ވާހަކަ

މިންނުގެ ޑައިރީ

(22 އޮކްޓޯބަރ 2017 އާ ގުޅޭ)
ހަފިއްތައާ ބެހޭ ގޮތުން ސުވާލުކުރުމާއެކު ސުހައްތަ ޖަވާބުދިނެވެ. ކޮޓަރިން ނުނިކުންނަ ވާހަކަ ބުނުމުން އަކީލު އައިސް ހަފިއްތަގެ ކޮޓަރީގައި ޓަކި ޖެހުމާއެކު ގޮވަން ފެށިއެވެ.

ކޮޓަރީގެ ދޮރެއް ހަފިއްތަ ނުހުޅުވިއެވެ. ކަންނެތްކަމުގައި ނުދެތުވާން އޮތީކަމެއް ނޫނީ އަކީލުއާ ދެ މީހުން ދެބަސްވީކަމެއް ނޭނގެއެވެ. ހަފިއްތަގެ ކޮޓަރީ ދޮރުމަތީ ހުރެ އަކީލު ފޯނު ނަގާ މީހަކަށް ގުޅިއެވެ. އިރުކޮޅަކު ފޯނުން ވާހަކަދައްކަން އަކީލު މަޑުކޮށްލައިގެން ހުރީ ސިޓިންރޫމުގައި ތިބި މީހުންނަށް ފުރަގަސްދީގެންނެވެ. އޭނާ ވާހަކަދެއްކީ ނިކަން ސިއްރުންނެވެ. ގިނަ އިރެއްނުވެ ހަފިއްތަގެ ކޮޓަރި ހުޅުވިއްޖެއެވެ. އެއާއެކު އަކީލު އެ ކޮޓަރި ތެރެއަށް ވަނީއެވެ.

ޖައުބެ ގޮވައިގެން ހައިކަލް އައިސް ގެއަށް ވަންއިރު އޭނާގެ ހެދުން ވެސް ހުރީ ބަދަލުކޮށްލާފައެވެ. ރަތްކުލައިގެ ޓީޝާޓަކާއި މަށުކުލައިގެ ސޯޓެއްގައެވެ. މެގަޒިން ފޮތްތަކުގައި ހޫނު މޫސުމުގެ ހެދުންތައްތަކުގައި ތިބޭ މޮޑެލްއެއް ފަދައެވެ. ފިރިހެންވަންތަ ކަމުގެ ލާމަސީލު ޒުވާނެކެވެ. ހައިކަލްގެ ހެދުން އެޅުމުގެ ވައްޓަފާޅި ވެސް ޢާންމު ދިވެހިންނާ ތަފާތެވެ. ފެންނަފެނުމަށް އެއީ ރާއްޖޭގެ ދިވެއްސަކަށްވުރެ ފަރަންޖީއެކެވެ. އަހަރެންގެ ހިތުގައި އަޒާނަށް ޓަކައި ލޯބި ނުވިނަމަ ހައިކަލް ފެނި އަހަންނަށް ވެސް ގޮތްތަކެއް ނުވެ ނުދާނޭކަން ޔަގީނެވެ. ހައިކަލްގެ ހުންނަނީ އެފަދަ ދަމާ ބާރެކެވެ. މީހުންނާ އެހާ ގުޅެއެވެ. ހިތްހެޔޮކަމާއި އަނެކުންގެ ސަމާލުކަން ހޯދާ ފަދަ ހިނިތުންވުމެކެވެ.

