަށެވެ.

"އަޅުގަނޑަށް ވަރަށް އަސަރު ކޮށްފި އޭނާ ހައްޔަރުކޮށްފައި ހުރި ކަމަށް ނޫސްތަކުން ބުނާތީ. އޭނާ ހައްޔަރުކޮށް، 24 ގަޑި އިރު ހަމަވި އިރު ކޯޓު އަމުރު ނުލިބިގެން ވަނީ ދޫކޮށްލާފައި. ދޫކޮށްލި ފަހުން ކޯޓް އަމުރު އައީ ބަންދުގައި ބަހައްޓަން ނުޖެހޭ ކަމަށް،" ކުއްޖާގެ މަންމަ ބުންޏެވެ.

އޭނާ ބުނީ ދަރިފުޅު އެ ޓެކްސީއަށް އެރީ ޓްރެކް ސަރަހައްދަށް ދާން ކަމަށެވެ. އަދި އެތަނަށް ދިޔަ ބޭނުން ނިމިގެން އެނބުރި ގެއަށްދާން ޖެހޭ ގަޑި ޑްރައިވަރު އެހި ކަމަށާއި އަނެއްކާ އެގަޑިއަށް ބަލާ އައި ކަމަށެވެ.

"ޓެކްސީއެއް ހޯދަން ފަސޭހައަކަށް ދަރިފުޅު އޭނާ ކައިރީ ނިމޭ ގަޑި ބުނީ އެހީމާ. ދެން އެ އުމުރުގެ މީހަކު އެފަދަ ކަމެއް ކޮށްފާނެ ކަމަށް އޭނާ ހީވެސް ނުކުރޭ. ގެއަށް ދާން ޓެކްސީއަށް އެރީމާ ގަޑިއެއް ހާއިރު ވަންދެން މާލޭގެ އެތަން މިތަނުގައި ދުއްވާފައި ގެނެސް ބޭލީ އަނެއްކާވެސް ކުރިން ހުރި ތަނަށް. ދެން ދަރިފުޅު ބިރުން ދުވަމުން އައީ ގެއަށް،" ކުއްޖާގެ މަންމަ ބުންޏެވެ.

އެހާދިސާއާ ބެހޭ ގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ ' އެފަދަ މައްސަލައެއް ބަލަމުން އަންނަ ކަަމަށާއި އެހެން ނަމަވެސް އިތުރު ތަފުސީލު މިވަގުތު ދެވެން ނެތް' ކަމަށެވެ.

ރާއްޖޭގައި ދުއްވާ ޓެކްސީތަކުގައި އާއްމުކޮށް ރައްކާތެރިކަން އޮތް ނަަމަވެސް މަދު މަދުން ހާދިސާތައް ހިނގައެވެ. އެގޮތުން ޓެކްސީއެއްގައި ގަދަކަމުން އަންހެނަކު ގެންދަން އުޅުނު މައްސަލައަކާއި މީހުންނަށް ބިރު ދައްކާ އިންޒާރު ދިން ޑްރައިވަރެއްގެ މައްސަލަ މިދިޔަ އަހަރު ބެލި އެވެ.