ވާހަކަ

މިންނުގެ ޑައިރީ

(19 އޮކްޓޯބަރ 2017 އާ ގުޅޭ)
އޮފީހަށް ވަންއިރު ވަރަށް ގިނަ މީހުން ނާދެއެވެ. ތުނިކޮށް ވެހެމުންދިޔަ ވާރޭގެ ސަބަބުން ދެ މީހުން ވެސް ތިބީ ކުޑަކޮށް ތެމިފައެވެ.

ވާރޭ ވެހިއްޖެއްޔާ މާލޭގައި ފެންބޮޑުވުމަކީ އާދައެވެ. އެޅެންޖެހޭނީ އެހާ ހާލުގައެވެ. އަހަރުގެ ބޮޑު ޗުއްޓީ ފެށިފައި އޮތްކަން ނަސީބެކެވެ. އެހެންނޫނީ ސުކޫލުތަކަށް ދާ ކުދީން އުފުލަންޖެހޭ ތަކުލީފު ބޮޑުވާނެއެވެ. އެ ބުރަ އުފުލަން ބޭނުންނުވާ ބެލެނިވެރިން ތިބޭނީ ކުދީން ސުކޫލަށް ނުފޮނުވައެވެ. އެހެންވިޔަސް ވިއްސާރަ މޫސުމަކީ އަހަރެން ވަރަށް ހިތްހަމަޖެހޭ ދުވަސްވަރެކެވެ. ފިނިވެފައި ހިރުފުހުގެ އަސަރު ނުކުރާނެތީއެވެ.

އޮފީހުގައި އުޅުނު އިރު އަޒާން އަހަންނަށް އިރުއިރުކޮޅާ ގުޅާލައެވެ. ފިނިވެގެން ހީކަރުވަނީއޭ ބުނެލައެވެ. އަހަރެންގެ ގައިގާ ބައްދާލަން ލިބޭނީ ކޮންއިރަކުންތޯ އަހާލައެވެ. އަހަންނަށް އޮފީހުގެ މަސައްކަތް ވެސް ރަނގަޅަށް ކުރެވޭ ގޮތެއް ނުވިއެވެ. މިއަދު އެހެން ދުވަސްދުވަހާ ޚިލާފަށް އޮފީހުގެ ހުރިހާ އެންމެން ވެސް އަވަހަށް ގެއަށް ދާން ނުކުތެވެ. އޭރު ވެސް ވިލާގަނޑު އޮތީ ބޯމަތިކޮށްފައެވެ. ދުނިޔެ މައްޗަށް އަނދިރިކަމެއް ވެރިވެފައެވެ. އަހަންނާއި އަޒާން ވެސް އޮފީހުން ނުކުތީ ގެއަށް ދާށެވެ. އެހެންނަމަވެސް އަހަރުމެން ދެ މީހުން ގެއާ ހަމައަށް ނުފޯރައިގެން އުޅެނިކޮށް ވާރޭ ވެހިގަނެއްޖެއެވެ. ސައިކަލުގެ ދުވެލި އަޒާން ބާރުކޮށްލިއެވެ. ކުއްލިއަކަށް އަހަރެން ކުރިއަށް ދިޔަގޮތަށް އަޒާންގެ ބުރަކަށީގައި ތަތްވެއްޖެއެވެ. އެއާއެކު އަހަރުމެން ދެމީހުންނަށް ވެސް ވީ މަޖާކަމަށެވެ. ބާރަށް ހެވުނެވެ. އަހަރެންގެ ކޮނޑުގައި އަޅުވާލައިފައި އޮތް އަތްދަބަސް ތެމުނަ ނުދީ ސަލާމަތްކުރަން މަސައްކަތް ކުރީމެވެ. ފެންބޮޑުވެފައި އޮތްއިރު ބައެއް މަގުތައް އެއްގޮތަކަށް ނުވެސް ފެނެއެވެ. އަޑުގުޑަންތަކަށް ސައިކަލު ޖެހޭ ކޮންމެ ފަހަރަކު އަހަންނާއި އަޒާނަށް ބޭއިޚްތިޔާރުގައި ހަޅޭލަވައިގަނެވެއެވެ. ދެ ފަރާތަށް ފެންތަށް ބުރައިގެން ދާއިރު ނުހަނު ހިތްގައިމެވެ.