ފިނި ދުވަހަކަށް ވިޔަސް ގޭތެރޭގެ އަޑުފަށްގަނޑު ގަދަވިއެވެ. ހަފިއްތައާއި އަކީލު ވެސް ފަހުން ކޮޓަރިން ނުކުމެއްޖެއެވެ. ސިޓިންރޫމުގައި އެންމެން ތިބިއިރު ރޭގަނޑުގެ ކެއުން ވެސް ކެއީ އެންމެން އެކުގައެވެ. އަކީލުއާއި ހައިކަލް ގެއަށް ދާން ގަސްދުކުރާހެން ވެސް ހިޔެއްނުވެއެވެ. އެގާރަޖަހަން ކައިރިވެފައި ވަނިކޮށް އަހަރެން އެ މީހުންގެ ތެރޭ އިނދެފައި ތެދުވީ ކޮޓަރިއަށް އަންނާށެވެ. ވަރުބަލިވެ ނިދިއަންނަ ގޮތް ވާންފެށީއެވެ. ނިދުމުގެ ކުރީން އަޒާނަށް ގުޅާލަން ބޭނުންވާތީއެވެ.

އަހަރެންގެ ގެއަށް ވަދެ ފެނުނު ކަންތައްތަކާ މެދު އަޒާން ހުރީ ހިތްހަމަޖެހިފައެވެ. ސުހައްތަގެ ރަނގަޅުކަން އޭނާ ފާހަގަ ކުރިއެވެ. އަހަރެން އޮތީ އަޒާންއާއި ހައިކަލްއާ ދެމެދު މިއަދު ދެކެވުނީ ކޮންވާހަކައެއްތޯ އަހާލާ ހިތުންނެވެ. އެހެންނަމަވެސް އަޒާންގެ ވާހަކަތައް އަޑުއަހަން އޮއްވާ އަހަންނަށް ނިދުނީއެވެ. ސިއްސައިގެން ގޮސް ހޭލެވުނީ ފޯނުގެ އަތްގަނޑު އަތުން ދޫވެގެން ވެއްޓި ތަޅުމުގައި ޖެހުނު އަޑަށެވެ. ހޭލެވުނު އިރު ކޯލު ވެސް ހުރީ ކެނޑިފައެވެ. ނިދިގަދަވެފައި ހުރުތީ ފޯނުގެ އަތްގަނޑު ނަގާ ބާއްވާލުމާއެކު އެނދުގައި ހަމަޖެހިލީ ނިދާށެވެ.

* * * * *

ފިނިފިނި ދުވަހެކެވެ. އަހަރެން ފަތިހު އޮތީ ތެދުވާހިތް ވެސް ނުވެފައެވެ. ގައިގާ އަޅަން ގެންގުޅުނު ބެޑުޝީޓު ގަޔާލާ އޮޅާލެވުނު އަދަދުވެސް ނޭގެއެވެ. އެކަމަކު ވެސް އޮވެވޭކަށް ނެތެއްނޫންހެއްޔެވެ. ކޮންމެހެންވެސް ކުރަން ވާޖިބު ކަންތައްތައް ކުރަން ޖެހޭނެ ނޫންހެއްޔެވެ. ފާޚާނާއަށް ވަދެ ފެންވަރާލަން މާގަނޑު ދޫކޮއްލެވުނީ ނިދިމޫޑުގައި ހުރެގެންނެވެ. ނަމަވެސް ފެންތިކިތައް އައިސް ގައިގާ ޖެހުމާއެކު އަހަންނަށް ފުންމައިގަނެވުނެވެ. އަވަސް އަވަހަށް ފަހަތަށް ޖެހެވުނީ ފިނިވެގެން ހީކަރުވައިގަނެގެންނެވެ. ހީވީ ގަނޑުފެންތަކެއް ގަޔަށް އަޅާލިހެނެވެ. ގަދަ ނިދިވެސް މުޅިން ފިލައިގެން ހިނގައްޖެއެވެ.

