ކުޅިވަރު

އެންމެ މޮޅު ގޯލް އާސެނަލްގެ ޖިރޫޑްއަށް، އެންމެ މޮޅު ކޯޗަކަށް ޒިދާން އަދި މޮޅު ކީޕަރަކަށް ބުފަން

Oct 24, 2017

ޖެހިގެހިގެން ދެވަނަ އަހަރު ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޕޯޗުގަލް އަދި ރެއާލް މެޑްރިޑްގެ ތަރި ކްރިސްތިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފިއެވެ. ރޮނާލްޑޯ މިއެވޯޑް ހޯދީ ލިއޮނަލް މެސީ އަދި ނޭމާއާއި ވާދަކޮށްގެންނެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ އަދި ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ވަނީ މިހާތަނަށް މިއަހަރު ހުރިޙާ މުބާރާތެއްގައި 44 ގޯލް ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގު ފައިނަލްގައިވެސް ދެގޯލް ކާމިޔާބުކޮސްފަ އެވެ.

ފީފާ ޕުސްކަސް އެވޯޑް (މޮޅު ގޯލް) ކާމިޔާބުކޮށްފައިވަނީ އާސެނަލް އަދި ފްރާންސްގެ ގައުމީ ޓީމުގެ ފޯވާޑް އޮލިވިއޭ ޖިރޫޑްއެވެ. މިގޯލަކީ އާސެނަލްއާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗުގައި ޖިރޫޑް ކާމިޔާބުކުރި ސްކޯޕިއަން ކިކް ގޯލެކެވެ.

ފީފާ އެންމެ މޮޅު ގޯލް 2017 ކާމިޔާބުކުރި ޖިރޫޑްގެ ގޯލް

ފީފާ މޮޅު ކީޕަރުގެ އެވޯޑް ކާމިޔާބުކުރީ އިޓަލީ އަދި ޔުވެންޓަސްގެ ކީޕަރު ބުފަންއެވެ. ބުފަން މިއެވޯޑް ކާމިޔާބުކުރީ ރެއާލް މެޑްރިޑްގެ ކޭލޯ ނަވާސް އަދި ބެޔާން މިއުނިކްގެ މެނިއުލް ނޮޔާއާއި ވާދަކޮށްގެންނެވެ. ބުފަންވަނީ ޔުވެންޓަސްއާއެކު ޖެހިޖެހިގެން ހަވަނަ ފަހަރަށް އިޓަލީ ލީގު ކާމިޔާބުކޮށްފައެވެ. މިދިޔަ ޗެމްޕިއަންސް ލީގު ފައިނަލްގައިވެސް ބުފަންވަނީ ޔުވެންޓަސްއާއެކު ކުޅެފަ އެވެ.

އެއްވަނަ ކޯޗުގެ މަގާމު ރެއާލް މެޑްރިޑްގެ ކޯޗު ޒިދާން ގެންދިޔައީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޯންޓޭ އަދި ޔުވެންޓަސްގެ ކޯޗު މަސިމޯ އެލެގްރީއާއި ވާދަކޮށްގެންނެވެ. ޒިދާން ވަނީ ރެއާއަށް ޗެމްޕިއަންސް ލީގާއި ލަލީގާ ކާމިޔާބުކޮށްދީފަ އެވެ.

ފީފާ އަހަރުގެ އެންމެ މޮޅު 11 ކުލުންތެރިންގެ ލިސްޓުގައި ރެއާލް މެޑްރިޑްގެ ފަސް ކުޅުންތެރިން ހިމެނިފައިވެއެވެ. ޔުވެނޓަސްގެ ތިންކުޅުންތެރިން ހިމެނިފައިވާއިރު ބާސެލޯނާގެ ތިންކުޅުންތެރިންވެސް ހިމެނިފައިވެއެވެ. ކީޕަރަކަށް ބުފަން ހޮވިފައިވާއިރު ޑިފެންޑަރުންނަށް ހޮވިފައިވަނީ ޑެނީ އަލްވޭޒް، ލިއެނާޑޯ ބޮނޫޗީ، ސާޖިއޯ ރާމޯސް އަދި މާސެލޯއެވެ. މެދުތެރެއަށް މޮޑްރިޗް، ކޮރޫސް އަދި އިނިއެސްޓާ ހިމެނުނުއިރު ކުރިއަށް ކުޅޭ ކުޅުތެރިންނަށް މޮޅު 11ގައި ހިމެނިފައިވަނީ މެސީ، ރޮނާލްޑޯ އަދި ނޭމާ އެވެ.