އަހަރެންގެ ގޭ ކައިރީ ސައިކަލު ޕާކުކޮށްލުމާއެކު އަޒާންގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނާން ދުއްވައިގަތީމެވެ. ގޭގެ ދޮރޯށީން ދެ މީހުން އެތެރެވީއިރު ވެސް ތިބީ ތެމި ފޯވެފައެވެ. ގޯތި ތެރޭގައި ވެސް ތަންތަންކޮޅުގައި ފެންގަނޑު ގަނޑު ހެދެމުންދިޔައެވެ. ދޮރޯށި މަތީގައި ކުޑަފުރާޅުކޮޅެއްލާ ހިޔާކޮށްފައި ހުންނާތީ ވާރޭއިން ކޮންމެވެސް ވަރަކަށް ސަލާމަތްވިއެވެ. އަޒާން ލައިގެން ހުރި މަޑުނޫކުލައިގެ ގަމީސް ހުރީ އެ ހަށިގަނޑުގައި ތަތްވެފައެވެ. އޭނާގެ ކުރުކޮށް ކޮށާފައި ހުރި އިސްތަށިގަނޑު ތެމިފައި ހުރުމުން ބޮލުގައި ލާފައި ހުރި ކުރީމުތައް މޫނުގެ އެކި ދިމާއިން ފައިބަމުންދިޔައެވެ. ދޭތެރެއަކުން އޭނާ މޫނު ފުހެލައެވެ. ކަރުގައި އަޅާފައި އޮތް ކަނޑުކުލައިގެ ހިމަ ޓައީ ކަރާ ވަކިކޮށްލުމާއެކު އޮޅާލާފައި ފަޓުލޫނުގެ ކަނާތް ފަރާތު ޖީބަށް ކޮށްޕާލިއެވެ. އަޒާންގެ އަތަށް ދަމާލާފައި އެތެރެއަށް ދާން އަހަރެން އެދުނީމެވެ. ނަމަވެސް އޭނާ ދެކޮޅު ހެދީއެވެ. ކީއްވެކަމެއް އަހަންނަކަށް ނޭނގެއެވެ. ބުނެބުނެ ނައުމުން އަހަރެން ގޯތިތެރެއަށް ނުކުތީއެވެ.

އަޒާން: "މިންނު! ވަޓް އާ ޔޫ ޑުއިން... އަދިވެސް ތެމިހުރިވަރު ކުޑަތަ؟ އާދޭ ހިޔަލަށް! ތިހެން އުޅެނިކޮށް ބަލިވެދާނެ... ކަމޯން މިންނު! އަޑު އިވޭތަ... އާދޭ މިކޮޅަށް"

އަޒާން ކިޔާ އެއްޗެއް އަޑުއިވުނަސް އިވޭކަމަކަށް ނުހެދީމެވެ. ހިނިތުންވެލައިގެން ހުރެ ވާރޭގެ ތެރޭ އަހަރެންގެ ދޯޕަށްޓާ ފަތުރާލީމެވެ. ދޯޕަށްޓާއަށް ޖަމާވި ފެންތައް އަޒާންއާ ދިމާއަށް ފޮޅާލީމެވެ. އޭނާ ވަގުތުން މޫނާ ދިމާއިން ވައަތް ހުރަސްކޮށްލިއެވެ. އަހަރެން އައިސް އަޒާންގެ އަތުގައި ހިފައި ދަމައިގަތީމެވެ. ވާރޭގެ ތެރެއަށް އޭނާ ނެރުނީމެވެ. އެހިނދު މަދުން ނޫނީ އަޑު ނީވޭ އެ ޖާދުވީ ފިރިހެންވަންތަ ހުނުމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ދެފަރާތަށް އަޒާން ބޯހޫރުވާލާފައި ދެއަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. އަދި ވެހެންމުންދިޔަ ވާރޭއަށް ބަލާލާ ފަދައިން މައްޗަށް ބަލާލިއެވެ. އޭނާ މޫނަށް ގޮތެއް ހަދައިގެން ހުރެ ޖީބުގައި އޮތް ފޯނާއި ވޮލެއްޓު ނަގާ އަހަންނަށް ދިއްކޮށްލިއެވެ.

