ދުނިޔެ

ކެނެޑީ އަވަހާރަކޮށްލި ހާދިސާގެ ލިއުންތައް އާއްމުކުރަން ގަސްދު ކުރަން: ޓްރަމްޕް

އެމެރިކާގެ ކުރީގެ ރައީސެެއްކަމަށްވާ ޖޯން އެފް ކެނެޑީ އަވަހާރަކޮށްލި ހާދިސާގެ ތަހުގީގުގެ ލިޔެކިއުންތައް އާއްމުކުރައްވަން ގަސްދުކުރައްވާ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވެފައި ވަނީ އެކަން އެގޮތަށް ކުރައްވަން ގަސްދު ކުރައްވަނީ ގާނޫނުން އެކަން އެގޮތަށް ކުރަން ލާޒިމުކުރާތީ ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ސިއްރު ލިޔެކިއުންތަކެއްގެ ގޮތުގައި މިހައިތަނަށް ހުރި އެ ލިޔެކިއުންތައް އާއްމުކުރަން ހުއްދަވާ ތާރީހު ކައިރިވެފައި ވަނިކޮށެވެ.

ކެނެޑީ އަވަހާރަކޮށްލި ހާދިސާގެ ތަހުގީގުގެ ލިޔެކިއުންތައް ސިއްރުކޮށްފައި ބަހައްޓަން އެމެރިކާގައި 1992 ވަަނަ އަހަރު ފާސްކުރި ގާނޫނަކުން ކަނޑައަޅާފައި ވަނީ 25 އަހަރަށެވެ. އެ މުއްދަތު ހަމަވަނީ މިހިނގާ އޮކްޓޯބަރުމަހުގެ 26 ވާ ބުރާސްފަތި ދުވަހުއެވެ.

އެމެރިކާގެ ނޫސް އެޖެންސީއެއް ކަމަށްވާ ޕޮލިޓިކޯއަށް ރިޔާސީގަނޑުވަރު ވަައިޓްހައުސް އިން ފޮނުވި ބަޔާނެއްގައި ބުނެފައި ވަނީ މުއްދަތު ހަމަވުމާ އެކު ވީހާވެސް ގިނަ ލިޔެކިއުންތައް އާއްމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކެނެޑީ އަވާހަކޮށްލި ހާދިސާއާ ގުޅިގެން ގިނަ ކޮންޓްރޮވާޝަލް ތިއަރީތަކެއް އުފައްްދާފައިވާ އިރު އެއިން އެއްވެސްކަމެއް އެއީ ދޮގު ކަން ނުވަތަ ނޫންކަން ވެސް ތާރީހު އިލްމުވެރިންނަށް ކަނޑަނޭޅި ވަނީ އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އާއި ތަހުގީގީ އިދާރާ އެފްބީއައި އިން އެއްކުރި މައުލޫމާތުތައް ހިމެނޭ ލިޔެކިއުންތައް ސިއްރުކޮށްފައި ހުރުމުންނެވެ.

ކެނެޑީ އަވަހާރަކޮށްލި ހާދިސާއާ ބެހޭ ފޮތެއް ކަމަށްވާ ' ކޭސް ކްލޯޒްޑް' ގެ މުަސައްނިފު ޖެރަލްޑް ޕޯޒްނާ ސީއެންއެެންއަށް ބުނެފައި ވަނީ ލިޔެކިއުންތައް އާއްމުކުރިޔަސް ހާދިސާއާ ބެހޭ މާ ގިނަ އާ ނުވަތަ ހައިރާން ކުރުވަނިވި މައުލޫމާތުތަކެއް ލިބޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ނަމަވެސް އެއީ ތާރީހު ލިއުމުގައި ހުސްކޮށް ދޫކުރެވިފައިވާ ބައިތައް ފުރިހަމަވާނެ ކަމެއް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

"...އަދި ސީއައިއޭއާއި އެފްބީއައި އިން ތަކުރާރުކޮށް ހެކި ފޮރުވިގޮތް އަހަރެމެންނަށް ފެނިގެންދާނެ،" ލިޔެކިއުންތައް އާއްމުކުރުމުން ނުކުންނާނެ ނަތީޖާއާ ބެހޭ ގޮތުން ޕޯޒްނާ ބުނެފައި ވެއެވެ.

އޭނާ ބުނެފައި ވަނީ ކެނެޑީ އަވަހާރަކޮށްލުމާ ގުޅުވައިގެން އުފައްދާފައިވާ ކޮންޓްރޮވާޝަލް ތިއަރީއެއް ކަމަށްވާ " ސީއައިއޭ އާއި ހަވަރު އެކުވެގެން ދައުލަތެއްގެ ވެރިއަކު އަވަހާރަކޮށްލަން މަސައްކަތް ކޮށްލި ވާހަކަ" އަކީ ތެދެއް ކަމަށެވެ. ނަމަވެސް އަވަހާރަކޮށްލަން އެމީހުން އުޅުނީ ކެނެޑީ ނޫން ކަމަށާއި އެއީ ކިއުބާގެ ލީޑަރު ފިޑެލް ކާސްޓްރޯ ކަމަށް ވެސް ބުނެފައި ވެއެވެ.

" އެމީހުން މަސައްކަތް ކުރި ހަތް ފަހަރު. އެކަމަކު އެމީހުންނަކަށް އޭނާ ޒަހަމްވެސް ނުކޮށްލެވުނު. އެމީހުންނަކަށް ކާސްޓްރޯގެ ކަންތައް ނިންމައެއް ނުލެވުނު " ޕޯޒްނާ ސީއެންއެންއަށް ބުނެފަައި ވެއެވެ.

ޖޯން އެފް ކެނެޑީ އެމެރިކާގެ ރައީސްކަމަށް ވަޑައިގެންނެވީ 1961 ވަނަ އަހަރުއެވެ. އޭނާ އަވަހާރަކޮށްލީ 1963 ވަނަ އަހަރުއެވެ. އޭނާ އަވަހާރަކޮށްލީ ޓެކްސަސް ސްޓޭޓުގެ ޑަލާސް ނަަމަކަށް ކިޔާ ރަށުގައި މަތިނެތް ކާރެއްގައި ވަަޑައިގަންނަވަނިކޮށް ލީ ހާވީ އޮސްވާލްްޑް ނަމަކަށް ކިޔާ މީހަކު ބަޑިން ދިން ހަމަލާއެއްގައެވެ.