ކުޅިވަރު

ސުވާލު އުފެދުނު ލަނޑާއެކު ބާސާ ލީޑް ދަމަހައްޓައިފި

Oct 22, 2017
1

ސުވާލު އުފެދުނު ލަނޑަކާއެކު، 2-0 ގެ ނަތީޖާއަކުން މަލަގާގެ މައްޗަށް ކާމިޔާބު ހޯދައި، ބާސާއިން އެއް ވަނައިގައި ލީޑް ދެމެހެއްޓިއިރު، ވެލެންސިއާ ވެސް ވަނީ، ސެވިއްޔާގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ދެ ވަނައިގައި ލީޑް ދަމަހައްޓާފަ އެވެ.

މަލަގާއަކީ، އަބަދުވެސް ބާސާއަށް އުނދަގޫ ކުރިމަތި ކުރާ ޓީމެކެވެ. ރޭގެ މެޗުގައިވެސް، މަލަގާއިން ވަނީ ބާސާއަށް އުނދަގޫ ކުރިމަތި ކޮށްފަ އެވެ. ބާސާގެ ލަނޑުތައް ކާމިޔާބު ކުރީ ޖަރާޑް ޑިއުލޮފެއޫ އާއި ކެޕްޓަން އަންދުރޭ އިނިއެސްޓާ އެވެ.

މެޗުގެ ދެ ވަނަ މިނެޓްގައި ޑިއުލޮފެއޫ ކާމިޔާބު ކުރި ގޯލަކީ، ލަނޑެއް ކަމަށް ގުނައިގެން ވާނެ ގޯލެއް ނޫނެވެ. ގޯލް ޖަހަން ބޯޅަ ޕާސް ދިން، ލޫކަސް ޑިގްނީ، ބޯޅަ ގޯލް ކުރިމައްޗަށް ހުރަސް ކޮށްދިނީ ޓަޗް ލައިނުން ބޯޅަ ބޭރުގައި އޮއްވައެވެ. ބޯޅަ އޮތީ ޓަޗްލައިނަށްވުރެ ދެ އިންޗި ބޭރުގަ އެވެ. ޑިގްނީ ބޯޅަ ނަގައިދިނުމުން ޑިއުލޮފެއޫ ވަނީ ބޮލުން ގޯލް ތެރެއަަށް ބޯޅަ ފޮނުވާލާފަ އެވެ. ބޯޅަ ބޭރުވުމުން، މަލަގާގެ ކުޅުންތެރިން ވެސް ތިބީ ސަމާލުކަން ނުދީ އެވެ.

ނަމަވެސް މެޗުގެ ރެފްރީ، ޕަބެލޯ ގޮންޒާލޭޒް ނިންމީ ގޯލެއް ކަމަށެވެ. މަލަގާގެ ކުޅުންތެރިން ވަނީ މައްސަލަ ރެފްރީ ގާތު އެޕީލްވެސް ކޮށްފަ އެވެ. ނަމަވެސް ރެފްރީގެ ނިންމުން ބަދަލެއް ނުކުރި އެވެ.

ބާސާގެ ދެ ވަނަ ލަނޑު، އިނިއެސްޓާ ކާމިޔާބު ކުރީ ލިއޮނަލް މެސީ ދިން ބޯޅަ އަކުން ނެވެ. އޭރިއާގެ ރޮނގާ ހިސާބުން މެސީ ދިން ބޯޅަ ހިފައިގެން، އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލް ތެރެއަށް ވަނީ މަލަގާގެ ޑިފެންޑަރު ރޮބާޓޯ ރޮސާލޭސްގެ ބޫޓުގައި ޖެހި މިސްރާބު ބަދަލު ވެގެން ނެވެ. އެހެންވެ އެ ބޯޅަ ސަލާމަތް ކުރުމަށް މަލަގާގެ ކީޕަރު އެންޑްރެސް ޕްރިއޭޓޯއަށް ވެސް ކުރެވޭނެ ކަމެއް ނެތެވެ.

ބާސާއިން އެއް ވަނައިގައި އޮތީ، 25 ޕޮއިންޓް ހޯދައިގެން ނެވެ. ތާވަލުގެ ދެ ވަނައިގައި އޮތް ވެލެންސިއާ ރޭ ސެވިއްޔާގެ އަތުން މޮޅުވުން، ވެލެންސިއާއަށްވެސް ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. ބާސާ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓްގެ ލީޑަކާ އެކު އެވެ.

މި ސީޒަންގައި ރަނގަޅު ފޯމެއްގައި އޮތް ވެލެންސިއާ އަކީ، މީގެ ދެ އަހަރު ކުރިން ވަރަށް އުނދަގޫ ހާލަތެއްގައި އޮތް ޓީމެކެވެ. ރަނގަޅު ނަތީޖާއެއް ނުލިބުމުން އެ ޓީމަށް ޖެހުނީ އަވަސް އަވަހަށް ކޯޗުން ބަދަލު ކުރާށެވެ. ނަމަވެސް މިހާރުގެ ކޯޗް މާސެލިއާނޯ ގާސިއާ ޓީމާ ހަވާލުވެ ރަނގަޅު ބަދަލުތަކެއް ޓީމަށް ގެނެ އެވެ.

ސްޕެނިޝް ލީގްގައި މިސީޒަންގައި މިހާތަނަށް ބަލި ނުވާ ތިން ޓީމުގެ ތެރެއިން އެއް ޓީމަކީ، ކުރިން ސްޕެއިންގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައިވެސް އޮތް ވެލެންސިއާ އެވެ. އަނެއް ދެ ޓީމަކީ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑެވެ.

ސެވިއްޔާ ކޮޅަށް، ވެލެންސިއާއިން ޖެހި، ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، ގޮންސާލޯ ގެއަޑޭސް އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ ސިމޯން ޒާޒާ އާއި ސެންޓި މިނާ އެވެ.