އަޒާން: "މިންނު ބޭނުންވަނީ އަހަރެން ތެންމާލާކައްނު! އޯކޭ... މިންނުއާ އެކީ ކޮންމެ ކަމެއް ވެސް ކޮށްފާނަން... އެކަމަކު މި ތަކެތި ތެމިއްޖެއްޔާ ވަރަށް ބޮޑު ގެއްލުމެއްވާނެ"

އަހަރެންގެ ކޮނޑުގައި އަޅުވާލާފައި އޮތް ދަބަސްގެ މަތިން ހަނދާންވީ އަޒާންގެ ވާހަކަ އިވިފައެވެ. އެހިނދު ދަބަހުގައި އޮތް އަހަރެންގެ އެކުވެރިޔާގެ މަތީން ހަނދާންވިއެވެ. އަވަހަށް އަޒާންގެ އެއްޗިއްސާއެކު އަހަރެންގެ އަތްދަބަސް ވެސް ސިޓިންރޫމު ދޮރުކައިރީ އެތެރެއަށް ވާގޮތަށް ބެހެއްޓީމެވެ.

ކުޑަ ދެކުދީން ވާރެޔާ ތެމެން ނުކުމެ އުޅޭ ފަދައެވެ. އެއްފަހަރު އަހަރެން އަޒާންގެ ގަޔަށް ފެންޖެހިއްޔާ އަނެއްފަހަރު އޭނާ އަހަރެންގެ ގަޔަށް ފެންޖަހައެވެ. އަޒާން ހީނލާފައި އުޅޭ ގޮތް ފެނި އަހަރެންގެ ހިތަށް ބަޔާން ކުރާން ދަތި އެތައް އިހުސާސެއް އަރާފައިބަމުންދިޔައެވެ. އަޖައިބެއް ފަދަ ކަރަންޓެއް ހަށިގަނޑުގައި ދައުރުވަމުންދިޔައެވެ. ނުވިސްނާ ހުއްޓާ އަހަރެންގެ އަތުގައި ހިފާ އަޒާން ދަމައިގަތެވެ. އަޒާންގެ އަތުގެ ތެރެއަށް އަހަރެން ވަނުމާއެކު އޭނާ އަހަރެންގެ އުނަގަނޑުގައި ހިފާ އުފުލާލިއެވެ. އަދި އެ ބާރު ދެއަތުން ހިފަހައްޓާލައިގެން ހުރެ އެނބުރިގަތެވެ. ހީނގަތުމާއެކު ތިރީގައި ބެހެއްޓުމަށް އާދޭސްކޮށްލެވުނެވެ. އެގޮތަށް އަޒާން އަހަރެން ގޮވައިގެން އެނބުރެމުން ދަނިކޮށް ކުއްލިއަކަށް ގޭތެރެއަށް ވަދެ ދޮރޯށި ދޮށުގައި މީހަކު ހުއްޓިލައިގެން ހުރިތަން ލޮލުގައި އަޅައިގަތެވެ. އަހަރެން ތިރީގައި ބެހެއްޓި ގޮތުން އަޒާނަށް ވެސް ދޮރޯށި ދޮށުގައި މަޑުކޮށްލައިގެން ހުރި މީހަކު ފެނުނީކަން އެނގުނެވެ. އަވަސް އަވަހަށް އަތުގައި އޮތް ދޯޕަށްޓާ ކަރަށް އެއްލަމުން އަހަރެން ބަލާލީމެވެ.

