މާރާމާރީ ހިންގުން

ގަމުގައި ޒަހަމްކޮށްލި ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން

ލ. ގަމުގައި ރޭ ހިނގި މާރާމާރީގައި ކަތިވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރު އަބްދުލް ހައްނާނު މިރޭ ވިދާޅުވީ ޒަހަމްކޮށްލި ކުއްޖާގެ ސާޖަރީއެއް މިއަދު ހަދާފައިވާ ކަމަށާއި އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށެވެ.

ގަމުގެ މުކުރިމަގު އަވަށުގައި ރޭ 12:45 އެހާކަންހާއިރު ހިންގި އެ މާރާމާރީގައި މޫނު ނިވާކޮށްގެން ދެ ސައިކަލެއްގައި ދުއްވި ހަތަރު މީހަކު ކަތިވަޅި ޖަހާފައި ޒަހަމްކޮށްލާފައި ވަނީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، އެ ގްރޫޕުން ވަނީ އެ ކުއްޖާގެ މޫނަށާއި އަތަށާއި ފައިގެ ފަލަ މަސްގަނޑަށް ވެސް ކަތިވަޅިން ހަމަލާދީފަ އެވެ.

އެ ރަށު ކައުންސިލްގެ މެންބަރަކު ރޭގައި ވިދާޅުވީ އެ ކުއްޖާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށާއި އެންމެ ބޮޑަށް ކަތިވަޅިން ހަމަލާދީފައި ވަނީ އަތަށް ކަމަށެވެ.

ބައެއް މީހުން ބުނި ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހެޔެއް ނެތެވެ. އެހެން ނަމަވެސް މިހާރު ވަނީ ހޭ އަރައިފަ އެވެ. މި ކުއްޖާއަށް ހަމަލާދިނީ އެހެން ރަށަކުން އައި ބަޔެއް ކަމަށްވެ އެވެ. އަދި ހަމަލާ ދިން އިރު އެ ކުއްޖާއާ އެކު އިތުރު އެހެން ފިރިހެނަކު ހުރި ކަމަށްވެ އެވެ.