ފިނިޕޭޖް

ފިލްމު އެވޯޑްސް ޑިސެމްބަރު މަހު

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ގައުމީ ފިލްމް އެވޯޑްސް އަންނަ ޑިސެމްބަރު މަހު ބާއްވަން ނިންމައިިފި އެވެ. މި އަހަރު ބާއްވާނީ އަށް ވަނަ ގައުމީ ފިލްމު އެވޯޑްސް އެވެ.

އެވޯޑާ ގުޅޭގޮތުން އެންސީއޭގެ ކޯޑިނޭޓަރު އަބްދުﷲ މުއާޒް ވިދާޅުވީ އެވޯޑަށް ފިލްމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ. މި އަހަރުގެ އެވޯޑުގައި ބައިވެރިކުރެވޭނީ 2014 - 2016 އަށް ރިލީޒް ކުރި ފިލްމުތަކެވެ. އެވޯޑާ ބެހޭ އިތުރު ތަފްސީލް އަންނަ މަހެ ތެރޭގައި ހާމަކުރާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.

އަދި އެ އެވޯޑް ހަފްލާ ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. 2014 ވަނަ އަހަރުން 2016 ވަނަ އަހަރުގެ ނިޔަލަށް ރިލީޒްކޮށްފައިވާ ފިލްމުތަކަކީ ހުޅުދާން، 24 ގަޑި އިރު، އާދޭސް، އިންސާނާ، އަނިޔާ، ރަންދަރި، މިކޮއެ ބައްޕަ ބައޭބައޭ، އެންމެ ފަހު ވިންދާ ޖެހެންދެން، އަހްޝާމް، އެ ރެއަށް ފަހު، ނޭނގި ޔާރު ވަކިވީ، ވާށޭ މަށާއެކީ، ވަފާތެރި ކެހިވެރިޔާ، ހާދަރު، 4426، ވީ ބޭވަފާ، އަދި ބައިވެރިޔާ އެވެ.

މިދިޔަ އަހަރުގެ ފިލްމު އެވޯޑްސްގައި ބައިވެރިކޮށްފައިވަނީ 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ރިލީޒްކޮށްފައިވެ އެވެ. އެ އެވޯޑުގައި 11 ފިލްމެއް ވާދަކޮށް އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ "ލޫދިފާ" އެވެ.