ރައީސް އަބްދުﷲ ޔާމީން މިއަދު ރ. މަޑުއްވަރީއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން އިދިކޮޅު އެމްޑީޕީ ސަޕޯޓަރުން އެ ރަށުގައި ދަމާފައިވާ ބެނާތައް ނެގުމަށް އެ އަތޮޅު އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފި އެވެ.
ރައީސް މަޑުއްވަރީއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުކިޔައި އަޑު ގަދަ ކުރަން އޮތީ ހަމަޖައްސާފަ އެވެ. އެކަމަށް ރަށުގެ ބައެއް ސަރަހައްދުތަކުގައި އަޑުގަދަކުރާ ބަހައްޓައި ބެނާތައް ދަމާފައިވެ އެވެ.
އެކަމާ ގުޅިގެން އެތަކެތި ނެގުމަށް އުނގޫފާރު ކޯޓުގައި ފުލުހުން އަމުރަކަށް އެދުމުން އެ ކޯޓުން ނެރުނު އަމުރުގައި ވަނީ ރަށުގައި ދަމާފައިހުރި ބެނާތަކާއި ދިދަތަކާއި އަޑުގަދަކުރާ އަދި ސްޕީކަރުތައް ނެގުމަށް ހުއްދަ ދީފަ އެވެ.
އެގޮތަށް އަމުރު ނެރެފައިވަނީ ރައީސްގެ ދަތުރުފުޅާ ގުޅިގެން އެކި ސަރަހައްދުތަކުގައި އެއްވެ އަޑުގަދަކޮށް އަމަން ނަގާލަން ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ބުނެފައިވެ އެވެ. އަދި، އާންމު ތަންތަނުގައި ހުރި ބެނާތަކުގައި ވަނީ ހަޑިހުތުރު އިބާރާތްތަކެއްކަން ވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
ހެއްކެއްގެ ގޮތުގައި ފުލުހުންނަށް ލިބިފައިވާ މައުލޫމާތުގެ ރިޕޯޓަކާ ގުޅިގެން އަމުރު ނެރުނުއިރު އަމުރު ނެރެފައިވަނީ 72 ގަޑިއިރަށެވެ. އެ އަމުރު ނެރެފައިވަނީ ރޭ 1:40 ގަ އެވެ. އަމުރާ ގުޅިގެން ރޭ ފަތިހު ފުލުހުން ވަނީ ރަށުގައި ހުރި އިދިކޮޅު ބެނާތައް ނަގާފަ އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު މަޑުއްވަރީއަށް ވަޑައިގެން، މަޑުއްވަރީ ނަރުދަމާގެ ހިދުމަތް ފައްޓަވާދެއްވުމާއި، ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުގެ ނިންމުން ފާހަގަކޮށް ދެއްވާނެ ކަމަށެވެ.
ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ރައީސް އެ އަތޮޅު ފައިނަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވާނެ އެވެ. އަދި މިއަދު ހަވީރު މީދޫއަށް ވަޑައިގެން އެރަށުގެ މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މީދޫގެ ފެނުގެ ހިދުމަތާއި، ނަރުދަމާގެ ހިދުމަތް ފެށްޓެވުމަށްފަހު، އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ އެވެ.