އަހަރެން ގޭތެރޭގެ މަސައްކަތް ކުރުމަށް ދަމުން ކޮޓަރީގެ ކުޑަދޮރުހުޅުވާލީ އާދައިގެ މަތިންނެވެ. ފިނިފިނި ވައިރޯޅިތަށް ކޮޓަރިއަށް ވަންނަމުން ދިޔަޔަސް، ވާރޭ އޮތީ ހުއްޓާލާފައެވެ. އަހަރެން ކުރަންހުރި ކަންތައްތައް ނިންމާލާފައި އޮފީހަށްދާން ތައްޔާރުވިއިރު ވެސް ވާރޭއެއް ނުވެހެއެވެ. ނަމަވެސް އެހެން މޫސުން އޮންނާނީ ކިހާއިރެއް ވަންދެން ކަމެއް ނޭނގެއެވެ. މި ދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅަކީއެވެ. ކިތަންމެ ރީތިކޮށް އޮވެފައި ވެސް ވާރޭ ވެހިގަނެވެ. އަޒާން އަންނަން ވާއިރަށް އަހަރެން އޮފީހަށް ދާން ނުކުތީމެވެ. ވާރޭ ނުވެހުނަސް މަގުތަކުގައި ފެން ހެދިފައި އޮތެވެ.

އަޒާންއާއެކު އޮފީހަށް އައިސް ދެ މީހުން އެކުގައި ސެކްޝަނަށް ވަނީމެވެ. އޭނާގެ މޫނުމަތީގައި މިއަދު އަހަންނަށް ނޭނގޭ އުފާވެރިކަމެއް ވިއެވެ. އެކަމާ ސުވާލުކުރުމުން ވެސް އޭނާ ހުރީ ބުނާ ކަހަލަ ޚިޔާލެއްގައެއް ނޫނެވެ. އަހަރެން ވަގުތެއް ލިބޭއިރަށް އަހާލަމެވެ. ލުއި ހީނލުމަކާއެކު ފަހުންނޭ އަޒާން ބުނެލައެވެ.

އޮފީހުން ގެއަށް އާދެވުނުއިރު ވެސް އަޒާން އަހަންނަށް ކޮންމެވެސް ކަމެއް ސިއްރުކުރާކަން އަހަންނަށް އެނގެއެވެ. ޚާއްޞަކޮށް އަހަރެންގެ ގެއަށް އޭނާ އައި ދުވަހުގެ ފަހުން އައިސްގެން އުޅޭ ބަދަލެއްހެން އަހަންނަށް ހީވަނީއެވެ. އަޒާން ސިއްރުކުރަނީ ކޮންކަމެއްކަން ބުނަން ނޫޅޭތީ އަހަރެން ހުރީ ވަރަށް ހިތްއަވަސްވެފައެވެ. އޭނަގެ ހިތުގައި އޮތް އެއްޗެއް އަޅެ އެނގޭނެނަމައޭ އަހަރެންގެ ހިތަށް ކިތަންމެ ފަހަރަކު އެރިއެވެ. އަހަރެން ގެއަށް ވަނުމުން އަޒާން އެހެން ދުވަސް ތަކެކޭ އެއްފަދައިން އޭނަގެ ގެއަށް ދިޔައީއެވެ. މިރޭ ބައްދަލުވާނެކަމުގައި ބުނެފައެވެ.

މިރެއަކީ ބޮޑު ރެއެކެވެ. ހަފިއްތަގެ ކައިވެނީގެ ރެއެވެ. އަހަރުގެ ބޮޑު ކައިވެންޏަށް ވާނޭކަން ޔަގީނެވެ. ހުރިހާ ކަމެއް އެހާ ފުރިހަމަވާނެއެވެ. އެ ޚިޔާލުގައި ހުރެ ގޭތެރެއަށް ވަންތަނާ އަހަންނަށް ފުރަތަމަ ވެސް ފެނުނީ ސިޓިންރޫމުގެ އެއްފަރާތުގައި ހުރި ޖައުބެއެވެ. ކަންބޮޑުވެގެން ސުހައްތައާ ވާހަކަދައްކަނީއެވެ. ސަބަބަކަށްވީ ފަހާފޮށި ދޮށުގައި ސުހައްތަ އިނުމެވެ. ޖައުބެއާ އެއްބައިވެ އެތަނުން ސުހައްތަ ނެގުމަށް އަހަރެން އުޅުނީމެވެ.

ސުހާ: "މި ދެން އެހާވަރު ކަމެއްނޫނޭ. ފައްޗެއް ޖަހާލިއްޔޭ... މިންނު! މިރޭ ލާންޖެހޭ ހެދުންތައް ހަފިއްތަ ގެނެސްފައޭ ހުރީ. ސުހައްތަގެ ހެދުން ލާފައި ބަލާލިއިރު ތަންކޮޅެއް ދޫކޮށް ހުރީ. އެހެންވެ ގަޔަށް ރީތިކޮށްލީ"

އަހަރެން ހުރީ ހަނދާންނެތިފައެވެ. ހަފިއްތަގެ ކައިވެންޏަށް އަހަންނާއި ސުހައްތަގެ ހެދުމުގެ ޚަރަދުގައި ހިފީ އަކީލެވެ. ސުހައްތަ ފަހާފޮށި ކައިރިން ތެދުވުމާއެކު އަހަރެންގެ ހެދުން ކޮބާތޯ އަހާލީމެވެ. އަހަރެން ގޮވައިގެން ސުހައްތަގެ ކޮޓަރިއަށް އައިސް ވަނެވެ. އަދި މަޑު ދަނބުކުލައެއްގެ ފޮއްޗަކުން ފަހާފައިވާ ހެދުމެއް އަހަންނަށް ދައްކާލިއެވެ. ހެނދުން ވަރަށް ރީއްޗެވެ. އެކަމަކު ލާފައި ހުންނައިރު ކަމަކު ނުދެއެވެ. ގަޔަށް އަރާމެއްނޫނެވެ. އެކަމަކު ކުރެވޭނެ ކަމެއްނެތެވެ. އައިބުކަމަށް ނުދައްކާތީއާއެކު ޕާޓީގެ ވަގުތުކޮޅުގައި އެހެނދުން ލައިގެން ކެތްކޮށްލަން ނިންމީމެވެ. ހަފިއްތަ ހޯދިއިރު އޭނާ ވެސް އެ ގަޑީގަވީ ބޭރުގައެވެ. އަހަރެންގެ ހެނދުމާ ސުހައްތަގެ ހެނދުން އަހަރެން ފެންކޮޅެއްގަ ދޮވެލާފަ ގެނެސް ގޯތިތެރޭގައި ދަމާފައިވާ ރޯނުގައި ހިއްކަން އެޅީމެވެ. ޖެހެމުންދިޔަ ވައިގައި ދާންވާއިރަށް ހިކޭނެކަމުގެ ޔަގީންކަން އޮތީމައެވެ.

އެއްޗެހި ހިއްކަން އަޅާފަ ސިޓިންރޫމަށް ވަންނަން ދަނިކޮށް ބޭރު ދޮރާށި ހުޅުވުނުއަޑަށް އެ ދިމާއަށް ބަލާލެވުނެވެ. އަހަންނަށް ފެނުނީ ހައިކަލްއާއި ހަފިއްތަ އެކުގައި ވަދެގެން އައި މަންޒަރެވެ. ހައިކަލްގެ އަތުގައި ބޮޑު ކޮތަޅެއް އޮތެވެ. އަދި ހަފިއްތަގެ އަތުގައި އެތަށް ބައިވަރު ކޮތަޅުތަކެއް އޮތްތަން ފެނުނެވެ. އެ އައީ މުޅި ބާޒާރު ހުސްކޮށްލައިގެން ކަންނޭނގެއޭ ހިތަށް އެރިއެވެ. ހަފިއްތަ ރޯނުގައި ހުރި ހެދުންތަކަށް ބަލާލިއެވެ. ހައިކަލްގެ މޫނުމަތީގައިވަނީ މުޅިން އެހެން ކުލަވަރެކެވެ. ހީވަނީ ކޮންމެވެސް ކަމަކާ ހާސްވެފައި ހުރި ހެނެވެ. އަހަންނާ ނަޒަރު ސީދާވުމާއެކު ނިކަން އަވަހަށް ހައިކަލް އިސްޖަހާލިއެވެ.

