ދުނިޔެ

އެމެރިކާއިން މިޔަންމާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

ރާޚައިން ސްޓޭޓްގައި ރޯހިންޔާ މީހުންނާ މެދު އަމަލުކުރަމުންދާ ގޮތާ ހެދި މިޔަންމާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަންް ގަސްދުކުރާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިޔަންމާއާ ދެކޮޅަށް އަޅަން ގަސްދުކުރާ ފިޔަވަޅުތަކުގެ ތެރޭގައި މެގްނިޓްސްކީ ގާނޫނުގެ ދަށުން މިޔަންމާގެ ވަކިވަކި ލީޑަރުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ހިމެނޭ ކަމަށެވެ.

" މިޔަންްމާގެ ރާޚައިން ސްޓޭޓްގައި ހިނގަމުންދާ ފަހަކަށް އައިސް ހިނގި ކަންތައްތަކާއި ރޯހިންޔާ މީހުންނާއި އެހެން މުޖުތަމައުތަކަށް ކުރާ އަނިޔާ ތަކާ މެދު އަހަރެމެން އެންމެ ބޮޑަށް ކަންބޮޑުވަން،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނެފައި ވެެއެވެ.

މިޔަންމާގެ ރާޚައިން ސްޓޭޓްގައި މިދިޔަ އެގައުމުގެ ސިފައިން ހިންގަމުން އަންނަ އަނިޔާވެރި އަމަލުތައް މިދިޔަ އޮގަސްޓް މަހު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެހެންވެ، އެ ސަރަހައްދު ދޫކޮށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކުރި މީހުންގެ އަދަދު މިހާރު ވަނީ ހަތަރު ލައްކައަށް ވުރެ މަތިވެފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރިކްސް ޓިލާސަން މިދިޔަ ބުދަދުވަހު ވިދާޅުވީ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގާ ކަންތައްތަކުގެ ޒިންމާ މިޔަންމާ އަސްކަރިއްޔާގެ ވެރިން އުފުލަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިޔަންމާގެ އަސްކަރީ ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމެއް ނުވަތަ ނޫންކަމެއް އޭނާ އެދުވަހު ވިދާޅެއް ނުވެއެވެ.

މިޔަންމާ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އަޅަން ގަަސްދުކުރާ ކަމަށް އެމެރިކާއިން ބުނެފައި މިވަނީ އޭޝިއާ ސަރަހައްދަށް އެގައުމުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވަޑައިގަންނަވަން ހަމަޖެހިފައިވާ ވަގުތެއްގައެވެ. ޗައިނާ ހިމެނޭ ގޮތުން އޭޝިއާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅު ފަށްޓަވާނީ އަންނަ ނޮވެމްބަރުމަހުއެވެ. އެ ދަތުރުފުޅުގައި ޓްރަމްޕް މިޔަންމާއަށް ވެސް ވަޑައިގަންނަވާނެއެވެ.

މިޔަންމާ ސިފައިންނާ ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތްތައް ފެށީ 2012 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މީހުން މެރުމާއި އިތްފަތް ފޭރުމާއި ގެދޮރު އެންދުމުގެ އަމަލުތައް ހިންގި ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް އައީ މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ހަމަލާތަކެއް ދިނުމުންނެވެ.

އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ރޯހިންޔާ ހަނގުރާމަވެރިން ދިން ހަމަލާއަކާ ގުޅުވައިގެން މިޔަންމާ ސިފައިން ރޯހިންޔާ މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ވަރުގަދަ ކުރުމުގެ ކުރިން ވެސް އެދަރިކޮޅުގެ ތިން ލައްކަ މީހުން ބަންގްލަދޭޝްގައި ތިއްބެވެ. މިފަހަރުގެ ހަމަނުޖެހުންތަކާ ގުޅިގެން ހިޖުރަ ކުރި މީހުންނާއި އެކު، ބަންގްލަދޭޝްގައި ތިބި ރޯހިންޔާ މީހުންގެ އަދަދަކީ އަށް ލައްކައެވެ.