ހަބަރު

ރާއްޖެއަށް ދަތުރު ކުރަނިކޮށް ގެއްލުނު ބޯޓު ފެނިއްޖެ

އިންޑިއާގެ ސޫތުކުޅިން މުދާ ބަރުކޮށްގެން ރާއްޖެއަށް ދަތުރުކުރި ލަކުޑި ބޯޓެއް ހަތް މީހުންނާއެކު ގެއްލި، ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނީ އެ ބޯޓު ފެނުނީ ސްރީލަންކާގެ މަސްވެރިންގެ ބަޔަކަށް ކަމަށާއި ލަންކާ މަސްވެރިންނަށް ބޯޓު ފެނުނީ ގޯލްގެ އައްސޭރިފަށުން ފެށިގެން 65 ނޯޓިކަލް މޭލު ބޭރުންނެވެ.

"އެމްއެސްވީ މާރިއާ އިރުތަޔާ ރޮބަޓް ވިޖޭ" ގެ ނަން ދީފައިވާ އެ އުޅަނދު ރާއްޖެ އައުމަށް ފުރީ މި އޮކްޓޯބަރުމަހުގެ 14 ވަނަ ދުވަހު އެވެ. އެއުޅަނދު ރާއްޖެއަށް ފުރީ 50 ޓަނުގެ ގަހުކާނާއާއި 17 ޓަނުގެ ތަރުކާރީ ބަރުކޮށްގެންނެވެ.

ގެއްލުނު ބޯޓުގެ ކެޕްޓަނަކަށް ހުރީ ރަންޖީތު ނަމަކަށް ކިޔާ އުމުރުން 37 އަހަރުގެ މީހެކެވެ.

ބޯޓު ހޯދަން އިންޑިއާ ސަރުކާރުން މަސައްކަތްކޮޮށްދޭން އެދި ފަޅުވެރިންގެ އާއިލާތަކުންޑިސްޓްރިކްޓް ކަލެކްޓަރުގެ އޮފީހަށް އިއްޔެ ހުށަހެޅި އެވެ. އެމީހުން ބުނެފައި ވަނީ ބޯޓުގެ ހަބަރެއް އޭގެ ވެރިފަރާތަކަށް އެންމެ ފަހުންވީ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އޭރުގައި ބޯޓު ހުރީ ކަންޔާކުމާރީގެ އައްސޭރިން 10 މޭލު ބޭރުގައި ކަމަށެވެ.