ދުނިޔެ

މައްސަލަ ހައްލުކުރަން އުތުރުކޮރެއާއަށް ވަޑައިގަންނަވަން ޖިމީ ކާޓާ ތައްޔާރު

އުތުރުކޮރެއާއާ އެމެރިކާއާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރައްވަން މަސައްކަތް ކުރެއްވުމަށް އުތުރުކޮރެއާއަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަމަަށް އެމެެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ޖިމީ ކާޓާ ވިދާޅުވެއްޖެއެވެ.

އުމުރުފުޅުން މިހާރު 93 އަހަރު ވެފައިވާ ޖިމީ ކާޓާ އެމެރިކާގެ ރައީސްކަން ކުރެއްވީ 1977 ވަނަ އަހަރުން ފެށިގެން 1981 ވަނަ އަަހަރާ ހަމައަށެވެ. އޭނާއަކީ އެމެރިކާގެ މިހާރުގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ނިއުޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެެއްގައި ކާޓާ ވިދާޅުވެފައި އުތުރުކޮރެއާއަށް ވަޑައިގެންނެވުމަށް ތައްޔާރަށް ހުންނެވިކަމަށް އޭނާ ވަނީ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރް މެކް މާސްޓާއަށް ދަންނަވާފައެވެ. ނަމަވެސް ސަރުކާރުން އަދި އެކަމަށް އެއްބަސްނުވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

" އަޅުގަނޑު އޭނާއަށް ދެންނެވިން އެބޭފުޅުން ބޭނުންވެވަޑައިގަނަންނަވަންޔާ އަޅުގަނޑު އެބަ ހުރީމޭ،" ކާޓާ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ އުތުކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް އަނގަބަހުން ކުރައްވަމުން ގެންދަވާ ހަނގުރާމައާ މެދު އެހެން ގިނަ މީހުންނެކޭ އެއްފަދައިން އޭނާވެސް ބިރުފުގެންވަޑައިގަންނަވާ ކަމަށެވެ. އުތުރުކޮރެއާ ސަރުކާރަށް އެެމެރިކާއިން ނުރައްކާ ކޮސްފާނެ ކަމަށް ކިމްއަށް ވިސްނިވަޑައިގެންފި ނަމަ އޭނާ ފިޔަވަޅެއް އަޅުއްވައިފާނެ ކަމަށް ވެސް ކާޓާ ގަބޫލުކުރައްވައެވެ.

" އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޭނާއަތުގައި މިހާރު އެބަހުރި، ކޮރެއަން ޕެނިންސިއުލާ، ޖަޕާން އަދި ބޭރުގައިވާ އަޅުގަނޑުމެންގެ ސަރަހައްދުތައް އަދި މައިރަށަށް ވެސް ހަމަލާދީ ހަލާކުކޮށްލެވޭ ފަދަ ކުރިއަރާފައިވާ ނިއުކްލިއަ ހަތިޔާރު،" ކާޓާ ވިދާޅުވެފައި ވެއެވެ.

އެމެރިކާއާ އުތުރުކޮރެއާއާ ދެމެދު އުފެދުނު ޒުވާބެއްގެ މައްސަލަ ހައްލުކުރައްވަން ކާޓަރު ވަނީ 1990 ގެ އަހަރުތަކުގައި އެގައުމަށް ވަޑައިގެންފައެވެ. އެފަހަރު އޭނާ އެގައުމަށް ދަތުރުކުރެއްވީ އޭރު ހުންނެވި ރައީސް ބިލް ކްލިންޓަނު އެކަމާ ދެކޮޅު ހައްދަވާފައި ވަނިކޮށެވެ. އޭރު ކާޓާ ވަޑައިގެން އުތުރުކޮރެއާގެ އޭރުގެ ލީޑަރު އަދި މިހާރުގެ ލީޑަރުގެ ކާފާފުޅު ކިމް އިލް ސަންއާ އެކު އެއްބަސްވުމެއް ގާއިމްކުރެއްވިއެވެ.