ޗަައިނާގެ އެގްޒިމް ބޭންކުން ދޭ ލޯނަކުން ސްރީލަންކާގައި ހިންގަން ހަމަޖެހިފައިވާ މަގު ހެދުމުގެ މަޝްރޫއަކަށް ޗައިނާ ބޭންކުން ފައިިސާ ނުދީގެން މަޑުޖެހިއްޖެ އެވެ.
ލަންކާ އޮފިޝަލުންނާ ހަވާލާދީ ސަންޑޭޓައިމްސް ނޫހުން ބުނީ ސެންޓްރަލް އެކްސްޕްރެސްވޭ ގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް ދޭން ހަމަޖައްސާފައިބާ 1.1 ބިލިޔަން ޑޮލަރުގެ އެ ލޯނުގެ ފައިސާ އަންނަ އަހަރުގެ މާޗްމަހާ ހިސާބަށް ނުލިބިއްޖެ ނަމަ އެހެން ގޮތެއް ހޯދަން ޖެހޭނެ ކަމަށެވެ.
"އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗްމަހު އަހަރެމެންނަށް ލޯނު ނުލިބިއްޖެ ނަމަ ޖެހޭނީ އެހެން ފުރުސަތުތަކަށް ބަލަން،" ލަންކާގެ ރޯޑް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ޗެއާމަން ނިހާލް ސޫރިޔާރާޗީ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.
ލަންކާގެ ހައިވޭސް މިނިސްޓަރު ލަކްޝްމަން ކިރިއެލާ ނޫހަށް ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި ޗައިނާއިން ދޭން ހަމަޖެހުނު ލޯނު ދޭން އެއްބަސްވި ތާރީހު ފަހަނައަޅައި ދިޔަތާ މިހާރު ކިތަންމެ ދުވަހެެއް ވެެއްޖެއެވެ. ލޯނުގެ ފައިސާ ލިބުން ލަސްވެގެން ލަންކާ ސަރުކާރުން މިހާރު ވަނީ އެގައުމުގައި ހުންނަވާ ސަފީރާވެސް މަޝްވަރާކޮށްފައެވެ. އޭގެ އިތުރުން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހާ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެސް އެކަމާ މަޝްވަރާ ކުރިއެވެ.
" އަހަރެމެން ވާނީ މި މައްސަލަ ޗައިނާ ސަފީރަށް ހުށަހަޅާފައި. ފުރަރަމަ ފިޔަވަހި ނިންމަން ވަރަށް މުހިއްމު. މި މަޝްރޫއުގެ ފުރިހަމަ ބޭނުން ކުރުމަށް މިރިގަނަ - ކުރުނެގަލާ ގުޅޭ ހިސާބަށް އެކްސްޕްރެސްވޭ ގޮސް، ދެން އޮތް ފިޔަވައްސާ ގުޅެން ޖެހޭ،" ކިރިއެލާ ވިދާޅުވި ކަމަށް ނޫހުގައި ވެެއެވެ.
ޗައިނާ އެގްޒިމް ބޭންކުން ދޭން ބުނި ލޯނު ލަސްވާ މައްސަލައިގައި ޗައިނާއިން ޖަވާބެއް ދިން ކަމެއް ނުވަތަ ނޫންކަމެއް ސަންޑޭ ޓައިމްސް ނޫހުގެ ހަބަރުގައެއް ނުވެއެވެ.
ލަންކާގައި ޗައިނާއިން އަންނަނީ ބޮޑެތި މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުންް ސްޓްެރެޓެޖިކް ގޮތުން މުހިއްމު ބަނދަރެއް ކަމަށްވާ ހަމްބަންޓޯޓާ ބަނދަރު ވަނީ 99 އަހަރަށް ޗައިނާ ސަރުކާރުގެ ކުންފުންޏަކުން ކުއްޔަށް ހިފާފައެވެ.
ޗައިނާ ސަރުކާރުގެ ޗައިނާ މާޝަންޓް ޕޯޓް ހޯލްޑިންގްސް (ސީއެމްޕޯޓްސް) އާއި ސްރީލަންކާ ޕޯޓްސް އޮތޯރިޓީއާއި ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަމްބަންޓޯޓާ ބަނދަރުގެ 70 ޕަސެންޓް ހިއްސާ ސީއެމްޕޯޓަށް ވިއްކާލާނެ އެވެ. އަދި 99 އަހަރު ވަންދެން އެ ބަނދަރު ހިންގާނީ ދެ ކުންފުނި ގުޅިގެން އުފައްދާ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ މައިގަނޑު ހިއްސާ، 70 ޕަސެންޓް އޮންނާނީ ސީއެމްޕޯޓަށް ކަމަށްވާތީ ބަނދަރުގެ ކޮންޓްރޯލް އޮންނާނީ އެ ކުންފުންޏަށެވެ.
އެއްބަސްވުމުގެ ދަށުން ބަނދަރު ތަރައްގީކުރަން 1.12 ބިލިޔަން ޑޮލަރު ހަރަދުކުރާ އިރު އޭގެ ތެރެއިން 794 މިލިޔަން ޑޮލަރު ހަރަދުކުރާނީ ސީއެމްޕޯޓުންނެވެ. އަނެއްބައި ހަރަދުކުރާނީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީންނެވެ
އަދި އެ ސަރަހައްެދުގައި ތެޔޮ ސާފުކުރާ ކާރުހާނާއެއް އެޅުމަށް ވެެސް ވަނީ ހުށަހަޅައިފައެވެ.
ތެޔޮ ސާފުކުރާ ކާރުހާ އެޅުމަށް ޗައިނާއިން ހުށަހެޅި ނަމަވެސް އެކަމުގައި ދެގައުމުގެ ހިޔާލު ވަނީ ތަފާތުވެފައެވެ. ލަންކާ ސަރުކާރުން ބުނެފައި ވަނީ ކާރުހާނާ އެޅިޔަސް ސާފުކުރާ ތެޔޮ ލަންކާގެ އެތެރޭގައި ޗައިނާ ކުންފުނިން އަމިއްލައަށް ވިއްކަން ހުއްދަ ނުދޭނެ ކަމަށެވެ. ވިއްކާ ނަމަ އެކަން ކުރަން ޖެހޭނީ ލަންކާގެ ކުންފުންޏަކާ ގުޅިގެން ކަަމަށް ވެސް ވަނީ ބުނެފައެވެ.
މި ސަރަހައްދުގެ ގައުމުތަކަށް ޗައިނާއިން މާލީ އެހީތެރިކަަން ފޯރުކޮށްދޭ ގޮތާ މެދު އެމެރިކާއިން ވަނީ ދާދި ފަހުން ފާޑުކިޔާފައެވެ. އެމެރިކާގެ
ސެކްރެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަން ފާއިތުވި ހަފުތާގައި ވިދާޅުވީ ގައުމުތަކަށް މާލީ އެހީ ވުމުގައި ޗައިނާއިން ގެންގުޅެނީ އެ ގައުމަށް ފައިދާ ބޮޑު، އެހެން ގައުމުތަކަށް ގެއްލުން ބޮޑު އުސޫލެއް ކަމަށެވެ. އަދި އެގޮތުން ފޯރުކޮށްދެމުންދާ މާލީ އެހީގެ ސަބަބުން ގައުމުތަކުގެ ދަރަނި ބޮޑުވާ ކަމަށް ވެސް ވިދާޅުވި އެވެ.