ވިޔަފާރި

އަންނަ މަހު ރީތިފަރު ރިސޯޓް ހުޅުވަނީ

ހަތަރު ތަރީގެ ރީތިފަރު ރިސޯޓު އަންނަ މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ސައިޓުތަކުގައިވާ ގޮތުން ރ. އަތޮޅުގެ ވިލަދޫގައި ތަރައްގީ ކޮށްފައިވާ މި ރިސޯޓު ހުޅުވުމަށް ދަނީ ތައްޔާރު ވަމުންނެވެ.

މި ރިސޯޓުގައި 150 ވިލާ ހުންނައިރު، މި ވިލާތައް ފަރުމާކޮށްފައިވަނީ ދިވެހި ސަގާފީ ފާޑުވެރިކަން ނިކަން ރަނގަޅަށް ފެންނަ ގޮތަށެވެ.

ރީތިފަރު ރިސޯޓުގައި މީގެ އިތުރުން ލިބެން ހުރި ހިދުމަތްތަކުގެ ތެރޭގައި މިތަނުގައި ގިނަ އަދަދެއްގެ ރެސްޓޯރެންޓު ހުންނާނެ އެވެ. މީގެ އިތުރުން މޫދު ކުޅިވަރު ކުޅެވޭނެ ވަސީލަތްތަކާއި ޑައިވިން އަދި ޓެނިހާއި ބާސްކެޓް އަދި ބެޓްމިންޓައް ކުޅުމަށް ހާއްސަ ކޯޓުތައް ވެސް މި ރިސޯޓުގައި ހުންނާނެ އެވެ. އަދި ސްޕާގެ އެންމެ ފެންވަރު މަތީ ހިދުމަތްވެސް މި ރިސޯޓުން ލިބޭނެ އެވެ.

ރީތިފަރު ރިސޯޓަކީ މެހަގަނީ ކިޔާ ކުންފުންޏަކަށް 2015 ވަނަ އަހަރު ރިސޯޓު ހަދަން ދޫކުރި ރަށެވެ.

އަލަށް ގިނަ ރިސޯޓުތަކެއް މާކެޓަށް ނެރެމުންދާއިރު، ސަރުކާރުގެ އަމާޒަކީ މިދައުރުގައި 50 ރިސޯޓެއް ބާޒާރަށް ނެރުމެވެ. މި މަގުސަދުގައި މިދިޔަ އަހަރުވެސް އަލަށް ގިނަ ރިސޯޓުތަކެއް ވަނީ ހުޅުވާފަ އެވެ.