ދުނިޔެ

ރޯހިންޔާ މީހުނަށް ސައުދީން 20 މިލިޔަން ޑޮލަރު ދެނީ

މިޔަންމާގެ ރާޚައިން ސްޓޭޓުގައި އެގައުމުގެ ސިފައިން ހިންގާ ޖަރީމާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ރޯހިންޔާ ދަރިކޮޅޮޅުގެ މީހުންނަށް 20 މިލިޔަން ޑޮލުގެ އެހީއެއްދޭން ސައުދީ އަރަބިއްޔާއިން ވައުދުވެއްޖެއެވެ.

ސައުދީ އަރަބިއްޔާއިން މިކަަމަށް ވައުދުވީ ރޯހިންޔާ މީހުންނަށް އެހީ ހޯދުމަށް އދ.ގެ އެޖެންސީތަކާއި ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އާއި ކުވައިތުން އިންތިޒާމްކޮށްގެން ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވި ކޮންފަރެންސެއްގައެވެ. އެ ކޮންފަރެންސް ބޭއްވީރޯހިންޔާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ 434 މިލިޔަން ޑޮލަރު ހޯދުމަށެވެ.

ރޯހިންޔާ މީހުންނަށް 20 މިލިޔަން ޑޮލަރު ދޭނެކަން ސައުދީ ސަރުކާރުގެ ފަރާތުން އިއުލާނު ކުރެއްވީ ކިންގް ސަލްމާން ސެންޓަ ފޯ ރިލީފް އެންޑް ހިއުމަނިޓޭރިއަން އެއިޑްގެ ޑައިރެކްޓާ ފޯ ޕަބްލިކް ޕާޓްނަޝިޕް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ޑރ. ޔަހްޔާ އައް ޝައްމަރީއެވެ.

ރޯހިންޔާ މީހުންނާ ދެކޮޅަށް މިޔަންމާއިން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށްޓަކައި އެގައުމަށް ފިއްތުންތައް ކުރިމަތިކުރަން ، ސުލްހައަށް ލޯބިކުރާ ގައުމުތަކަށް އައް ޝަމައްރީ ގޮވައިލެއްވިއެވެ.

ރޯހިންޔާ މީހުންނަށް ސައުދީން ދޭ އެހީއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ސައުދީން އެދަރިކޮޅުގެ މީހުންނަށް 66 މިލިޔަން ޑޮލަރު ދީފައިވާ ކަމަށެވެ. އަދި އެގައުމުގައި މިހާރުވެސް ރޯހިންޔާ ދަރިކޮޅުގެ 300000 މީހުން އެބަތިބި ކަމަށާއި އެއިން އެއްވެސް މީހަކު ތިބީ ރެފިއުޖީ ކޭމްޕްތަކުގައި ނޫންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ރޯހިންޔާ މީހުންނަށް ތައުލީމާއި ސިއްހީ ހިދުމަތް ދެނީ ހިލޭ ކަމަށެވެ. - އަރަބް ނިއުސް