ކުޅިވަރު

ހެރީ ކޭންގެ ދެގޯލާއެކު ޓޮޓެންހަމްއަށް ބޮޑު މޮޅެއް

Oct 23, 2017

ހެރީ ކޭން ކާމިޔާބުކޮށްދިން ދެކަނޑާއެކު ލިވަޕޫލްގެ މައްޗަށް 1-4 ކުރި ހޯދައި ޓޯޓެންހަމްއިން އިންގިރޭސި ޕްރިމިއާ ލީގުގެ ދެވަނަ މަގާމގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފިއެވެ. ޔުނައިޓެޑު ދެވަނަ މަގާމު ދަމަހައްޓަނީ ލަނޑުގެ ތަފާތުންނެވެ. މިމެޗުން ބަލިވެ ލިވަޕުލް މިހާރު އޮތީ ލީގެ ތާވަލުގެ ނުވަވަނަ މަގާމުގައި 13 ޕޮއިންޓާއެކުއެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ ހަތަރުވަނަ މިނިޓުގައި ފޯވާޑް ހެރީ ކޭންގެ ފަރާތުންނެވެ. ލިވަޕޫލްގެ ކީޕަރު މިންޔޮލޭ ކައިރިން ކަޓުވާލުމަށްފަހު ކޭން ވަނީ ވާތުފައިން ބޯޅަ ގޯލްގެ ތެރެއަށް ވޮލީއަކުން ފޮނުވާލާފައެވެ. ކޭން ލީޑު ނަގައިދންތާ އައްމިނިޓު ފަހުން ޓޮޓެންހަމްގެ ދެކުނު ކޮރިއާ ވިންގަރު ސޮން ހުއިން މިން އެޓީމުގެ ލީޑު ފުޅާކޮށްދިނެވެ.

ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް ކުރިއަށް ފޮނުވާލި ބޮޑު ބޯޅައެއް ބޮލުން ޖަހަން އުޅުނު ނަމަވެސް ލިވަޕޫލްގެ ޑިފެންޑަރު ލޮވްރަންއަށް ލައްވާނުލާ ދިޔަ ބޯޅަ ލިބުނީ ކޭންއަށެވެ. އޭނާ ވަނީ ބޯޅަ ހިފައިގެން ގޮސް އަރިމަތިން ތިރި ތިރން ހުރަހެއް ސޮންއަށް ނަގައިދީފައެވެ. ސޮން ވަނީ އެއްފަހަރުން ބޮޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

ޓޯޓެންހަމްއިން ދެލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ލިވަޕުލްގެ މުހައްމަދު ސަލާހު އެޓީމަށް އުންމީދު އާކޮށްދިނެވެ. ކެޕްޓަން ޖޯޑަން ހެންޑަސަން ކުރިއަށް ލައިދިން ބޮޑު ބޯޅައެއް ހިފައިގެން އެތެރެއަށް ވަދެ ސަލާހު ވަނީ ހޫގޯ ލޮރީސްގެ ގޯލްގެ ދުރުކަނަށް ތިރިތިރިން ބޯޅަ ފޮނުވާލާފައެވެ. އެބޯޅަ ގޯލްގެ ތެރެއަށް ވަނީ ގޮލްގެ ދަނޑީގައި ޖެހިފައެވެ.

ލިވަޕޫލްއިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ތެރެއަށް އެންބުރި އައުމަށް މަސައްކަތް ކުރަމުން ދަނިކޮށް ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތިންވަނަ މިނިޓުގައި ޑެލީ އަލީ ޓޯޓެންހަމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. ލިވަޕޫލްގެ އޭރިއާ ތެރެއަށް އެރިކްސަން ނަގައިދިން ހިލޭ ޖެހުމެއް ޓޮޓެންހަމްގެ ޑިފެންޑަރު މަޓިޗް ބޮލުން އޭރިއާ ބޭރަށް ފޮނުވާލި ނަމަވެސް ޑެލީ އަލީ ވަނީ އެއްފަހަރުން ބޯޅަ ގޯލްގެ ތިރީކަނަށް ފޮނުވާލާފަ އެވެ.

ދެވަނަ ހާފްގެ 56 ވަނަ މިނިޓުގައި ކޭންވަނީ އޭނާގެ ދެވަނަ ލަނޑާއެކު މެޗުގެ ނަތީޖާ 1-4 ބަދަލުކޮށްލާފައެވެ. މެޗުގެ ބޯޅަ ގިނަވަގުތު ލިވަޕޫލްއިން ގެންގުޅުނު ނަމަވެސް ޓޮޓެންހަމްއިން ވަނީ އެޓީމުގެ އެޓޭކުތަކުގެ ފުރިހަމަ ބޭނުންކޮށްފައެވެ.