ހަބަރު

ބައި އިލެކްޝަންތަކަށް 26 މިލިއަން ރުފިޔާގެ ބަޖެޓެއް

ރައްޔިތުން މަޖިލީހުގައި ހުސްވެފައިވާ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް 26 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖަައްސައި ދިނުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ހުކުމާ މެދު ސުވާލު އުފެދިފައި ވަނިކޮށް، އީސީން ބައި އިލެކްޝަން އިއުލާންކޮށްފައި ވަނީ ހަ ދާއިރާއެއްގަ އެވެ. އެއީ ދިއްދޫ ދާއިރާއާ، ވިލިނގިލީ ދާއިރާއާ، މަޑުއްވަރީ ދާއިރާއާ، ތުލުސްދޫ ދާއިރާއާ، ދަނގެތި ދާއިރާ އަދި މައްޗަންގޯޅި ދެކުނު ދާއިރާގެ އެވެ.

ގާނޫނު އަސާސީގައި ބުނާގޮތުން ރައްޔިތުން މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. ނަމަވެސް 60 ދުވަހަށްވުރެ ގިނަ ދުވަސްވީ އިރުވެސް ބަޖެޓެއް ނެތިގެން އީސީއަށް އެ މަސައްކަތް ފެއްޓޭ ގޮތް ވަނީ ނުވެފަ އެވެ.

ނަމަވެސް މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ ބައި އިލެކްޝަން ބޭއްވުމަށް 26 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ގޮނޑިއާ މެދު ގޮތެއް ނިންމައި ދިނުމަށް އެދި ގޮނޑި ގެއްލުނު ހަތަރު މެންބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ސުޕްރީމް ކޯޓުން ދިން ޖަވާބުގައި ބުނެފައި ވަނީ އެކޯޓުގެ ކުރީގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް ފެތޭނީ އެ ހުކުމް ކުރި ތާރީހު ކަމަށްވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތައްތަކުގެ މައްޗަށް ކަަމަށެވެ. އަދި އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް އެ ކޯޓު އަމުރުގެ ޒަރިއްޔާއިން އިތުރަށް ކަށަވަރުކޮށްދީފައިވާނެ ކަަމާއި އެހެންވީމާ އެ ގަޒިއްޔާގައި ވާ އަހުކާމުތައް ތަތުބީޤު ވާނީ އެ ތާރީހުގެ ފަހުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ. އެގޮތުން އެ ތާރީހާ ހަމައަށް މެމްބަރުންގެ ގޮތުގައި ތިބި ބައެއްގެ މެމްބަރުކަމާ މެދު ހިލާފު އުފެދޭނެ އެއްވެސް ސަބަބެއް ނެތްކަން ހުކުމާއި ކޯޓު އަމުރުން އެގެން އޮންނާތީ އެ މައްސަަލައިގައި އިތުރަށް ގޮތެއް ނިންމަން ނުޖެހޭ ކަމަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ދެ ގޮތަކަށް ސަރުކާރާއި އިދިކޮޅުން މާނަ ކުރަމުންދާއިރު ގޮނޑި ގެއްލުނު މެންބަރުން މަޖިލީހަށް ވަނުމަށް ދަނީ ހުރަސް އަޅަމުންނެވެ. އިދިކޮޅު ފަރާތްތަކުން ދަނީ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބައި އިލެކްޝަން ނުބޭއްވޭނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ ޕީޕީއެމުން ވަނީ އެ ދާއިރާތަކުގެ ކެމްޕެއިންތައް ފަށާފަ އެވެ.