ހަބަރު

އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތަކަށް ޖޭޕީ ތައްޔާރު

އަންނަ 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި އިދިކޮޅުފަރާތްތަކުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މަޝްވަރާތައް ކުރަން ތައްޔާރަށް އޮތް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖޭޕީގެ ފަރާތުން އެކަން ހާމަ ކުރެއްވީ އެޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ރިޔާޒެވެ.

" 2018/2019 އިންތިހާބުތަކުގަައި އިދިކޮޅުފަރާތްތައް ގުޅިގެން މަސައްކަތްކުރާނެ ގޮތާ ބެހޭ މަޝްވަރާތައް ފެށުމަށް ޖޭޕީ އިން ތައްޔާެރު،" ރިޔާޒް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޖޭޕީން މިހެން ބުނެފައި މިވަނީ އަންނަ އަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިބުގައި ރާއްޖޭގެ ވެރިކަމަށް އިންތިހާބުވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ އިންތިގާލީ ރައީސުލްޖުމްހޫރިއްޔާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އެހެންވީމާ މިއީ ރައީސް ނަޝީދުގެ ވާހަކަފުޅަށް ދިން އިޖާބައެއް ކަމަށް ބެލެވެއެވެ.

އޯޑިއޯ މެސެޖެއް މެދުވެރި ކުރައްވާ ރައީސް ނަޝީދު މިއަދު ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވަރަށް ކައިރިވެފައިވާ ކަމަށާއި އެ އިންތިހާބާ ދިމާއަށް ރާއްޖެ އާއި އެމްޑީޕީ މިސްރާބު ޖަހާއިރު މިވަގުތަށް ސާފުވާ ހަގީގަތަކީ އިންސާފުވެރި އިންތިހާބެއް ހޯދުމަކީ ވަރަށް އުނދަގޫވާނެ ކަމެއް ކަމަށެވެ.

މި ވަގުތު ސްރީލަންކާގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވީ މިނިވަން ކަމާއެކު ކެމްޕޭނުކޮށް ވޯޓްލައި ވޯޓް ގުނައި ނަތީޖާ ނެރެ، ގާނޫނުގައިވާ ގޮތަށް އިންތިހާބު ކާމިޔާބު ކުރާ ފަރާތް ކަނޑައެޅިގެން ދާނެ ކަމަށް ދެންނެވޭނެ އެއް ގޮތެއްވެސް މިވަގުތު ނެތް ކަމަށެވެ.

"އަދި ކަންތައްތައް ދާނީ އިންސާފުވެރި ނޫން ގޮތަކަށް ކަމަށް ދަންނަވަން ވެސް ދަތި. ކޮންމެ ބޭފުޅަކަށް ވެސް ވިދާޅުވެވޭނީ އެ ބޭފުޅެއްގެ ހިޔާލު. ކަންކަމާ ގުޅޭ ގޮތުން ފެންނަ މަންޒަރެއް ހާމަ ކުރެވިދާނެ އެއީ ވަކި ފަރުދެއްގެ ހިޔާލު،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނަށް ލިބި ވަޑައިގެން ހުންނެވި މަދު ތަޖުރިބާ އާއި ފެނިވަޑައިގެންނެވި ތަންތަނާއި ކުރެއްވިފައިވާ ކަންކަމަށް ބިނާކޮށް ދެންނެވޭނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއަށް އިންތިހާބު ވާންޖެހޭނީ އިންތިގާލީ ރައީސެއް ކަމަށެވެ.

"އިންތިގާލީ އެ ވެރިޔާގެ މަސައްކަތަކަށް ވާނީ އިންތިގާލީ މަރުހަލާއެއްގައި އިންތިގާލީ މުއްދަތެއްގައި ކުރާން ހުރި މަސައްކަތްތައް [ކުރުން]. ހާއްސަ ގޮތެއްގައި ޖުޑިޝަރީ އިސްލާހު ކުރުމާއި ވެރިކަމުގެ ކަންކަން އިސްލާހު ކުރުން،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ އިސްލާހުތަކުގެ ތެރެއިން އިންތިގާލީ ވެރި ކަމުގައި ރާއްޖެއަށް އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ޖާގަ އާއި މަސްރަހު ހޯދައި ދެވެން ޖެހޭނެ ކަމަށެވެ. އަދި މިއަދު އޮތީ ޕާޓީތަކުން ނުކުމެ ވާދަކޮށް އިންތިހާބަކުން މޮޅުވާނެ ކަމުގެ ސައިންޓިފިކް ޔަގީންކަން ލިބޭ ހާލެއްގައި ނޫން ކަމަށްވެސް ކުރީގެ ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ސައިންޓިފިކް ޔަގީން ކަމޭ މިދަންވަނީ ތިޔަ ބޭފުޅުންނަށް އެނގި ވަަޑައިގަންނަވާނެ އަޅުގަނޑުމެން އިންތިހާބުން މޮޅުވަނީ އަދަދުން ސައިންސުން. މިއަދު އަޅުގަނޑުމެނަށް އެ ސާފު މަންޒަރު އެމްޑީޕީ އެކަންޏެއް ނޫން ޖުމްހޫރީ ޕާޓީއަށް ވެސް އަދާލަތު ޕާޓީއަށް ވެސް އަދި ރައީސް މައުމޫނަށް ވެސް އެއްވެސް ބޭފުޅަކަށް، މި އިންތިހާބުން އެބޭފުޅުންނަށް ކާމިޔާބު ވެވޭނެ ސާފު މަންޒަރެއް ނުފެންނާނެ. ހަމަ ގައިމުވެސް އަޅުގަނޑަކަށް ނުފެނޭ،" ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިދިކޮޅު، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކު އިންތިގާލީ މުއްދަތަކަށް ރިޔާސީ އިންތިހާބަށް ނެރުމަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި އެމްޑޕީގެ މެންބަރުންގެ ތެރެއިން ވެރިކަމުގެ އުންމީދުގައި ހަރަކާތެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް އަދި އެމްޑީޕީއަށާއި ދިވެހި ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ވިދާޅުވީ އިންތިގާލީ ރައީސަކު އިންތިހާބު ކުރުމާއި އިންތިގާލީ މުއްދަތެއްގައި ރައީސްކަން ކުރައްވައި ރައްޔިތުން އެދޭ އިސްލާހުތައް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ.

