ކުޅިވަރު

ކެދީރާގެ ހެޓްރިކާއެކު ޔުވެންޓަސް ފަރަގު ކުޑަކޮށްފި

Oct 23, 2017

ސަމީ ކެދީރާގެ ހެޓްރިކާއެކު އުޑިނޭޒީ ކަލްޗޯގެ މައްޗަށް 6-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއިން އެއް ވަނައިގައި އޮތް ނަޕޯލީއާ ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި އެވެ.

އަމިއްލަ ދަނޑު 'ޑޭޝާ އެރީނާ' ގައި ކުޅުނު، އުޑިނޭޒީން ވަނީ، އަށް ވަނަ މިނެޓްގައި ލީޑް ނަގާފަ އެވެ. އެ ޓީމަށް ލިޑް ނަގައިދިނީ ސްޓައިޕް ޕެރިކާ އެވެ.

އޭގެ ހަ މިނެޓް ފަހުން އުޑިނޭޒީގެ ސާމިރު ސަންޓޯސް އަތުން ބައި ކޮޅަށް ލަނޑެއް ވަދެ، ޔުވެންޓަސްއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އޭނާ އަތުން ބައިކޮޅަށް ލަނޑު ވަނީ، ޔުވެންޓަސްއިން ނެގި ކޯނަރު ބޮލުން ދިފާއު ކުރަން އުޅުމުގެ ތެރޭގަ އެވެ.

ޔުވެންޓަސްއިން ނަތީޖާ ފުޅާ ކުރީ، މެޗުގެ 20 ވަނަ މިނެޓްގައި، ކެދީރާ ކާމިޔާބު ކުރި ލަނޑުން ނެވެ. އޭނާ ލަނޑު ޖެހީ، ހުއާން ކްއެޑްރާޑޯ އޭރިއާ އަށް ހުރަސް ކޮށްދިން ބޯޅަ ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ. އޭގެ ފަހުން ގޮންޒާލޯ ހިގުއައިންއަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ލީޑް ނެގިތާ ހަ މިނެޓް ފަހުން، ޔުވެންޓަސްގެ މާރިއޯ މަންޒޫކިޗް އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން މެޗުގެ ކުރިއަށް އޮތްބައި ޔުވެންޓަސްއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ނަމަވެސް އެ ޓީމަށް ހުއްޓުމެއް ނައެވެ.

އުޑިނޭޒީން ވަނީ ދެ ވަނަ ހާފު ފެށުނު ތަނުން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޔުވެންޓަސްގެ ހާފުގެ މެދެއްހާ ހިސާބުން ޓަޗްލައިންއާ ކައިރިން ލިބުނު ހިލޭ ޖެހުން ރޮޑްރިގޯ ޑީ ޕައުލް އޭރިއާ ތެރެއަށް ހުރަސް ކުރުމުން ޑަނިލޯ ލަރެންޖޭރާ ވަނީ ބޮލުން ގޯލް ތެރެއަށް ފޮނުވާލައި ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ނަމަވެސް އަލުން ލީޑް ނަގަން ޔުވެންޓަސް ބޭނުންވީ އެންމެ ފަސް މިނެޓެވެ. ޔުވެންޓަސްއިން ވެސް ލަނޑު ޖެހީ ހިލޭޖެހުމަކުން ތަނަވަސްވި ބޯޅައިން ނެވެ. އުޑިނޭޒީގެ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުން ޕައުލޯ ޑިބާލާ އޭރިއާ ތެރެއަށް ނަގައިދިނުމުން ޑަނިއަލޭ ރުގާނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައި ޔުވެންޓަސްއަށް ލީޑް ނަގައިދިނެވެ.

އޭގެ ހަތް މިނެޓް ފަހުން ކެދީރާ ވަނީ، ރުގާނީ ތަނަވަސް ކޮށްދިން ބޯޅައެއްގައި ލިޑް ފުޅާ ކޮށްފަ އެވެ. މިފަހަރުވެސް ލަނޑު ޖަހަން ފުރުސަތު ލިބުނީ ހިލޭ ޖެހުމަކުން ތަނަވަސްވި ބޯޅައިން ނެވެ. ޔުވެންޓަސް އަށް ލިބުނު ހިލޭ ޖެހުން އޭރިއާ ތެރެއަށް ނަގައިދިނުމުން ރުގާނީ ބޮލުން ގޯލް ކުރިމައްޗަށް ކޮށްޕާލުމުން ކެދީރާ ވަނީ ލަނޑު ޖާހަފަ އެވެ.

ފަސް ވަނަ ލަނޑު 87 ވަނަ މިނެޓްގައި ކެދީރާ ކާމިޔާބު ކުރީ، ގޮންޒާލޯ ހިންގުން ތަނަވަސް ކޮށްދިން ފުރުސަތަކުން ނެވެ. މެޗުގެ 90 ވަނަ މިނެޓްގައި މިރެލެމް ޕިޔާނިޗް ވަނީ ޔުވެންޓަސްގެ ހަ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ޔުވެންޓަސް ތިން ވަނައިގައި އޮތީ، 22 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ލާޒިއޯއަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ޔުވެންޓަސްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުން ނެވެ. ދެ ވަނައިގައި އޮތް އިންޓަ މިލާން އަށް ލިބިފައިނީ 23 ޕޮއިންޓެވެ. އެއް ވަނައިގައި ނަޕޯލީ އޮތީ 25 ޕޮއިންޓާއެކު އެވެ.

ރޭ ލާޒިއޯ ވެސް ވަނީ ކަލިއަރީ ކަލްޗޯގެ މައްޗަށް 3-0 ން ކާމިޔާބު ހޯދާފަ އެވެ. އެ ޓީމުގެ ތިން ލަނޑުގެ ތރެއިން ދެ ލަނޑު ކާމިޔާބު ކުރީ ޗީރޯ އިމްބިލޭ އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ބަސްޓޯސް އެވެ.

ރޯމާ އާއި ޓޮރިނޯ ކުޅުނު މެޗު 1-0 ން ކާމިޔާބު ކުރީ ރޯމާއެވެ. އެޓީމުގެ ލަނޑު ކާމިޔާބު ކުރީ އެލެކްސެންޑާ ކޮލަރޯވް އެވެ. އޭސީ މިލާން އާ ޖެނޯއާ ބައްދަލު ކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެން ނެވެ.