ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕީއެސްޖީ އަށް ގެނައި، ނޭމާ އަށް ރޭ އޮލިމްޕިކް ޑި މާސޭ އާ ދެކޮޅާށް ކުޅުނު މެޗުގައި ރަތް ކާޑު ދެއްކުމުން، ޕީއެސްޖީ ބަލިވާން ދަނިކޮށް އެޑިންސަން ކަވާނީ އެ ޓީމު ސަލާމަތް ކޮށްދީފި އެވެ. ރޭ ގެ މެޗު އެއްވަރުވީ 2-2 ން ނެވެ.
ނޭމާ އަކީ މެޗުގައި ޕީއެސްޖީގެ ހީރޯ އެއްވެސް މެއެވެ. އެއީ މާސެޔޭއިން ލީޑް ނަގާފައި ވަނިކޮށް، ޕީއެސްޖީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނޭމާ ކާމިޔާބު ކުރި ލަނޑުން ނެވެ.
އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ މާސޭއިން، ލީޑް ނެގީ މެޗުގެ 16 ވަނަ މިނެޓްގައި ލުއިޒް ގުސްޓާވޯ އެވެ. ނޭމާ ނަތީޖާ ހަމަހަމަ ކުރީ، 33 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުން ނެވެ.
މާސޭ ން ވަނީ މެޗުގެ 78 ވަނަ މިނެޓްގައި އަލުން ލީޑް ނަގާފަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފްލޯރިއަން ތޯވޮން އެވެ.
ހީރޯއެއްގެ ގޮތުގައި ހުރި ނަމަވެސް، ޕީއެސްޖީ ފަހަތުގައި އޮއްވައި އޭނާ ރަތް ކާޑެއް ހޯދުމުން އޭނާވީ ވިލަން އަކަށެވެ.
މެޗުގެ 87 ވަނަ މިނެޓްގައި ދެ ވަނަ ރީނދޫ ކާޑަކާއެކު ނޭމާ އަށް ރަތް ކާޑު ދެއްކީ، އޭނާ ބޯޅަ ހިފައިގެން ދަނިކޮށް ޕީއެސްޖީގެ ލޫކަސް އޮކޮމްޕޯސް ފަހަތުން ފައިގައި އަޅާ ވައްޓާ ލުމުން ރައްދުގައި އޮކޮމްޕޯސް މޫނު މަތީގައި ނޭމާ ބޮލުން ޖެހުމުން ނެވެ. ދެ ވަނަ ރީނޑޫ ކާޑާއެކު ރަތް ކާޑު އޭނާ އަށް ދެއްކީ ފުރަތަމަ ރީނދޫ ކާޑް ދެއްކިތާ ދެ މިނެޓް ފަހުން ނެވެ.
މެޗުން މާސޭ މޮލުވާން ދަނިކޮށް، ކަވާނީ ޕީއެސްޖީ ސަލާމަތް ކޮށްދިނީ މެޗުގެ އެންމެ ފަހު ވަގުތުގައި މާސޭގެ ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ.