މަހެއްހާ ދުވަހު ގޭގައި ބެހެއްޓުމަށްފަހު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަނބުރާ އަލުން ޖަލަށް ބަދަލުކޮށްފި އެވެ. މިއަދު އޭނާ ޖަލަށް ބަދަލު ކުރި އިރު، އެ ބަދަލު ގެންނަ ކަމަށް އަދާލަތު ޕާޓީން ވެސް މިއަދު ވަނީ ބުނެފަ އެވެ. އަދާލަތުން ކޮށްފައި ވަނީ ޓްވީޓެއް އެކަންޏެވެ. އެ ޕާޓީގެ ނިންމުންތަކާއި ބާސް އާންމުކޮށް އަންނަނީ ޓްވިޓާ މެދުވެރިކޮށެވެ.
ޖަލުގައި ހުންނަވާތާ ގިނަ ދުވަސްވެފައިވީ ނަމަވެސް ދޭތެރެ ދޭތެރެއިން ގެއަށް ވެސް ބަދަލު ކުރާ އިމްރާން އެންމެ ފަހުން ގެއަށް ބަދަލު ކޮށްފައި ވަނީ އޭނާއަށް ބޭފުޅަކު ލިބިވަޑައިގަތުމުންނެވެ. އިމްރާނާއި އަނބިކަނބަލުން މަރިޔަމް ރީމާ ބޭފުޅަކު ލިބި ވަޑައިގެންނެވީ މިދިއަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
އިމްރާން ޖަލު ހުކުމެއް ތަންފީޒު ކުރައްވަނީ މޭޑޭގެ މުޒާހަރާއެއްގައި 2015 ވަނަ އަހަރު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާއެއްގެ ކުށް ޝަރީއަތުގައި ސާބިތުވެގެނެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ކުރީ މާޗް 16، 2016 އިގަ އެވެ.
މިފަހަރު އިމްރާން ގެއަށް ބަދަލު ކުރުމަށް ފަހު އަލުން ޖަލަށް ގެންދާއިރު އޭގެ ކުރިން އިމްރާން ގެއަށް ބަދަލު ކުރީ މިދިއަ ރޯދަ މަހަށެވެ. އެފަހަރު ޖަލުގައި ހުންނަވާ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވެސް ގެއަށް ބަދަލު ކުރި އެވެ. ޖަލުގައި ދެން ހުންނެވި ފާރިސް މައުމޫން ވެސް ވަނީ މިހާރު ގެއަށް ބަދަލުކޮށްފަ އެވެ. އޭނާ ބަދަލުކޮށްފައި ވަނީ ޖަލުގައި މަރާމާތެއް ކުރާ ކަމަށް ބުނެފަ އެވެ. އޭނާގެ ޝަރީއަތް މާދަމާއަށް ވަނީ ތާވަލްކޮށްފައެވެ. އެއީ އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ތެރެއިން ޝަހުސް އޮޅުވާލުމުގެ ދައުވާއެވެ.