ދޮރޯށި ދޮށުގައި ހައިކަލް ހުއްޓިލައިގެން ހުއްޓެވެ. މަޑު އޮރެންޖު ކުލައިގެ ގަމީހަކާއި ގަދަ ޗޮކުލެޓު ކުލައިގެ ފަޓުލޫނެއްގައެވެ. ފަޓުލޫނުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން ނިކަން ފާޑުވެރިކޮށެވެ. ބޫޓަށް އަރާފައި ހުރުމުންނާއެކު އޭނާ އެ އައީ އޮފީހުންހެން ހީވެއެވެ. ހިސާބަކަށް އޭނާ ހުރީ ތެމިފައެވެ. އެ ފަން އިސްތަށިގަނޑުން ނިތްކުރި މައްޗަށް ވެއްޓިފައި ހުރި ބައެއް އިސްތަށީގެ ކޮޅުން ފެންތިކިތިކި ޖަހަމުންދިޔައެވެ. އަޒާންގެ އަތުގައި ހިފާލުމާއެކު އަހަރެން ހައިކަލްއަށް އިޝާރާތްކޮށްލާ އޭނާގެ ނަން ބުނީމެވެ. އަދި ހައިކަލްއަށް އަޒާން ދައްކާލުމާއެކު އެއީ އާޒާންކަމުގައި ބުނެލީމެވެ. އެތެރެއަށް އައުމަށް އަހަރެން ހައިކަލް ގާތުގައި ބުނެލީމެވެ. ނަމަވެސް އަޒާނާއި ހައިކަލް ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. މަޢުނަވީ ބެލުމަކުންނެވެ. އަހަރެން ބުނި އެއްޗެއް އެތަނުން އެކަކަށް ވެސް އަޑު ނީވޭ ކަހަލައެވެ. އަޒާންގެ އަތަށް ދަމާލުމާއެކު އެތެރެއަށް ދާން އަހަރެން އެދުނީމެވެ. އެއާއެކު އެ މޫނުގައި ކުރީން ހުރި އަސަރުތައް ފިލައި ހިނގައްޖެއެވެ. ވަގުތުން އަހަންނަށް ހިނިތުންވެލުމާއެކު ސިޓިންރޫމުން ވަނުމަށް އައެވެ. ހައިކަލްގެ އޮޅާލާފައިވާ ވައަތު އަތްކުރި ކަނާތުން މައްޗަށް ޖައްސާލަމުން އޭނާ އިސްޖަހާލީއެވެ. އަހަރެން ހީކުރީ ޖައުބެ ވަންނަންދެން ހައިކަލް މަޑުކޮށްލައިގެން ހުރީ ކަމުގައެވެ. އެހެންވެ އަޒާން ގޮވައިގެން ގޭތެރެއަށް ވަނީމެވެ.

ސިޓިންރޫމު އޮތީ ފަޅަށެވެ. ނަމަވެސް އަހަރެން ބަލާލީ ސުހައްތަގެ ކޮޓަރިއެވެ. ސުހައްތަ ގޭގައި އުޅޭނަމަ އެ ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމަކީ ޢާންމު ކަމެކެވެ. އަޒާން ގާތު އަހަންނާއެކު އައުމަށް އެދުނީމެވެ. ނަމަވެސް ސިޓިންރޫމު ދޮރުމަތިން އެތެރެއަށް ވަންނާން އޭނާ ހުރީ ޖެހިލުންވެފައެވެ. މަނާ ކުރީ އެހެންވެއެވެ.

ސުހާ: "ކާކު؟... މިންނުތަ؟... އޮފީހުން އައީތަ؟ ސުހައްތަ ހީކުރީ ވާރޭގަ ޖެހިފައި ހުންނާނީއޭ"

އަހަންނާއި އަޒާންގެ އަޑަށް ސުހައްތަ ކޮޓަރިން ނުކުމެގެން އައެވެ. އަހަރެންގެ ގާތުގައި ހުރި އަޒާން ފެނުމުން ސުހައްތަ ނިކަން ބޮޑަށް ހިނިތުންވެލިއެވެ.

ސުހާ: "އަޒާން ވެސް އެބަހުރިންތަ؟ ކީއްވެތަ އަޒާން އެތެރެއަށް ނުވައްދާ ތި ހުރީ؟ ދޭބަލަ ތުވާއްޔެއް ހިފައިގެން އަންނަން... އެއްކޮށް ތެމި ފޯވެފައެއްނު އެ ހުރީ"

ހިނިއައިސްފައި ހުރެ ސުހައްތަ ބުންޏެވެ. އަހަރެން ގޭތެރެއަށް ވަދެގެން ދިއުމުގެ ކުރީން ދޮރޯށި ދޮށުގައި ހައިކަލް ހުރި ވާހަކަ ސުހައްތަ ގާތުގައި ބުނީމެވެ.

ސުހާ: "އޭނާ ގާތުގައި އެތެރެއަށް އަންނާށޭ މިންނު ނުބުނަންތަ؟ ޖައުބެ ބުނީ ތަންކޮޅެއް ލަހުންނޭ މިއަދު އާދެވޭނީ. ހައިކަލް ކަމެއް ނެތީމާ އައީ ކަންނޭނގެ... ކޮބާތަ އޭނަ" ސުހައްތަ ވާހަކަދައްކަމުން ސިޓިންރޫމު ދޮރުކައިރިއަށް ނުކުތެވެ.

ދޮރުކައިރީ ހުރި އަހަރެންގެ އަތްދަބަހާއި އަޒާންގެ ފޯނާއި ވޮލެޓު ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތީ އަޒާން ގޮވައިގެންނެވެ. އޭނާ ނުދާން ހުއްޓާ ވެސް އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް އޭނާ ގޮވައިގެން އައީއެވެ.