ދެހާސް އަށާރަވަނަ އަހަރު އިންތިގާލީ މުއްދަތަކަށް އިންތިހާބު ކުރާ އިންތިގާލީ ރައީސްގެ މެނިފެސްޓޯއެއް ވެސް ބިނާކުރަން ޖެހޭ ކަމަށާއި އޭގެ މައިގަނޑު އަމާޒަކަށް ވާން ޖެހެނީ ތާހިރު ދިރިއުޅުމާއި ތަނަވަސް ކަމާއި ޖީބަށް ފައިސާ ވަނުމާއި ރީތިކޮށް އުޅެވޭނެ ގޮތްވުމާއި ބޯހިޔާވަހިކަން ލިބުމާއި ރަށުގައި ބޮޑު ކަމުދެވޭނެ ގޮތަށް ނަރުދަމާ ނިޒާމް އޮތުން ފަދަ ކަން ކަމަށް ކުރީގެ ރައީސް ސިފަ ކޮށްދެއްވި އެވެ. -- އެއީ އެމްޑީޕީގެ މިހާރުގެ މެނިފެސްޓޯގައި ވެސް އޮންނަ ގޮތެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިކަންކަމް ފުރިހަމަ ވުމަށް އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ގަވަނެންސް ނުވަތަ ވެރިކަމުގެ ކަންކަން ސާފު ސާދާކޮށް އޮތުން. ޝަރުއީ ނިޒާމް ރަނގަޅަށް ހިނގުން،" އިނގިރޭސި ހިމާޔަތުގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީ ރާއްޖޭގެ ވެރިކަމާ ހަވާލުވި އިރު ދައުލަތުގެ އާމްދަނީއަކީ ހަތް ބިލިއަން ރުފިޔާ ކަމަށާއި އޭރު ރާއްޖޭގައި އަހަރަކު ހެދެނީ ބަނދަރެއް ކަމަށެވެ. އަދި އޭރުގެ ނިޒާމަށް ގެނެވުނު ބަދަލުން ރާއްޖޭގެ އާމްދަނީ މިހާރު ހުރީ 25 ބިލިއަން ރުފިޔާގެ ބަޖެޓްގައި ކަމަށާއި އަހަރު ނިމޭއިރު ގިނަ ފަހަރަށް 17 ބިލިއަން ރުފިޔާ ހަގީގަތަށް ވެސް ހަރަދުވާ ކަމަށެވެ.

"ރާއްޖޭގެ ވެރިކަމުގެ ނިޒާމް ފުރިހަމަ ކުރެއްވިއްޖެ ނަމަ ބޯހިޔާވަހިކަން ލިބޭނެ. ދަރިންނަށް ކިޔަވައި ދެވޭނެ. ބަލިވީމާ ބޭސް ކުރެވޭނެ. ރަށު ބަންދުން ފިލާނެ ޖީބަށް ފައިސާ ވަންނާނެ ތަނަވަސް ދިރިއުޅުމެއް އަޅުގަނޑުމެނަށް ހޯދޭނެ،"

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އަމާޒު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ނެރެވޭ އިންތިގާލީ ކެންޑިޑޭޓް ވެރިކަމަށް ހޮވާނީ ގުޅިފައިވާ ޕާޓީތަކުން އެކުލަވާލައި ވޯޓާސް ލިސްޓަކުން ކަމަށާއި އެ ލިސްޓު ގުޅިފައިވާ ޕާޓީތަކުން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވައި ވެސް ލެވިދާނެ ކަމަށެވެ.

"އެ ލިސްޓްގައި ހިމެނޭ ބޭފުޅުންނަކީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ކަނޑައަޅާ ބޭފުޅަކު ނިންމުމުގައި ވޯޓް ދެއްވާނެ ބޭފުޅުން. އަޅުގަނޑުގެ މި ދަންނަވާލީ އަޅުގަނޑުގެ ވިސްނުން އަޅުގަނޑުމެން މިގެންދަނީ މި ވިސްނުން އަޅުގަނޑުމެންގެ އެހެން ސިޔާސީ އެކުވެރިންނާ ހާއްސަކޮށް ގުޅިފައިވާ ޕާޓީތަކާ ހިއްސާ ކުރަމުން." ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ގޮތަށް އޮންނަ އެއްބަސްވުމެއް ހޯދަން އެމްޑީޕީއާއި ޕާޓީގެ ގައުމީ މަޖިލިސް އިންކާރު ނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެ މަނިކުފާނު އިޝާރާތް ކުރެއްވި ވާހަކަތާމެދު ނުތަނަވަސް ކަމެއް އޮތް ނަމަ އެމަނިކުފާނާ އެވާހަކަތައް ދެއްކެވުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.