ސިޓިން ރޫމަށްވަނީ އަހަރުމެން އެކުއެކީއެވެ. އަހަރެން ހައިކަލްއަށް ހިނިތުންވެލަމުން ސުހައްތަ ގާތު ސޯފާގައި އިށީނީމެވެ. ދެން ވެސް އޭނާ ހީވީ އަހަންނަށް ނުބަލަން މަސައްކަތްކުރާ ހެނެވެ. އަހަރުމެން ގާތުގައި އިށީނުމުގެ ބަދަލުގައި ހައިކަލް ގޮވައިގެން ހަފިއްތަ ވަނީ އޭނާގެ ކޮޓަރިއަށެވެ. އަހަންނާއި ސުހައްތައަށް އެކަކުއަނެކަކަށް ބަލާލެވުނީ މިވަނީ ކިހިނެތްބާއޭ ބުނާފަދަ ގޮތަކަށެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. ހައިކަލް އެ ކޮޓަރިން ނުކުތްއިރު ވެސް ހުރީ ވަރަށް ހާސްވެފަހުރި މީހަކު ހެންނެވެ. ފިނި ދުވަހަކަށް ވިޔަސް އޭނާގެ މޫނުގައިވާ ހާސްކަމުގެ ތެރެއިން ނިތްކުރިން ދާތިކީގެ އަސަރުފާޅުވެއެވެ. ހަފިއްތައާ ދެމެދު ހިނގީ ކޮންކަމެއްބާއޭ ހިތަށް އެރީ ބޭއިޚްތިޔާރުގައެވެ. ހައިކަލް ނުކުތްގޮތަށް އަހަންނަށާއި ސުހައްތައަށް އަވަސް ނަޒަރެއް ދެމުން ދަނީއޭ ބުނެ ނުކުންނަން ހިނގައިގަތެވެ. މިއަދު އޭނާ މަޑުކުރުމެއް ވެސް ނެތެވެ.

ހައިކަލް ނުކުމެގެން ދިޔަތާ ފަނަރަވަރަކަށް މިނެޓުފަހުން ހަފިއްތަ އަހަންނަށް ގޮވާލާފައި އެ ކޮޓަރިއަށް ވަނުމަށް ބުންޏެވެ. ކިހިނެއްވާންކަމެއް މި އުޅެނީ ނޭނގޭ ހާލުގައި ވަނީމެވެ. އެ ކޮޓަރިތެރޭގައި ހެދުންތައް އެނދު މައްޗަށް އުކާލެވިފައި ހުއްޓެވެ. އެނދު ކައިރީ ތިރީގައި ބާއްވާފައި އޮތް ފޮށި އޮތީ ހުޅުވާފައެވެ. ފެންނަފެނުމަށް ހަފިއްތަ ދަތުރަށް ތައްޔާރުވަނީއެވެ. އަހަރެން ފެނުމުން އެނދުގެ އެއްފަރާތެއްގައި އޮތް ކޮތަޅަކުން ނެގި ރަތްކުލައިގެ ހެދުމެއް ދައްކާލިއެވެ. ރިހިކުލައިން ފަސްބައިޖަރީކޮއްލާފައިވާއިރު، ފުރަގަސްކަރު އިންތިހާއަށްބޮޑެވެ. ހީވަނީ ހިންދީ ފިލްމުތަކުގައި އުޅޭ ހީރޮއިން އަޅާފައި ތިބޭ ކަހަލަ ހެދުމެއް ހެންނެވެ. އަދި އެންމެ ރީތީ ދޯޕައްޓާ އެވެ. މުޅި ދޯޕައްޓާގައިވަނީ ހުދުކުލައިގެ ކުދި އެސްތަކެއްޖަހާފައެވެ. ދުވަހަކު ވެސް ނުދެކޭހާ ރީތި ހެދުމެކެވެ. ހަފިއްތަގެ ފަރާތުން އެފަދަ ރީތި ހަދިޔާއެއް ދުވަހަކު ވެސް ނުލިބެއެވެ. ވަރަށް އުފަލުން ހުރެ ހަފިއްތަ ފަތުރާލައިގެން އިން ހެދުމުގައި އަތްޖައްސާލީމެވެ. އަދި ނިކަން އަވަހަށް ހަފިއްތައަށް ޝުކުރުއަދާކުރީމެވެ. ހެދުން ނަގާ ރަނގަޅަށް ބަލާލިއިރު ހެދުމުގެ ފަހަތު ކަރުވަޅު ކަނޑާފައި ހުރީ ވަރަށް ފުންކޮށެވެ. ބުރަކަށީގެ ބޮޑުބައެއް އެ ހެދުން ލައިފިނަމަ އޮންނާނީ ހާމައަށެވެ. އެކަމާ މާޔޫސްވިއެވެ. ހެދުން ހަފިއްތައަށް ދިއްކޮށްލީ ފަހަތުކަރުވަޅު އެހާ ފުންވީމަ ލާކަށް ނުކުރޭނެއޭ ބުނަމުންނެވެ.