އަހަރެންގެ ކޮޓަރިއަށް އަޒާން ވެއްދުމާއެކު މަޑުކުރާން ބުނެފައި އެނބުރި އައީ އަޒާންގެ ބޫޓާއި އިސްޓާކީނު ހިފައިގެންނެވެ. ފާޚާނައިގައި އޭނާގެ އިސްޓާކީނު އަޅުވާފައި އަހަރެން ކޮޓަރިއަށް ނުކުތް އިރު އަޒާން އަހަރެންގެ ކޮޓަރިތެރެއަށް ނަޒަރު ހިންގަމުންދިޔައެވެ. އެ މޫނުން ފެންނަނީ އަޖައިބުވެފައި ހުރި މީހެއްގެ ފަރާތުން ފެންނާނޭ ފަދަ އަސަރުތަކެވެ. އެކި ދިމާލުގައި ބަހައްޓާފައި ހުރި ރަތްފިނިފެންމަލާއި އޯކިޑު މާތަކުގައި އޭނާ އަތްލިއެވެ. ރަތާއި ހުދުކުލައިގެ މާޓުކުރިތަކަށް ހެވިފައި ބަލަމުންދިޔައެވެ. ޝައުގުވެރިކަމާއެކުއެވެ. އަހަރެންގެ އަލަމާރިން ނެގި ތުވާލި ގެނެސް އަޒާނަށް ދިއްކޮށްލީއެވެ. އޭނާ އެ ތުވާލިން އިސްތަށިގަނޑު ހިއްކަންފެށިއެވެ. އަދި ދަށަށް ޖަހާފައި ހުރި ގަމީހުގެ ބެގީ ނައްޓާލިއެވެ.

އަޒާން: "މިތަނަށް ވަދެވުނީމަ ވެސް އެނގިއްޖެ މީ ޔަގީނުން ވެސް މިންނުގެ ކޮޓަރިކަން. ކުޑަވަރެއްގެ މާބަގީޗާއެއްނު މީ" ހިނިއައިސްފައި ހުރެ އަޒާން ބުނެލިއެވެ. އަހަރެން ނިކަން އަވަހަށް އެބަ އަންނަން ކަމުގައި ބުނެ އަލަމާރިން ހެދުމެއް ހިފައިގެން ފާޚާނާއަށް ވަނީ ތެތްހެދުން ބަދަލުކޮށްލާށެވެ. ފާޚާނާއިން ނުކުން އިރު އަޒާން ހުރީ ކުޑަދޮރު ހުޅުވާލައިގެން ބޭރު ބަލާށެވެ.

އަޒާންގެ ގާތަށް އައުމާއެކު އޭނާ އަހަރެން ގެނެސް އެ އަތުގެ ތެރެއަށް ލިއެވެ. ގަމީހުގެ ދެތިންގޮށް ނައްޓާލާފައި ހުރިއިރު އެ ތަނަވަސް މޭމަތި ފެންނަން ހުއްޓެވެ. އަޒާންގެ ފިނިފިނި އަތްތިލަ އަހަރެންގެ ކޯތާފަތުގައި ބީހިގެންދިޔައެވެ. ފިނިކަމުގެ އަސަރުގައި ގޮތްނޭނގޭ ކަރުހިއްކުމެއް އުފެދިގެންދިޔައެވެ. އިހުނަށްވުރެ ދެ ހަށިގަނޑު ގާތްވިއެވެ. ހިނދުކޮޅެއްގެ ތެރޭ އަޒާންގެ ޖާދޫގައި މަސްތުގެ އާރަކަށް ނަފްސު ބެހިގެންދާން ފެށިއެވެ. މޫނަށް އެޅެމުންދިޔަ އަޒާންގެ ނޭވާގައި ވަނީ އާދަޔާ ޚިލާފު ހޫނުކަމެކެވެ. އެ ހޫނުން މުޅިހަށިގަނޑުގެ ފިނިކަން ނައްތާލަން އަހަރެންގެ ނަފްސު އެދެމުންދިޔައެވެ. ބޭއިޚްތިޔާރުގައި އަޒާންގެ ތެމިފައި ހުރި ގަމީހުގެ ދެފަރާތުން ހިފާ އޭނާގެ މޫނާ އަހަރެންގެ މޫނު ގާތްކޮށްލެވުނީއެވެ. އަޒާނަށް ކުރެވޭ ފުރިހަމަ އިތުބާރާއިއެކު އަހަންނަށް ދެ ލޯ މަރާލެވުނެވެ. އަޒާންގެ ދުރުވެފައި ހުރި ތުންފަތުގެ ލުއި ބީހުމެއް ކޯތާފަތަށް އިހުސާސް ކުރެވުނެވެ. މަޑުމަޑުން ތުންފަތާ ކައިރިކޮށްލެވުނު ހިނދު ކޮޓަރީގެ ދޮރުގައި ޓަކިޖަހާލުމާއެކު އިވިގެންދިޔަ ސުހައްތަ އަޑުން އަޒާނާއި އަހަރެން ދިޔައީ ސިއްސައިގެންނެވެ. ނޭނގޭ ބާރުމިނެއްގައި ތެޅިގަތް ހިތާއެކު ދެމީހުންނަށް ވެސް ހިނގައިގަނެވުނީ އެކަކުއަނެކަކާ ދުރަށެވެ.
ހަލުވިކޮށް އައިސް ދޮރުހުޅުވާލަން ވާއިރަށް ސުހައްތަ ދެވަނަ ފަހަރަށް ގޮވާލައިފިއެވެ. އަހަރެން ތަޅުއަނބުރާލުމާއެކު ދޮރު ހުޅުވާލީމެވެ.

