ދުނިޔެ

ޝީ ޖިންޕިންއަށް ޗައިނާގައި އިތުރު ބާރުތައް ދެނީ

ޗައިނާގެ ރައީސް ޝީޖިންޕިން އަށް މިހާރަށް ވުރެ ގިނަ ބާރުތައް ދޭން ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ނިންމާނެ ކަމަށް ބެލެވިއްޖެ އެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ 19 ވަނަ ކޮންގްރެސް ނިމެން ކައިރިވި އިރު، ޝީޖިންޕިންގެ ސިޔާސީ ވިސްނުންފުޅަކީ ޗައިނާގެ ގާނޫނު އަސާސީގެ ބަޔަކަށް ހަދާނެ ކަަމަށް ވަނީ ބެލެވިފަ އެވެ.

ކުރިއަށް އޮތް ފަސް އަހަރު ދުވަހު ޗައިނާގެ ވެރިކަން ކުރައްވާނެ ބޭފުޅަކާއި އެގައުމުގެ ސިޔާސަތުތައް ބައްޓަން ކުރާނެ ގޮތް ކަނޑައަޅާނީ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައެވެ. އެކަންތައްތައް ނިންމާނީ ކޮންގްރެސްގައި ބައިވެރިވާ 2000 އަށް ވުރެ ގިނަ މަންދޫބުން ވޯޓުލައިގެންނެވެ. މިދިޔަ ހަފުތާގައި ކޮންގްރެސް ފެށި އިރު ރައީސް ޝީ ތިން ގަޑި އިރުގެ ތަގުރީރެއް ކުރެއްވިއެވެ.

ޝީޖިންޕިންގެ ވިސްނުންފުޅު ޗައިނާގެ ގާނޫނު އަސާސީ ނުވަތަ ' ކޮމިއުނިސްޓް ޕާޓީގެ ވިސްނުމު'ގައި ހިމަނާނީ ޝީ ޖިންޕިންގެ ވިސްނުން' މި ނަމުގައެވެ. ޗައިނާގެ ކުރީގެ ބައެއް ލީޑަރުންގެ ވިސްނުންފުޅުވެސް ގާނޫނު އަސާސީގައި ހިމަނާފައި ވެއެވެ. ނަމަވެސް ވިސްނުންްފުޅުގެ ގޮތުގައި މީގެ ކުރިން ހިމަނާފައި ވަނީ މާއޯޒޭޑޮންގެ ވިސްނުންފުޅު އެކަންޏެވެ.

އެގޮތަށް އެކަން ނިންމައިފި ނަމަ، ޗައިނާގައި މިހާރު އޮތް ވެރިކަމުގެ ނިޒާމުގެ ބާނީ ، މާއޯ ޒޭޑޮންއާ އެއްވަރުގެ ހައިސިއްޔަތެއް އެގައުމުގައި ޝީއަށް ލިބިގެންދާނެއެވެ.

ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއި އެކު އާއްމުންނަށް ނުވަދެވޭ ގޮތަށް ބާއްވާ ކޮންގްރެސްގައި މިއަދު ވަނީ ގައުމު ހިންގުމުގައި ބައިވެރިވާ ގިނަ ކޮމިޓީތަކެއް އެކުލަވައިލުމުގެ އެންމެ ފަހު މަސަައްކަތްތައް ކުރާނީ މިއަދުއެވެ.