ފިނިޕޭޖް

"ނިވައިރޯޅި" އާއެކު ނިއުމާ ނިވާވަނީ!

  • ނިއުމާގެ ބައިގްރޮފީ އަންނަ އަހަރު ނެރޭނެ
  • ނިއުމާގެ "ސެލެބްރޭޓިން 20" ނެރެފި
  • ނިއުމާ ކިޔާފައިވާ ދެ ލަވަ ވެސް ހިމެނޭ

މިރެއަކީ ދިވެހި ފިލްމީ އިންޑަސްޓްރީގެ އެންމެ ކާމިޔާބު އަދި މަގުބޫލު އެއް ބަތަލާ ނިއުމާ މުހައްމަދުގެ ރެއެކެވެ. ވަރަށް ތާރީހީ ރެއެކެވެ. ނިއުމާގެ ފިލްމީ ކެރިއަރުގެ 20 އަހަރު ފާހަގަކުރަން އޭނާ ތައްޔާރު ކުރި ލަވަ އަލްބަމް "ސެލެބްރޭޓިން 20" ރިލީޒް ކުރުމުގެ އިތުރުން ބޮޑު ތިން ހަބަރެއް އޭނާގެ ފޭނުންނަށާއި ފިލްމީ ދާއިރާއަށް މިރޭ ދޫކޮށްލި އެވެ. އެ ހަބަރުތަކުން ފޭނުން ރޮއްވާލާފައި ހެއްވާވެސްލި އެވެ.

ސަޕްރައިޒްތަކުގެ ވާހަކަ ފަހަތަށް ޖައްސާލާފައި މިރޭ ރިލީޒްކުރި ނިއުމާގެ އަލްބަމްގެ ވާހަކައިން ފަށާށެވެ. ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އުފެއްދި މި އަލްބަމްގެ ލަވަތަކުން ނިއުމާ އާއެކު އަހްމަދު އަޒްމީލް (އަޒޭ)، އިސްމާއީލް ޖުމައިހް (ޖުމާ)، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އަޖުނާޒް، މުހައްމަދު މަނިކު އަދި އެހެން ތަރިންވެސް ފެނިގެންދެ އެވެ. އަލްބަމްގެ ދެ ލަވައެއް ނިއުމާގެ އަޑުން ކިޔާފައިވާއިރު ނިއުމާގެ އެންމެ ހިޓު އެއް ލަވަ "ރުހެންޏާ ލޯބި ދީ" އެ ލަވައިގެ އާ ވާޝަން އެއް ހިމެނެ އެވެ.

މި އަލްބަމް އާންމުކޮށް ފިހާރަތަކުން ގަންނާކަށް ނުލިބޭނެ އެވެ. ގަންނަން ބޭނުންވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުން ފެށިގެން ނިއުމާގެ އޮފިޝަލް ފޭސްބުކް ޕޭޖު އަދި އިންސްޓަގްރާމް އަށް މެސެޖް ކުރުމުން ހުރި ތަނަކަށް ގެންގޮސްދޭނެ އެވެ. ސީޑީގެ ބަދަލުގައި އެ އަލްބަމް ވިއްކާނީ ޕެން ޑްރައިވްތަކެއްގަ އެވެ.

ނިއުމާ ދިން ހާއްސަ ހަބަރުތައް އުފާވެރި ހަބަރުން ފަށަމާ ހިނގާށެވެ. އެއީ ނިއުމާ ލީޑު ރޯލުން ފެނިގެންދާ ފިލްމެއް ލޯންޗުކުރީ އެވެ. މޫމިން ފުއާދުގެ އެ ފިލްމު "ނިވައިރޯޅި" އަންނަ އަހަރުގެ އޮކްޓޫބަރު މަހު ރިލީޒް ކުރާނެ އެވެ. ފިލްމާ ބެހޭގޮތުން ނިއުމާ ބުނީ އެއީ ފިލްމީ ދާއިރާ މީހުންނަށް ހާއްސަ ފިލްމަކަށް ވެދާނެ ކަމަށެވެ. އެކަމަކު ފިލްމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ނުދެއެވެ.