ސުހާ: "ކޮޓަރިއަށް ވަންގޮތަށް ދެ މީހުންގެ ޚަބަރެއް ނުވި... އަޒާން ގޮވައިގެން ކާން އަންނަވީނު"

ސުހައްތައަށް އާނއެކޭ ބުނުމުގެ ގޮތުން އަހަރެން އަވަސް އަވަހަށް ބޯޖަހާލީމެވެ. އެއާއެކު ހިނިއައިސްފައި ހުރެ ސުހައްތަ ހިނގައިގަނެއްޖެއެވެ. އަހަންނާއި އަޒާން ކޮޓަރީގައި ދޮރުލައްޕައިގެންކަން ތިބެވުނީ ހިތަށް އެރުމާއެކު ސުހައްތަ ހީކޮށްފާނޭ އެއްޗަކާ މެދު ވެސް ވިސްނާލެވުނީ ދެނެވެ. އިތުރު ވާހަކައެއް ނުދައްކާ ސުހައްތަ ދިޔަކަން ނަސީބެކޭ އެވަގުތު ހިތަށް އެރިއެވެ.
ގާތަކުމަތިން ހުސްފައިގައި ދުވެލާގައި ގޮސް އަޒާން ސިޓިންރޫމަށް ވަނެވެ. އޭނާގެ ފަސްފަހަތުން އަހަރެން ވަނީމެވެ. އޭރު ވެސް ބޯކޮށް ވާރޭ ވެގެމުންދެއެވެ. ސިޓިންރޫމު ސޯފާގައި ތުވާއްޔެއް ހިފައިގެން ހައިކަލް އިނެވެ. އެތަނުގައި މަޑުކޮށްލުމަށް އަޒާންގެ ގާތުގައި ބުނެފައި އަހަރެން ވަނީ ބަދިގެތެރެއަށެވެ. ކާންތައްޔާރު ކުރަން އުޅުނު ސުހައްތައަށް އެހީތެރިވާން ފެށީއެވެ. ޖައުބެ ކީއްވެތޯ ލަސްވަނީ އަހަރެން އަހާލީމެވެ.

ސުހާ: "ބުނީ ކަސްޓަމަށް ދާން ޖެހުނީއޭ... އެކޮޅުގައި ތާށިވެގެން އުޅޭ ވާހަކަ ބުނީ. ނިމުނީމަ ހައިކަލް ބަލާދާނެ ވާހަކަ ބުނި"

