ހަބަރު

ދަރަނީގެ ވާހަކަ ދެއްކުމުގެ ހައްގު ކުރީގެ ރައީސުންނަށް ނެތް: ރައީސް

ދަރަންޏާއެކު މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވެފައި ތިބި ކަންކަން ކޮށްދިނުމަށް ކަމަށާއި އެ ދަރަނިތައް ރިޔާސީ ދެ ދައުރު ތެރޭގައި ދައްކަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. ސަރުކާރުގެ ދަރަނީގެ ވާހަކަ ދެއްކުމުގެ ހައްގެއް ކުރީގެ ރައީސުންނަށް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ބޮޑެތި ލޯނުތައް ނަގައިގެން ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގާތީ އެކަމާ އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް މިއަދު ރ. ފައިނުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ލޯނު ނަގައިގެން ވެސް އެހެން ގޮތްގޮތުން ފައިސާ ހޯދައިގެން ވެސް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ ސަރުކާރާ ދިމާލަށް ރާއްޖޭގެ ދަރަނީގެ ވާހަކަ ދެއްކުމުގެ ހައްގެއް ކުރީގެ އެއްވެސް ވެރިޔަކަށް ލިބިގެން ނުވޭ، އެއީ ދައުރުތަކެއް ބަދަލުވަމުން ގޮސް އަޅުގަނޑުމެންނާ ހަމައަށް މިކަން އައިރު ވެރިކަން ވާސިލުވިއިރު އަޅުގަނޑުމެން ފެށީ 34،000 ނުވަތަ 35،000ގެ ބޮޑު ދަރަންޏާއެކު، އެ ދަރަނި އަދާކުރުމާއެކު އަޅުގަނޑުމެން ލޯނު ނަގައިގެން މިކުރާ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި މަަސައްކަތްތަކެއް އެތައް އަހަރެއްވެގެން ދިޔައިރު ވެސް ނުފުދިހުރި ކަންތައްތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ކޮށްދެވޭތޯ ކުރާ މަަސައްކަތް، އެއީ ރައްޔިތުން އެދޭ ގޮތް، ބޭނުންވާ ގޮތް،" ރައީސް ވިދާޅުވި އެވެ.

"މި ސަރުކާރު 2018 އިން ފެށިގެން ކުރިއަށް އޮންނަ ކަމަށްވާނަމަ އެހެން ބަޔަކު ވިސްނާކަށް ނުޖެހޭނެ މި ދަރަނި އަދާކުރުމަކާ، އަޅުގަނޑުމެން ވަކިވެގެންދާއިރު އެ ދަރަނިތަކަކީ އެހެން ބަޔަކަށް ތަކުލީފް އުފުލަންޖެހޭ ދަރަނިތަކަށް ނުހަދާނަން، އެހެންވީމަ އަޅުގަނޑަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަކަށް ވާނީ ތަރައްގީގެ މަޝްރޫއުތަކަށް ރައްޔިތުން އެއްބާރުލުން ދެއްވުން،"

ރައީސް ޔާމީން ވިދާޅުވީ، އެއްވެސް ލީޑަރެއްގެ ހިދުމަތްތައް މިނާނަމަ މިނަންޖެހޭނީ އެ ލީޑަރަކު ރައްޔިތުންނަށް ގެނެސްދީފައިވާ އުމްރާނީ ތަރައްގީތަކާއި އިންސާނީ ވަސީލަތް ކުރިއެރުވުމަށް ކުރައްވާފައިވާ މަސައްކަތްތަކުން ކަމަށެވެ. ޕޯޑިއަމްތަކުގައި މޮޅަށް ވާހަކަ ދެއްކުމަކީ ލީޑަރެއްގެ ހިދުމަތް މިނާނެ ކަމެއް ނޫން ކަމަށެވެ.

"ނަތީޖާ ފެންނަންޖެހޭ ކުރާ މަސައްކަތުން، ކުރީގެ ރައީސުން ކުރައްވާފައިވާ ކަންކަމާ މިހާރު ކުރެވޭ ކަންކަމާ އަޅާ ކިޔަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ރާއްޖެއިން ބޭރުގައި ތިއްބެވި ލީޑަރުން ރާއްޖެ ވަޑައިގެން، ރާއްޖެ އިތުރަށް ކުރިއެރުވޭނެ ގޮތުގެ ލަފާ އޮންނަމަ އެކަމެއް ހިއްސާކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. ކަންކަން އޮމާންކަމާއެކު ނިންމޭނީ އޭރަށް ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖޭގެ ފަތިފުށް ބޭރު ދުނިޔެއަށް ހާމަކުރުމަކީ ވެރިން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

"އެގޮތަށް ރާއްޖެ ބަދުނާމް ކުރުމުން ގެއްލުން އެ ދެވެނީ ވެރިކަން ކުރާ މީހާއަކަށް ނޫން، އާހިރުގައި އޭގެ ގެއްލުން ލިބެނީ ރައްޔިތުންނަށް، އެހެންވީމަ އެކަންކަން އެބަޖެހޭ ހުއްޓާލަން،" ރައީސް ވިދާޅުވި އެވެ.