ހައިފާ: "ޝުކުރު އަދާކުރަންވީ އަހަންނަކަށް ނޫން"

ކައިވެނީގެ ހުރިހާ ކަމެއްގެ ޚަރަދު ބަލަހައްޓަނީ އަކީލުކަން އަހަންނަށް އެނގެއެވެ. އެހެންވެ ޝުކުރު އަދާކުރަންވީ އަކީލުއަށްތޯ އަހަރެން އެހީމެވެ. ދެން ވެސް ހަފިއްތަ ބޯހޫރުވާލީ ނޫނެކޭ ބުނާ ފަދައިންނެވެ. އަދި ކޮތަޅަކުން ނެގި ފޮށްޓެއް އަހަންނަށް ދިއްކޮށްލިއެވެ. އެ ފޮށި ހުޅުވާލި އިރު އޭގައި އޮތީ ރިހިކުލައިގެ ފައިވާނެކެވެ. ހެދުމާ ނުހަނު ގުޅެއެވެ. ހެދުމާއި ފައިވާނުގެ އަގު އަހަންނަށް އަންދާޒާކޮށްލަން ނޭނގުނަސް އޭގެ އަގު ކުޑައެއްނުވާނޭކަން އަހަންނަށް ޔަގީންވެއެވެ. އެހެންވެ އަނެއްކާ ވެސް އަހާލެވުނީ ޝުކުރު އަދާކުރަންވީ ކާކަށްތޯއެވެ.

ހައިފާ: "ތި ހުރިހާ އެއްޗެއް ގެނައީ ހައިކަލް. މިންނުއަށް ދިން ހަދިޔާއެއް... އޭނާ ދިނީމައި ނުހިފާ ފާނެތީ އަހަންނާ ހަވާލުކޮށްފައި އެ ދިޔައީ. މީ މިކޮޅުން ގަނެފައި ހުރި އެއްޗިއްސެއްނޫން"