ކާންތައްޔާރުވުމާއެކު އަހަރެން ސިޓިންރޫމަށް ބޯދިއްކޮށްލާ އަޒާނާއި ހައިކަލްއަށް ކާންގޮވީމެވެ. ދެ ޒުވާނުން އެކުއެކީ އައިސް ކާމޭޒު ދޮށުގައި އިށީނެވެ. ނަމަވެސް އަޒާން ކާން ނުފައްޓާ އިންނާން ފެށުމުން އެކަން ފާހަގަ ކުރެވުނެވެ. އޭނާ ފެންނަނީ ހާސްވެފައި އިންހެނެވެ. އަޒާނަށް ކަމުނުދާ އެއްޗެއް ކާން ނެގިފައި ހުރީ ކަމުގައި ފުރަތަމަ ހީކުރެވުނެވެ. އެހެންވެ ސުވާލު ކޮށްލެވުނީ ވެސް އެކަމާ ގުޅުވައިގެންނެވެ. އަޒާން ސިއްރުން ބުނެލި ވާހަކަ އިވިފައި އަހަރެންގެ ގާތަށް ވަރަށް ހިނިއައެވެ. އަޒާނަކީ މަންމައަކު ވަރަށް ޅަކޮށްގެން ގެންގުޅޭ ދަރިއެއްކަން އަހަންނަށް އެނގުނީ ދެނެވެ. އަޒާންގެ އުމުރުގައި ދުވަހަކު ވެސް އަމިއްލަ އަތުން މޮޑެގެން ނުކައެވެ. އޭނާގެ މަންމަ ކާންތައްޔާރުކޮށްފައި ހުންނަނީ މޮޑެފައި ސަމްސާލާފައެވެ. އަޒާނަށް ޖެހެނީ ހަމައެކަނި އައިސް ކާލާށެވެ. އަޒާން ރަކިވެފައި އިނަށް އަހަންނާއި ސުހައްތައަށް ވަރަށް ހެވުނެވެ. އަޒާނަށް ބަތްމޮޑެދެމުން އަހަރެން ދިމާކުރީމެވެ. އެކަނި އުޅޭން ޖެހިއްޖެއްޔާ އެ ދުވަހަކުން އަޒާން ހުންނާނީ މޮޑެން ނުކުރޭތީ ނުކައި ދޯއޭ ބުނެލީމެވެ. އަހަރެން މާބޮޑަށް ދިމާކުރާތީ އެކަން ހުއްޓާލާށޭ އަޒާން ބުނުމުގެ ގޮތުން އަހަރެންގެ ދޯޕަށްޓާގެ އެއްފަރާތުން އަޒާން ދަމާލިއެވެ.
އަހަރުމެން ސަކަރާތުގައި ހައިކަލް ބައިވެރިއެއް ނުވެއެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް ހައިކަލް މާ މަޑުމަޑުން އިންނާތީ އެކަން ސުހައްތައަށް ފާހަގަކުރެވި ސުވާލުކުރިއެވެ. އޭނާ ބޮޑުގައި އިނގިލި ދައްކާލަމުން ކުޑަކޮށް ހިނިތުންވެލިއެވެ. އަޒާންއާ ދިމާކޮށްލެވުމުން އެ މަޖާގަނޑުގެ ތެރޭގައި ސިންކުގެ ކައިރިއަށް ހިނގައިގަތީ ހައިކަލްގެ ކޮނޑުގައި މަޑުމަޑުން ޖަހާލާފައެވެ. އަދި ހައިކަލް އާ ދިމާކޮށްލީ އޭނާ މައިތިރިވެފައި އެ އިންނަނީ ފިނިބޮޑުވެގެންނޭ ބުނެއެވެ. މިފަހަރު ރައްދު ދޭކަށް ވެސް ހައިކަލް ނޫޅުނެވެ.

ހައިކަލް: "ހަފިއްތަ މިއަދު ގޭގައި ނޫޅޭ ދުވަހަކީތަ؟"

ހައިކަލްގެ ސުވާލާއެކު އަހަރެން ހައިރާންވިއެވެ. ހީވީ ގަސްދުގައި ވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް ހައިކަލް ބަދަލުކޮށްލީ ހެނެވެ. އޭނާ ނިދާފައި އޮތް ކަމަށް ސުހައްތަ ބުންޏެވެ. ކައިވެންޏަށް ތައްޔާރުވުމުގައި ހަފިއްތަ އުޅެނީ ވަރަށް ބުރަކޮށެވެ. މީހުން ހަނދާންނުނެތޭނޭ ވަރުގެ ބޮޑު ވަލީމާއެއް ބާއްވަން ހަމަޖައްސާފައިވެއެވެ. އެކަމަކު އެއީ އަކީލު ބޭނުންވާގޮތްހެން އަހަންނަށް ވަރަށް ހީނުވެއެވެ. އަކީލުގެ ގިނަވަގުތު އޭނާ ހޭދަކުރަމުން އަންނަނީ ޢާއިލާގެ ވިޔަފާރީގެ ތެރޭގައެވެ. ބުރަކޮށް މަސައްކަތްކުރާ ހަރުދަނާ މީހެކެވެ.

