ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ އެވަޓަން ރެލިގޭޝަން ޒޯނަށް ވެއްޓި ކޯޗު ރޮނާލްޑް ކޫމަން މަގާމުން ވަކިކޮށްފާނެކަމުގެ ވާހަކަތަށް އަނެއްކާވެސް އިތުރުވެއްޖެއެވެ. ގުޑިސަން ޕާކުގައި އާސެނަލް އަތުން 2-5 ބަލިވެ އެވަޓަން މިވަނީ ޕްރިމިއާ ލީގުގެ 18 ވަނަ މަގާމަށް ވެއްޓިފިައެވެ. މިސީޒަނަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ އެވަޓަންގެ މިހާތަނަށް ނެރެފައިވަނީ ވަރަށް އާދައިގެ ނަތީޖާތަކެކެވެ.
މެޗުގެ 12 ވަނަ މިނިޓުގައި ވޭން ރޫނީ ކާމިޔާބުކޮށްދިން ހިތްގައިމު ގޯލާއެކު އެވަޓަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެކަމަށް ބެލެވުނެވެ. ނަމަވެސް ފުރަތަމަ ހާފްގެ 40 ވަނަ މިނިޓުގައި އާސެނަލްގެ ޑިފެންޑަރު މޮންރެއާލް ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ދެވަނަ ހާފް ފަށައިގެން 53 ވަނަ މިނިޓުގައި އޮޒިލް ވަނީ އާސެނަލްއަށް ލީޑު ނަގައިދީފައެވެ. ސަންޗޭޒް ނަގައިދިން ހުރަހެއް އޮޒިލް ވަނީ އެވަޓާންގެ ގޯލް މެދަށް ބޮލުން ބާރު ހަމަލާއެއް ވައްދާލައި އާސެނަލްއަށް މެޗުގެ ލީޑު ނަގައިދީފައެވެ. އާސެނަލްއިން ލީޑު ނަގައިފައިވަނިކޮށް އެވަޓަންއަށް އިތުރު އުންދަގުލަކާ ކުރިމަތިލާންޖެހުނީ 68 ވަނަ މިނިޓުގައި މިޑްފިލްޑަރު އިދްރީސް ގާނާ ގުއޭއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކި ހިސާބުންނެވެ.
74 ވަނަ މިނިޓުގައި އޮޒިލް ކުޅުނު ބޯޅައަކުން ލަކަޒެޓްވަނީ އާސެނަލްގެ ލީޑު ދެގޯލަށް ފުޅާކޮށްދީފައެވެ. 90 ވަނަ މިނިޓުގައި ރަމްސީ އާސެނަލްއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 1-4 ބަދަލުކޮށްލިއެވެ. އިތުރުވަގުތުގެ ތިންވަނަ މިނިޓުގައި އާސެނަލްގެ މޮންރެއާލް ފަހަތަށް ކީޕަރު ޗެކްއަށް ކުޅުނު ބޯޅައެއް ހޯދައި ދެވަނަ ހާފްގައި ކުޅެން ނިކުތް އުމަރް ނިއާސް ވަނީ އެވަޓަންއަށް ފަރަގު ކުޑަކޮށްދީފައެވެ.
މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަންޗޭޒްވަނީ މެޗުގެ ފަހުމިނިޓުގައި އެވަޓަންގެ އޭރިއާ ތެރެއިން ތިންކުޅުންތެރިން ކަޓުވާލުމަށްފަހު އަރިމައްޗަށް ޖެހިލާފައި ގޯލްގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެން މެޗުގެ ނަތީޖާ 2-5 ބަދަލުކޮށްލާފައެވެ.
މިމެޗުގެ ނަތީޖާއާއެކު މާސީސައިޑްގައި އެންމެ ހޫނުކޮށް ދެކެމުން އަންނަ ވާހަކައެއްގެ ގޮތުގައި އިންގިރޭސި މީޑިޔާއިން ރިޕޯޓްކުރަނީ އެވަޓަންގެ ކޯޗު ރޮނާލްޑް ކޫމަންގެ ވާހަކައެވެ. ބޮޑެތި ހަރަދުތަކެއްކޮށް ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަން ނިކުތް އެވަޓަން 18 ވަނަ މަގާމުގައި އޮތީ 8 ޕޮއިންޓާއެކުއެވެ. ބެލެވޭގޮތުގައި މިހަފްތާ ތެރޭގައި އެވަޓަން ބޯޑުން ކޯޗާ މެދު ގޮތެއް ނިންމާނެއެވެ.