ހަފިއްތަގެ ވާހަކަތަކުން އަހަރެން ހައިރާންވިއެވެ. ހަފިއްތަގެ ކައިވެނީގެ ރޭ ހައިކަލް އަހަންނަށް ހެދުމެއް ހަދިޔާކުރަންވީ ބޭނުމެއް ނުވިސްނުނެވެ. އަހަންނާއި ހައިކަލްއާ ދެމެދު މިހާރު ދެބަސްވުމެއް ނުހިގައެވެ. އޭނާ އަހަރެންގެ ރަޙުމަތްތެރިއަކަށްވާން މަސައްކަތް ކުރާކަން އަހަންނަށް އެނގެއެވެ. އެކަމާ އަހަރެން މި ހުންނަނީ ހިތްހަމަޖެހިފައެވެ. ކުރިން ހިނގި ކަންތައްތައް މަތީން އަހަރެން ވެސް ބޭނުންވަނީ ހަނދާންނައްތާލާށެވެ. ރައްޓެހިކަމުގެ ގުޅުން ހައިކަލްއާ ދެމެދު ބަދަހިކުރާށެވެ. އޭނާ އަމިއްލައަށް އައިސް އެފަދަ ހަދިޔާއެއް އަހަންނަށް ދިނުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އަހަންނަށް ޤަބޫލުކުރެވެއެވެ. ހަފިއްތަ ވަރަށް ގިނަ ވާހަކަދެއްކިއެވެ. އޭނާގެ ކައިވެނި ހަފުލާގައި އެ ހެދުން ލައިގެން އަހަރެން ހުރުމަށް އޭނާ ވަރަށް ބޭނުންވެއެވެ. ހަފިއްތައަކީ އަހަންނާއި ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރާ މީހަކަށް ވިޔަސް އޭނާއަށް އަންނަން އުޅޭ ޚާއްޞަ ރޭގައި އޭނާ ހިތްހަމަޖެހި އުފާވާން އަހަރެން ބޭނުމެވެ. އެހެންވެ އެންމެފަހުން އެ ކޮޓަރިން ނުކުމެވުނީ ހައިކަލް ގެނެސް ދިން ހެދުން ލާނަން ކަމުގައި އެއްބަސްވެގެންނެވެ. އެއްޗެހިތައް ހިފައިގެން އަހަރެން ނުކުތް އިރު އަހަރެންގެ ފަހަތުން ހަފިއްތަ ވެސް ނުކުތެވެ.

އަހަރެންގެ އަތުގައި އޮތް އެއްޗެހި ސުހައްތައަށް ދައްކާލުމުން ހީވީ މޮޔަވިހެންނެވެ. ރީތިކަމުން އެ ވާހަކަ އެތައް ފަހަރަކު ދެއްކިއެވެ. ޖައުބެއާއި ސުހައްތަ ކޮޓަރިއަށް ވަނުމުން އަހަރެންވެސް ސައިބޮއެގެން ހަފިއްތަ ދިން އެއްޗެހި ހިފައިގެން އައިސް ވަނީ ކޮޓަރިއަށެވެ.

ރޭގަނޑު އަށެއްޖެހިއިރު ހަފިއްތައާއި އަކީލުގެ ކައިވެނިކުރެވިގެންދިޔައެވެ. އެ ހަފުލާގައި އަޒާން ބައިވެރި ކުރީތީ އެކަމާ ހަފިއްތަ ހިތްހަމަ ނުޖެހުނެވެ. އޭނާއަށް އަޒާން ކަމު ނުދަނީއެވެ. ހަފިއްތަމެން ގާތުގައި ބަޔަކު ނެތް ވަގުތަކު އަހަންނަށް އިޝާރާތްކޮށްލިއެވެ. އެހެންވެ ހަފިއްތަގެ ގާތުގައި އަހަރެން ގޮސް ހުއްޓުނީމެވެ.

ހައިފާ: "އަހަރެން ހިޔެއްނުކުރަން ތަނަކުން މީހަކު ގޮވައިގެން މިންނު އަތުވެދާނެއެކޭ. ކީއްކުރަންތަ ކޮންމެހެން މި ތަނަށް އެ މީހަކު ގެނައީ"

ހަފިއްތަގެ ވާހަކަތަކުން އަހަރެން ދެރަވިއެވެ. އަޒާންއަކީ އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާކަމުގައި ބުނީމެވެ. އިތުރު ވާހަކައެއް ނުދައްކާ އަހަރެން ދުރަށް ދިޔައީއެވެ. ނަސީބަކުން މި އިން އެއްވެސް ކަމެއް އަޒާން ނުދެނަހުއްޓެވެ. (ނުނިމޭ)