އެއިބާގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން މޮޅުވެ، ބާސެލޯނާއާ ފަސް ޕޮއިންޓަށް ރެއާލް މެޑްރިޑުން ފަރަގު ކުޑަ ކުރެވުނަސް، ކްރިސްޓިއާނޯ ރޮނާލްޑޯގެ ޖާދޫ އަނެއްކާވެސް ފަނޑު ވެއްޖެ އެވެ.
ސްޕެނިޝް ލީގްގައި ރޮނާލްޑޯއަށް ލަނޑު ނުޖެހޭ ކަމަށް ބުނެ، އޭނާ އަށް އޮތް ފާޑު ކިޔުމަށް ރޭ ގެ މެޗުން އާ ބޮޅެއް އިތުރު ވެގެން ދިޔައީ އެވެ. ރޮނާލްޑޯގެ އިތުރުން ކަރީމް ބެންޒެމާއަށް ސްޓައިކަރެއްގެ ރޯލް އަދާ ނުކުރެވޭ ކަމަށް ބުނެ، ފާޑު ކިޔުން އެހެން ދިމާލަކަށްވެސް އެނބުރެ އެވެ. އެއީ ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން އަށެވެ.
ރޮނާލްޑޯ އާއި ބެންޒެމާ ފަނޑުވި އިރު، ރޭ ގެ މެޗުގައި ރެއާލްގެ ތަރިންނަށްވީ އިސްކޯ އާއި މާކޯ އެސެންސިއޯ އެވެ. ރެއާލް އަށް ލީޑް ނަގައިދީ، ލީޑް ފުލާ ކޮށްދިނީ އެ ދެކުޅުންތެރިންގެ ކޮމްބިނޭޝަން ބޭނުން ކޮށްގެން ނެވެ.
މެޗުގެ 18 ވަނަ މިނެޓްގައި ރެއާލް ލީޑް ނެގީ އެސެންސިއޯ ނެގި ކޯނަރު އިސްކޯ އަށްދީ އަދި ފަހުން އެސެންސިއޯ ބޯޅަ ހުސްވެ، އަލުން އިސްކޯ ދިން ބޯޅަ އެއިބާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކޮށްގެން ނެވެ. އެސެންސިއޯ ހުރަސް ކުރި ބޯޅަ ބޮލުން ޖަހަން، ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބޮލުން ޖަހަން ފުންމައިގެން އެރި ނަމަވެސް، އެ ބޯޅަ އެއިބާގެ ގޯލް ތެރެއަށް ވަނީ، އެ ޓީމުގެ ޑިފެންޑަރު ޕައުލޯ އޮލިވޭރާގެ ބޮލުގައި ޖެހިފަ އެވެ. އޭނާ ވެސް ފުންމައިގެން އެރީ ރޯމާސް އަށް ފުރުސަތު ނުދޭން ވެގެން ނެވެ. ނަމަވެސް ބޯޅަ ވަނީ ބައި ކޮޅަށެވެ.
ރެއާލްގެ ދެ ވަނަ ލަނޑު 28 ވަނަ މިނެޓްގައި، ކާމިޔާބު ކުރީ އެސެންސިއޯ އެވެ. އެ ލަނޑު އޭނާ ޖެހީ އިސްކޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ.
ދެ ވަނަ ހާފުގައި، ޒިދާން ވަނީ، އަނިޔާގެ ސަބަބުން ޗެމްޕިއަންސް ލީގްގައި ޓޮޓެންހަމްހޮސްޕާއާ ދެކޮޅަށް ނުކުޅެވުނު މާސެލޯއަށް ފުރުސަތު ދިފަ އެވެ. މެޗުގައި، ބެންޒެމާ އަށް ޒިދާން ފުރުސަތު ދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
ރެއާލްގެ ތިން ވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މާސެލޯ އެވެ. އޭނާ އަށް އެ ފުރުސަތު ތަނަވަސް ކޮށްދިނީ ބެންޒެމާ ދިން ޕާހަކުން ނެވެ.
ރޭ އެތުލެޓިކޯ މެޑްރިޑްވެސް ވަނީ ސެލްޓަ ވިގޯގެ ގެ މައްޗަށް 1-0 މޮޅުވެ، ރެއާލްގެ ފަހަތުން ހަތަރު ވަނައިގައި ވިއްދާފަ އެވެ. އެތުލެޓިކޯގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ ކެވިން ގަމޭރޯ އެވެ.
ބާސާ އެއް ވަނައިގައި އޮތީ، 25 ޕޮއިންޓާ އެކު އެވެ. އަދި ދެ ވަނައިގައި 21 ޕޮއިންޓާއެކު އޮތީ ވެލެންސިއާ އެވެ. ރެއާޅް އަށް ތިން ވަނަ ލިބެނީ 20 ޕޮއިންޓާއެކު އެވެ. އެތުލެޓިކޯ އަށް 19 ޕޮއިންޓެވެ.