ރ. މަޑުއްވަރި

"އެލް ބޯޑުގައި ތިބި ބަޔަކަށް ވެރިކަން ދޭކަށް ނުވާނެ"

އަޖުމަ ބަލަން އުޅޭ ބަޔަކަށް ވެރިކަން ހަވާލުކޮށްގެން ރައްޔިތުން ބޭނުންވާ ތަރައްގީ ލިބޭނެތޯ ވިސްނަންޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރ. މަޑުއްވަރީއަށް ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ތަންތަނުގައި މުޒާހަރާކޮށް، ސިޔާސީ ގޮތުން ފާޑުކިޔައިގެން ރައްޔިތުން ބޭނުންވާ ތަރައްގީ ނުގެނެސްދެވޭނެ ކަމަށެވެ. ރައްޔިތުން ތިބީ ތަރައްގީއަށް ފެން ބޮވައިގެންފައި ކަމަށާއި އެ ތަރައްގީ ގެނެސްދެވޭނީ ވައްޓަފާޅި ހުރި، އަމަލުން ވެސް އެކަންކަން ދައްކާ ބަޔަކަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންކަން ނޭނގޭ މީހުން ތަފާތު ވާހަކަތައް ދައްކާނެ ކަމަށެވެ. އަދި ރައްޔިތުންގެ އިހްސާސްތައް ދަންނަ މީހުން އަމަލުން ކަންކަން ދައްކާނެ ކަމަށެވެ. އަދި ވިދާޅުވީ ވައްޓަފާޅި ހުންނަ މީހުން ޑިމޮކްރަސީ އާއި ތަރައްގީއާބެހޭ ގޮތުން ވާހަކަފުޅު ދައްކަން ވަގުތު ހޭދަ ނުކުރާނެ ކަމަށެވެ.

"ކަންކަން ކުރާ މީހުންނަކީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭ މީހުން، އަމަލު ސާބިތުކޮށްދޭ މީހުން، ޓާގެޓްތަކެއް އަމިއްލައަށް ސެޓްކޮށްގެން ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ބޭނުންވާ ކަންކަން ފުއްދައިދޭ މީހުން، އެކަހަލަ މީހުންނެއް ނުދައްކާނެ ޑިމޮކްރަސީއަކީ ކޮން އެއްޗެއްތޯ އެއް، ތަރައްގީއަކީ ކޮން އެއްޗެއްތޯއެއް... އެ ވާހަކަ ދައްކަން ނުޖެހޭ ސަބަބަކީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ތަރައްގީ އާއި އިހުސާސްތަކާއި ވިންދު އަދި ކުރިއަށް ދިޔުމުގެ އަޒުމު އެނގޭތީ،" ރައީސް ވިދާޅުވި އެވެ.

"އެހެން ބައެއް ބޭފުޅުން އެކަހަލަ ވާހަކަ ދައްކަނީ އަދި އެ ބޭފުޅުން ފައްޓަވަނީ އެކަންކަން ދަސްކުރުމަށް، އެހެންވީމަ ލައްކަ ރާސްތާއެއް އެބަ އޮތްތާ ސިޔާސީ ރާސްތާއެއްގައި ވަޑައިގެން ރައްޔިތުންނާ ހަމައަށް އެކަންކަން ފޯރުކޮށްދިނުމަށް، އަދި މި އުޅެނީ އެކަންކަން ދަސްކުރަން، އެހެންވީމަ އަޖުމަ ބެލުމުގެ ގޮތުން އެލް ބޯޑް ޖަހައިގެން އުޅޭ ބަޔަކަށް ފުރުސަތު ދޭނެތޯ އެއީ އަޅުގަނޑުމެން ރައްޔިތުން ކުރަންޖެހޭ ސުވާލެއް،"

ރައީސް ޔާމީން މިގޮތަށް ވާހަކަފުޅު ދައްކަވާފައިމިވަނީ އިދިކޮޅުން އިންތިގާލީ ކެނޑިޑޭޓެއްގެ ގޮތުގައި ސިޔާސީ ނޫން ބޭފުޅެއް ގެނައުމަށް އިދިކޮޅު ފަރާތްތަކުން މަޝްވަރާތައް ކުރަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭނެ ބަޔަކު ރައްޔިތުން އިންތިހާބު ކުރަންޖެހޭ ކަމަށެވެ. އެގޮތުން ހުސްވެފައިވާ މަޑުއްވަރީ ދާއިރާގެ މަޖިލީހުގެ ގޮނޑިއަށް ވެސް ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ބޭފުޅެއް އިންތިހާބު ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އެ ބައި އިލެކްޝަން ވަރަށް އަވަހަށް އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އަބަދު ޑްރާމާ ކުޅެން އޮންނަ ތަނެއް ނޫން ކަމަށާއި އެއީ ރައްޔިތުންނާ ގުޅޭ މަސައްކަތްތައް ކުރުމަށް އޮންނަ ތަނެއް ކަމަށެވެ. އެހެންކަމުން މަޖިލީހަށް ހޮވަންޖެހޭނީ ވެސް އެގޮތަށް މަސައްކަތް ކުރައްވާނެ މެންބަރެއް ކަމަށެވެ.