ދެވަނަ އަށްވެސް ނިއުމާ ދިނީ އުފާވެރި ހަބަރެކެވެ. އެއީ އޭނާގެ ބަޔޯގްރަފީއެއް ލިޔުމުގެ މަސައްކަތް ކުރާ ހަބަރެވެ. "މައި ސްޓޯރީ" ގެ ނަމުގައި ނިއުމާ އެ ފޮތް ލިޔަނީ ލިޔުންތެރިޔާ އަހްމަދު ޒަރީރު އާ ގުޅިގެންނެވެ. އެ ފޮތްވެސް އަންނަ އޮކްޓޫބަރު މަހު ނެރޭނެ އެވެ. އެ ފޮތުގައި ނިއުމާގެ ހަޔާތުގައި އޭނާއަށް ކުރިމަތިވި ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތް ގޮތާއި ފާޑުކިއުންތަކާއި ނަފުރަތު އަދި މީހުންގެ ލޯބި ބަލައިގަނެ މިހާތަނަށް އާންމުންނަށް އޭނާ އާއި ބެހޭގޮތުން ނޭނގޭ އެތައް ވާހަކައެއް ހިމަނާފައިވާނެ އެވެ.

"މީހުން ހިތަށް އަރާފާނެ ނިއުމާ އާ ބެހޭގޮތުން ނޭނގޭ ވާހަކަތަކެއް އެބައޮތްހޭ، ނޭނގޭ އެތައް ވާހަކަތަކެއް އެބަހުރި، އެ ވާހަކަތައް މި ފޮތުގައި ހުންނާނެ،" ނިއުމާ ބުންޏެވެ.

ދެން މިއޮތީ މާ އުފާވެރި ހަބަރެއް ނޫނެވެ. އެއީ ނިއުމާ ކެމެރާގެ ކުރިމަތިން ރިޓަޔާ ކުރަނީ އެވެ. "ނިވައިރޯޅި" އަކީ ނިއުމާ ކުޅޭ ފަހު ފިލްމެވެ. ކެމެރާގެ ކުރިމަތިން ނުފެނުނު ނަމަވެސް ކެމެރާގެ ފުރަގަހުގައި ނިއުމާ މަސައްކަތް ކުރާނެ އެވެ. އޭނާގެ ހިތް ދެވުނު އެ ދާއިރާ އާ ދުރަކަށް އެއްކޮށް ނުދެ އެވެ. -- ނިވައިރޯޅިއަކީ ހާމަޔަށް އަންނަވައި ތާކުޖެހިފައި ވައިޖެހޭދިމާ ނޫން ފަރާތަކުން އަންނަ ރޯޅި އެވެ. އަދި ސީދާ ނޫން ގޮތަށް އަންނަ ރޯޅިއަކީ ވެސް ނިވައިރޯޅި އެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ގޮތަށް ނިއުމާ އުދުއްސައިގަތީ ގާތްގަނޑަކަށް ހުރިހާ ދިވެހިންގެ ހިތް ހިފައިގެންނެވެ. އޭނާގެ މަގުބޫލުކަން ބޮޑުވެގެން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އޭގެފަހުން ނިއުމާ ލީޑު ރޯލުން ނުފެންނަ ނަމަ އެ ފިލްމެއް ނުބަލާ ބައެއް ވެސް އުޅުނެވެ. އެހެން ނަމަވެސް މި ފަހަކަށް އައިސް ނިއުމާ ކެމެރާ ކުރިމަތިން ހުރީ ގެއްލިފަ އެވެ. ހާއްސަ ފެނިލުންތަކުގައި މަދުމަދުން ފެނެ އެވެ.

ފިލްމީ ދާއިރާގައި މިވީ 23 އަހަރު އެތައް ސަތޭކަ ލަވަޔާއި ފިލްމު އަދި ޑްރާމާ ނިއުމާވަނީ ކުޅެފަ އެވެ.