ވިޔަފާރި

ޑަބްލިއުޓީއެމް އަށް ދާން ނިލަންދެ ގެސްޓްހައުސް އަށް "ހަދިޔާއެއް"

އެލައިޑުން ގެސްޓްހައުސް އިންޝުއަރެންސް ޕްރޮމޯޝަނުގައި ފ. ނިލަންދޫ "ނިލަންދެ އިން ގެސްޓްހައުސް" ބައިވެރިވީ، ލިބޭނެ ކަމަށް ހީކޮށެއް ނޫނެވެ. ނަމަވެސް، ރަސްމީކޮށް ނުހުޅުވާ ނިލަންދޫގައި ހުންނަ މި ގެސްޓްހައުސް އަށް މިވަނީ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، ވޯލްޓް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް) ގައި ބައިވެރިވުމުގެ ފުރުސަތު ލިބިފަ އެވެ. އެ އިނާމު މިއަދު ވަނީ ހަވާލު ވެސް ކޮށްފަ އެވެ.

"މިއީ ވަރަށް ބޮޑު އުފަލެއް. ބުނެވިދާނެ މިއީ އަޅުގަނޑުމެން ކަހަލަ ތަނަނަށް ލިބުނު ހަދިޔާއެކޭ ވެސް. ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ބައިވެރިވުމަކީ ގެސްޓްހައުސްއަކަށް ލިބޭނެ އެންމެ ބޮޑު އުފާ،" ނިލަންދެ އިންގެ އެއް ހިއްސާދާރު، ހަސަން ނާޝިދު (ގަހާ ނާޝިދު) "އަވަސް" އަށް ވިދާޅުވި އެވެ.

ނިމިގެން ދިޔަ ގެސްޓްހައުސް ކޮންފަރެންސާ ދިމާކޮށް، އެލައިޑް އިންޝުއަރެންސުގެ ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ގެސްޓްހައުސްއަކަށް ޑަބްލިއުޓީއެމްގައި ޕްރޮމޯޓް ކުރުމުގެ ފުރުސަތާއެކު ލަންޑަން ދެކޮޅު ޓިކެޓުގެ އިތުން 2،100 ޑޮލަރު ލިބޭނެ އެވެ. ޑަބްލިއުޓީއެމް އޮންނާނީ އަންނަ މަހުގެ 6-8 އަށް ލަންޑަނުގަ އެވެ.

އެލައިޑް އިންޝުއަރެންސުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެލައިޑުގެ މި އިނާމު ނިލަންދެ އިންއާ ހަވާލުކޮށްދެއްވީ މި ޕްރޮމޯޝަންގައި އެލައިޑް އިންޝުއަރެންސާއެކު "ޓްރެވަލް ޕާޓްނަރު" ގެ ގޮތުގައި ބައިވެރިވެރިވި، ޓާކިޝް އެއާލައިންގެ ޖެނެރަލް މެނޭޖަރު ފަހީމް ބަކޯވާ އެވެ. އަދި ފައިސާގެ އިނާމުގެ ގޮތުގައި އެލައިޑުން ދިން 2100 ޑޮލަރު ހަވާލުކޮށްދެއްވީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދު އެވެ.

ތިން ގެސްޓްހައުސް ހުންނަ، ނިލަންދޫގައި ހުންނަ، ނިލަންދެ އިން ވާހަކަ ދެއްކި، ވިދާޅުވީ މި އަތޮޅު މި ވިޔަފާރިއަށް އާ ނަމަވެސް، މިއީ ރީތި އަތޮޅެއް ކަމަށެވެ.

"މާލެއާ ތަންކޮޅެއް ދުރުނަމަވެސް މިއީ ގެސްޓްހައުސް ވިޔަފާރި އަށް ވަރަށް ބޮޑު ފުރުސަތެއް އޮތް އަތޮޅެއް. ވަރަށް ރީތި، މޫދާއި، ފަރުތައް ވެސް ހުންނަ އަތޮޅެއް،" ތިން ހިއްސާދާރުން ހިމެނޭ، ނާޝިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިސްނަކީ އިތުރަށް މާކެޓު ކުރަން، އެހެންވެ، އިތުރު މައުރަޒުތަކުގައި ބައިވެރިވާނެ."

އެލައިޑަކީ ރާއްޖޭގައި އިންޝުއަރެންސް ދެމުންގެންދާ އެއް ކުންފުންޏެވެ. އެ ކުންފުނިން މިދިޔަ މަހުވެސް 13 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ބަދަލުގެ ގޮތުގައި ދޫކޮށްފަ އެވެ. އެލައިޑްގެ، އިންޝުއަރެންސްގެ ޖުމްލަ އަގު 120 މިލިއަން ޑޮލަރު ( ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާ) އަށް އަރައިފަ އެވެ.