އިންގިރޭސި ޕްރިމިއާ ލީގުގެ 18 ވަނަ މަގާމުގައި އޮތް އެވަޓަންގެ ކޯޗު ރޮނާލްޑް ކޫމަން މަގާމުން ވަކިކޮށްފިއެވެ. އެވަޓަންއިން މިކަން ކަށަވަރުކޮށްދީފައިވަނީ އެކްލަބުން ނެރުނު ބަޔާނެއްގައެވެ. އެވަޓަންއިންވަނީ ކޫމަން އެނާ ޓީމުގެ ކޯޗަކަށް ހުރި 16 މަސްދުވަހުކޮށްދީފައިވާ މަސައްކަތައް ޝުކުރުއަދާކޮށްފަ އެވެ.
އުމުރުން 54 އަހަރުގެ ހޮލެންޑު ކޯޗު ވަނީ މިދިޔަ ސީޒަނުގައި އެވަޓާންއަށް ޕްރިމިއާ ލީގުގެ ހަތްވަނަ މަގާމުގައި ހޯދަދީފައެވެ. ނަމަވެސް މިސީޒަނަށް 140 މިލިއަން ޕައުންޑް ހޭދަކޮށްފައިވާ އެވަޓަން ނެރެފައިވަނީ ވަރަށް ދަށް ނަތީޖާތަކެކެވެ. އެވަޓަންގެ
އެންމެ ބޮޑު ހިއްސާދާރު ފަރްހާދް މޮޝީރީ ވަނީ ބާންލީ އަތުން 0-1 ބަލިވި މެޗަށްފަހު ކޯޗު ރޮނާލްޑް ކޫމަންއާއި ބައްދަލުކޮށް އޭނާއަށް ކޯޗުގެ މަގާމުގައި އިތުރު ފުރުސަތެއް ދޭނެކަމަށް ބުނެފަ އެވެ.
ފަރްހާދް މޮޝީރީ ރޮނާލްޑް ކޫމަންއާއި ބައްދަލުކުރިފަހު އެވަޓަންވަނީ ބްރައިޓަން އަތުން އެއްވަރުވެ އަމިއްލަ ދަނޑުގައި އޮލިންޕިކް ލިއޯން އަތުން ޔޫރަޕާ ލީގު ގްރޫޕް ސްޓޭޖުގައި ބަލިވެ، ޕްރިމިއާ ލީގުގައި އެންމެ ފަހުން އާސެނަލްއާއި ބައްދަލުކުރި މެޗު 2-5 ބަލިވެފަ އެވެ.
ޕްރިމިއާ ލީގުގެ 18 ވަނަ މަގާމުގައި އޮތް އެވަޓަން ޔޫރަޕާ ލީގުގައިވެސް އޮތީ ގްރޫޕް އީގެ ފުލުގައެވެ. އެޓީމު ވަނީ އިޓަލީގެ އެޓްލާންޓާ އަތުން 0-3 އަދި ސައިޕްރަސްގެ އަޕޮލޯން ލިމަސޮލް އަތުން އެއްވަރުވެ އެންމެ ފަހުން އޮލިމްޕިކް ލިއޯންއާއި ބައްދަލުކުރި މެޗުވެސް ބަލިވެފަ އެވެ.
އެވަޓަންގެ ގިނަ ސަޕޯޓަރުން ރޮނާލްޑް ކޫމަން މަގާމުން ވަކިކުރި ހަބަރު އުފަލާއެކު ބަލައިގަތަސް ބޮޑެތި ހަރަދުތަކެއްކޮށްފައިވާ އެވަޓަންއަގެ ބޯޑުން އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިއާ ރޯމިއޯ ލުކާކޫ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލުމަށްފަހު އެތަން ފޫބެއްދޭ ވަރުގެ ކުޅުންރެތިއަކު ނުގެނެއެވެ. ލުކާކު ނެތި އެވަޓަންއަށް ވަނީ ގޯލް ޖެހުމަށް ބޮޑެތި ހުރަސްތަކާ ދިމާވެފައެވެ. އެންބުރި އެވަޓަންއަށް ބަދަލުވި ރޫނީ ގޯލްތަކެއް ކާމިޔާބުކުރި ނަމަވެސް އޭނާއާއެކު ކުރިއަށް ކުޅެން ރަނގަޅު ފެންވަރުގެ ފޯވާޑަކު އެވަޓަންގައިނެތެވެ.
ރަނގަޅު ފޯވާޑެއް ނެތް ނަމަވެސް 140 މިލިއަން ޕައުންޑް ހަރަދުކޮށް ގިނަ އަދަދެއްގެ މޮޅެތި ކުޅުންތެރިން ގެނެސްފައިވާ އެވަޓަންއިން ކޫމަންގެ އިރުޝާދުގެދަށުން ނެރެފައިވާ ނަތީޖާތަކެއް އެއްވެސް ބަޔަކު ބަލައެއް ނުގަނެއެވެ. އެވަޓަންއިން ހުސްވެފައިވާ ކޯޗުގެ މަގާމަށް ދަނީ މޮޅެތި ކޯޗުންނަށް ބަލަމުންނެވެ. އެކްލަބުން މިވަގުތު ބަލަމުންދާ ކޯޗުންގެ ތެރޭގައި ބާންލޭގެ ސޯން ޑައިސް، ވޮޓްފޯޑްގެ މާކޯ ސިލްވާގެ އިތުރުން ކާލޯ އެންޗޮލޯޓީއަށް ފާރަލަމުން އަންނަކަމަށް އިންގިރޭސި މީޑިޔާ ރިޕޯޓުތަށް ބުނެ އެވެ.
ބެލެވޭގޮތުގައި އެވަޓަންއާއި ޗެލްސީ ލީގް ކަޕުގައި ބައްދަލުކުރާ މެޗުގައި ކޯޗަކަށް ހުންނާންކަމަށް ބެލެވެނީ އެވަޓަންގެ 23 އަހަރުންދަށުގެ ކޯޗު ޑޭވިޑް އަންސްވޯތު އެވެ.