ދުނިޔެ

ޕާކިސްތާނުން ޓެރަރިޒަމް ނައްތާލާނަން: ނަވާޒް ޝަރީފު

ޝަރީފު މިހެން ވިދާޅުވެފައި ވަނީ ޕިޝާވަރުގައި ތާލިބާނުންގެ ބަޔަކު ސްކޫލަކަށް ދިން ބޮމާއި ބަޑީގެ ހަމަލާތަކެއްގައި 141 މީހަކު މަރާލި މައްސަލައާ ގުޅިގެން ސިޔާސީ ޕާޓީތަކާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

މި ހަމަލާ އަށް ފަހު ޕާކިސްތާނުން ވަނީ ޓެރަރިސްޓުންނަށް މަރުގެ ހުކުމް ތަންފީޒުނުކުރުމަށް ކުރިން ފާސްކޮށްފައިވާ ވަގުތީ ގަރާރު ވެސް މިހާރު ބާތިލުކޮށް މަރުގެ ހުކުމް ޓެރަރިސްޓުންގެ މައްޗަށް ތަންފީޒުކުރަން ނިންމައިފަ އެވެ.

ޕިޝާވަރުގެ ސްކޫލަށް ދިން މި ހަމަލާ އަކީ ފަހުގެ ތާރީޚެއްގައި ތާލިބާނުން ޕާކިސްތާނުގައި ދިން މިފަދަ އެންމެ ނުރައްކާ ބޮޑު ހަމަލާ އެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ތާލިބާނުންނާ ދެކޮޅަށް ޕާކިސްތާނު ނުކުންނާނެ ކަމުގެ އިންޒާރު ދީފައިވާއިރު އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވެސް ވަނީ ޕާކިސްތާނާ ގުޅިގެން ތާލިބާނުންނާ ދެކޮޅަށް އަފްޣާނިސްތާނު ވެސް ނުކުންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ދަ ޕާކިސްތާނީ ތާލިބާން (ޓީޓީޕީ) އިން ބުނެފައި ވަނީ ޕިޝާވަރުގައި ސިފައިން ހިންގާ ސްކޫލަށް ހަމަލާ ދިނީ ތާލިބާނުންނާ ދެކޮޅަށް ޚައިބަރާއި ވަޒީރިސްތާނުގެ އުތުރު ބިތުގައި ސިފައިން ހިންގާ ހަރަކާތްތަކުގެ ބަދަލު ހިފުމެއްގެ ގޮތުގައި ކަމަށެވެ.

ޕާކިސްތާނުގައި ތާލިބާނުން ބޮޑު ލޭ އޮހޮރުވުމެއް ހިންގާލާފައިވާއިރު އަފްޣާނިސްތާނަށް ވެސް މި ދުވަސްކޮޅަކީ ތާލިބާނުންގެ ނުރައްކާ ބޮޑު ދުވަސްކޮޅެކެވެ.

އިއްޔެ ހިލްމަންދުގެ ބޭންކަކަށް ދިން ހަމަލާއެއްގައި ތާލިބާނުން މި ވަނީ 10 މީހަކު މަރާލައިފަ އެވެ. ބޭންކަށް ހަމަލާ ދިނީ މީހެއްގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެންނެވެ.

އަފްޣާނިސްތާނާއި ޕާކިސްތާނަށް ތާލިބާނުންގެ ނުރައްކާ ބޮޑުވަމުން އަންނައިރު އެމެރިކާ އިން ދަނީ އެގައުމުގެ ސިފައިން އަފްޣާނިސްތާނުން މަދުކުރަމުންނެވެ. ހަނގުރާމަ ނިންމާލަން އެމެރިކާ އިން ތައްޔާރުވަމުން އަންނައިރު އަންނަ އަހަރުގެ ޖެނުއަރީ މަސް ފެށޭ އިރު އަފްޣާނިސްތާނުގައި ތިބޭނީ އެމެރިކާގެ 13،000އެއްހާ ސިފައިންނެވެ.