ކުޅިވަރު

ނަޕޯލީގެ ރޭސް އިންޓައިން ހުއްޓުވައިފި

Oct 22, 2017

އިޓަލީގެ ސޭރިއާގެ އެއް ވަނައިގައި އޮތް ނަޕޯލީން، މި ސީޒަންގެ ލީގްގައި ހުރިހާ މެޗަކުން މޮޅުވަމުން އަންނަ ރޭހަށް ދެ ވަނައިގައި އޮތް އިންޓަ މިލާންއިން ހުރަސް އަޅައިފި އެވެ. ރޭ މި ދެޓީމު ކުޅުނު މެޗު ނިމުނީ، ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ނަޕޯލީގެ ޑްރައިސް މާޓަންސްއަށް ވަނީ ލަނޑު ޖަހާނެ ފަހި ދެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ނަޕޯލީން ޖެހިޖެހިގެން ނުވަ މެޗުން މޮޅުވުމުގެ އުންމީދު، އިންޓައިން ހުއްޓުވީ ވަރުގަދަ ޑިފެންސިވް ސްޓްރެޓޭޖީވެސް ބޭނުން ކޮށްގެން ނެވެ.

ނަމަވެސް މާރެކް ހަމްސިކް، ވަނީ މެޗުގެ ކުރީ ކޮޅު ނަޕޯލީގެ ޑިފެންސަށް ބާރު ބޮޑު ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ފުރުސަތުވެސް ލިބިގެން ދިޔައީ ހަމްސިކް އަށެވެ. މެޗުގެ ފަސް ވަނަ މިނެޓްގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލައާ މާ ދުރުން ނެވެ.

ލޮރެންޒޯ އިންސިންނިޔާވެސް ވަނީ މެޗުގެ ކުރީ ކޮޅު ނަޕޯލީގެ ފަހަތަށްވެސް ބާރު ބޮޑު ކޮށްފަ އެވެ. އަދި އީވާން ޕެރެސިޗްވެސް ވަނީ ނަޕޯލީގެ އޭރިއާގެ ތެރެއަށް ނުރައްކާތެރި ބޯޅައެއް ހުރަސް ކޮށްދީފަ އެވެ.

މެޗުގެ 19 ވަނަ މިނެޓްގައި، ނަޕޯލީގެ ކީޕަރު ސާމިރު ހޭންޑޮނޮވިޗް ވަނީ، ޖެހިޖެހިގެން ދެ ސޭވް ކޮށްފަ އެވެ. ހޯސޭ ކަޔޮހޮން ފޮނުވާލި ބޯޅަ، ހޭންޑޮނޮވިޗް ދިފާއު ކުރުމުން، ރީބައުންސަށް ނިކުތް ބޯޅަ ލިބުނީ މާޓަންސް އަށެވެ. އޭނާ ފޮނުވާލި ބޯޅަ ވެސް ހޭންޑޮނޮވިޗް ދިފާއު ކުރި އެވެ.

ރޭ ސަމްޕްޑޯރިއާ އާއީ އެފްސީ ކްރޮޓޯނޭ ކުޅުނު މެޗު، 5-0 ކާމިޔާބު ކުރީ ސަމްޑޯރިއާ އެވެ.