ކައިގެން ފޭބި އަޒާނާއި ހައިކަލް އެކަކު އަނެކަކަށް މިފަހަރު ހިނިތުންވެލިއެވެ. އަދި ސިޓިންރޫމަށް ނުކުމެގެން ދިޔައީ ކޮންމެވެސް ވާހަކައެއް ދައްކަމުންނެވެ. އެ މަންޒަރު ފެނުމުން އަހަންނަށް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހައިކަލް އަހަރެންދެކެ ލޯބިވާކަން އަހަރެން ހަނދާނެއް ނުނެތެއެވެ. އެހެންވިޔަސް އޭނާ އެ ލޯބި ފޮރުވާލައިގެން ހުރެ އެކުވެރިކަމުގެ ގުޅުން ބަދަހިކުރާން މަސައްކަތް ކުރަނީކަން އަހަރެން ދެނަހުރީމެވެ. އޭނާގެ ހިތުގެ ހާލާ މެދު ހަމްދަރުދީ ވެއެވެ. ހަމައެއާއެކު ހިތާހިތުން ހައިލްގެ ދިރިއުޅުމަށް ވަފާތެރި ރަނގަޅު ބައިވެރިއަކު ލިބުމަށް އެދި ދުޢާކުރެވެއެވެ. ލިބެންނެތް ލޯތްބަކަށް ކުރާ އިންތިޒާރާއި އެކަމުގެ ސަބަބުން ލިބޭ ހިތްދަތިކަމާއި އެކަނިވެރިކަން ކުޑަވެގެންދާނީ އޭރުންނެވެ.

ވާރޭ ހުއްޓާނުލާތީ ސިޓިންރޫމުގައި އެންމެން ވާހަކަދައްކާލަން މަޑުކޮށްލައިގެން ތިބީއެވެ. ފަންކާގެ ފިނިން އަޒާންގެ ތެމިފައިވާ ގަމީހާއި ފަޓުލޫނުގެ ބޮޑުބައެއް ހިކިއްޖެއެވެ. އެހެންތިބުމަށްފަހު ފުރަތަމަ ގެއަށް ދާން ނުކުތީ އަޒާނެވެ. އޭރު އިރުއޮއްސިއްޖެއެވެ. ވާރޭ ތުނިކޮށްލި ވަގުތު އަވަހަށް ގެއާ ހަމައަށް ފޯރާތޯ އަޒާން ނުކުތީއެވެ. އޭނާ ދިޔަތާ ގިނައިރެއްނުވެ ޖައުބެގެ ކޯލެއް ހައިކަލްއަށް އައިސްގެން އޭނާ ވެސް ދިޔައީއެވެ.

މިއަދަކީ އަހަންނަށް ވަރަށް ޚާއްޞަ ދުވަހެކެވެ. އަޒާން ގެއަށް ގެނައި ފުރަތަމަ ދުވަހަށްވީމައެވެ. ހާލަތު ނިޔާކުރި ގޮތުން ނަމަވެސް އޭނާއާއެކު އަހަރެންގެ އަމިއްލަ ގޭގައި ވަގުތުކޮޅެއް ހޭދަކޮށްލެވުނީތީ އަހަރެން މި އިނީ އުފަލުންނެވެ. ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ޚާއްޞަކޮށް ހަފިއްތަ އެ ހުރިހާ ވަގުތަކު ކޮޓަރީގައި އޮތުން ވެގެން ދިޔައީ މުޅި ދުވަސް ވެސް އަމާންކަމުގައި ދާން މެދުވެރި ސަބަބަކަށެވެ. މަޢުރިބު ނަމާދު ނުކޮށް އިނުމުން ނަމާދުކޮށްލަން ސުހައްތަ ކޮޓަރިއަށް ދިއުމަށް ތެދުވިއެވެ. އަހަރެން ތެދުވީ ކޮޓަރިއަށް ދާށެވެ. އެވަގުތު އަކީލު އައިސް އަހަރުމެން ގެއަށް ވަނެވެ. ހަފިއްތައާ ބެހޭ ގޮތުން ސުވާލުކުރުމާއެކު ސުހައްތަ ޖަވާބުދިނެވެ. ކޮޓަރިން ނުނިކުންނަ ވާހަކަ ބުނުމުން އަކީލު އައިސް ހަފިއްތަގެ ކޮޓަރީގައި ޓަކި ޖެހުމާއެކު ގޮވަން ފެށިއެވެ. (ނުނިމޭ)