ރިޕޯޓް

މަރުނުވާ، ބޯ ނުހުންނަ އިއްޒަތްތެރިން!

ކޮންމެ މީހަކު ވެސް ވާނީ މަރެވެ. އެ މަރު ނިއައު ވުމެއްގެ ގޮތުގައި ނުވަތަ އަވަހާރަ ވުމެއްގެ ގޮތުގައި ސިފަކުރަނީ އިންސާނުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުން ނުވަތަ ދަރަޖަކުރުމުގެ ތެރެއިންނެވެ.

ދިވެހި ތާރީހީ އިލްމުވެރިއެއް ކަމަށްވާ ނަސީމާ މުހައްމަދު "ހަވީރު އޮންލައިން" ގައި 18 ވަނަ ގަރުނުގެ ފަހުބައިގެ އަހަރުތަކުގައި ޖޯން ފްރާންސްއާ ލަހާޕް ނަމަކަށް ކިޔުނު ފަރަންސޭސި ބޭކަލެއް ދިވެހިރާއްޖެއާ މެދު އެހާތަނަށް އެކި މީހުން ލިޔެފައިވާ ލިޔުންތައް އެއްކުރައްވާ، ކުރެއްވި ދިރާސާއަކާ ހަވާލާދީ ލިޔުއްވާފައިވާ ގޮތުގައި މީލާދީން 17 ވަނަ ގަރުނާއި 18 ވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖޭގެ މީހުން ވަނީ ދަރަޖައިގެ ގޮތުން ހަތަރު ފެންވަރަކަށް ބަހާލެވިފަ އެވެ. އެއީ ރަސްގެފާނާއި ކޮއިލުތެރޭގެ ބޭފުޅުން )ރަސްގެފާނުގެ އާއިލާގެ އެންމެ ގާތް ބޭފުޅުން)، މަތީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި، ރަސްގެފާނުގެ ފަރާތްޕުޅުން މަތީދަރަޖަތައް ދެއްވާފައިވާ ބޭފުޅުން (ކޮލިލައްވާފައިވާ ބޭފުޅުން)، މާތް މީހުން އަދި އެހެނިހެން މީހުންނެވެ. މިއީ ވަކި ބަޔަކަށް ނޫނީ ފައިވާނަށް ނޭރޭ، ވަކި ބަޔަކަށް ނޫނީ ހެދުން ނުލެވޭ ޒަމާނުގެ ތަފާތު ކުރުމެވެ.

" މިދެންނެވި ދަރަޖަތަކުގައި ވާހަކަދެއްކުމުގައި ތަފާތުތަކެއް ހުއްޓެވެ. ފުރަތަމަ ގޮތަކީ ރަސްގެފާނާއި ޝާހީ ޢާއިލާގެ ބޭފުޅުންނާ ވާހަކަދައްކާ ގޮތެވެ. މިއީ ވަރަށް ގިނަ ޒަމާންވެފައިވާ ގޮތެއް ނަމަވެސް، ރަސްކަން ދެމިއޮތްހާ ދުވަހު މިދަރަޖައިގައި ވާހަކަދެކެވުނެވެ. މި ފެންވަރުގައި ބައްޕާފުޅު، މަންމާފުޅު، ކާފާފުޅު، ދައިތާފުޅު މިގޮތަށް ޢާއިލާގެ ބޭފުޅުންނާއި ނިސްބަތްކޮށް ވާހަކަދެކެވުނެވެ. މިއީ ކޮއިލުތެރޭގެ ނުވަތަ ގަނޑުވަރުތެރޭގެ ބޭފުޅުންގެ ދަރަޖަ އެވެ." ނަސީމާ ލިޔުއްވާފައިވެ އެވެ.

ޒަމާން ބަދަލުވެ، މިހާރު ވަނީ މި ހަތަރު ދަރަޖަ ތިން ދަރަޖައަކަށް ބަދަލުވެފަ އެވެ. އެއީ އެންމެ މާތް ގޮތް، މާތް ގޮތް އަދި އާދައިގެ ގޮތެވެ. މި ތަފާތުކުރުން ގެންގުޅުމަކީ ދިވެހި ބަހުގައި އޮތް ރީތި ސިފައެއް ކަމަށް، މި ކަމަށް ތާއީދުކުރައްވާ ބޭފުޅުން ގަބޫލުކުރައްވަ އެވެ. އެކަމަކު މީހުންނަށް އިހްތިރާމްކުރާކަން ދެއްކުމަށް، ވާހަކަ ދެއްކުމުގެ ބަހުރުވަ ތަފާތުކުރަން ޖެހޭ ހެއްޔެވެ؟ ނަސްލީ ތަފާތު ކުރުމާއި ނަސަބާއި ހަސަބުގެ ތަފާތުކުރުމަކީ އަޅުވެތިކަމުގެ ސިފައެއް ކަމަށް ވާއިރު މި ޒަމާނުގައި ވެސް އެކަން ހިފަހައްޓަން ޖެހޭ ހެއްޔެވެ؟

މިހާރުގެ ޖީލަކީ ރީތި ބަހުން ވާހަކަ ދައްކަން ވެސް ނުދަންނަ ޖީލެއް ކަމަށް އެއް ބަޔަކު ބުނަނީ ސަބަބެއް އޮވެގެންނެވެ. "އަޅުގަނޑު ވަޑައިގަނެ، އަޅުގަނޑު ވިދާޅުވެ" އުޅޭ ނަމަ އެ އޮތީ ދަރަޖަ ބޭނުންކުރަން ނޭނގިފަ އެވެ. ދެން މި ހިސާބުން އެންމެންނަަށް ބަހުގެ ގަވައިދާއި ދަރަޖަ ދަސްކޮށްދޭން އުޅުނަސް އެކަން ކާމިޔާބު ވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. ބަހާއި އާދަކާދަ އަށް އަންނަ ބަދަލާ އެކު ބައެއް ކަންކަމާއި ސިފަތައް ނެތިދާނެ އެވެ. އެކަން ގަބޫލުކޮށް ބަދަލުތަކަށް އާއެކޭ ބުނުން ނޫން ގޮތެއް ނެތެވެ. ގަނޑުވަރުތެރޭ ބޭފުޅުންނާއި "އާދައިގެ" މީހުންނަކީ މިހާރު އުޅޭ ބައެއް ނޫން ކަމާއި އެންމެންނާ ވެސް އެއް ހަމަޔަކުން މުހާތަބު ކުރުމަކީ މައްސަލައެއް ނޫން ކަމަށް ބަލައިގަންނަން ވެއްޖެ އެވެ.