ކޯޗްގެ މަގާމު ހުސްވެފައިވާ އެވަޓަންގެ ވަޒީފާއަށް ކުރިން އެކުލަބަށް ކުޅުނު ފިލް ނެވިލް އާއި މެންޗެސްޓާ ޔުނައިޓަޑާއި ވޭލްސްގެ ލެޖެންޑް ރަޔާން ގިގިސް ޝައުގުވެރި ވެއްޖެ އެވެ.
ކޯޗިންގައި، ނެވިލް ވަނީ، ސްޕެއިންގެ ވެލެންސިއާ އެސިސްޓެންޓް ކޯޗް ކަން ކޮށްފަ އެވެ. އެވަޓަންގެ ކެޕްޓަން ކަން ކުރި ނެވިލް، މީގެ ކުރިންވެސް އެ ޓީމުގެ ކޯޗް ކަމާ ހަވާލުވާން އުޅޭ ވާހަކަ ދެކެވުނެވެ. އެއީ 2013 ވަނަ އަހަރު އެ ޓީމުގެ ކޯޗަކަށް ހުރި ޑޭވިޑް މޮޔަސް އެ ޓީމު ދޫކޮށްލުމުން އޭނާގެ ބަދަލުގަ އެވެ. ނެވިލް ކުޅުން ހުއްޓާލީ އެ އަ އަހަރުގެ ޖުލައި މަހު އެވެ.
ވެލެންސިއާގައި، ނެވިލް މަސައްކަތް ކުރަން ފެށީ، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ނެވެ. އޭނާ އެ ކުލަބު ދޫކޮށްލީ އޭގެ އެއް އަހަރު ފަހުން ނެވެ. އެ މުއްދަތުގެ ތެރޭގައި، ނެވިލްގެ ބޭބެ ގެރީ ނެވިލް ވަނީ ވެލެންސިއާގެ ހެޑް ކޯޗްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
އެވަޓަންގެ ވަޒީފާ އަށް ދެން ޝައުގުވެރިކަން ފާޅު ކޮށްފައި ވަނީ، ގިގްސް އެވެ. ގިގްސް ވަނީ، ލުއިސް ވެންހާލްގެ ދެ ވަނަ އެސިސްޓެންޓް ކޯޗުގެ ގޮތުގައި، ޔުނައިޓަޑްގައި މަސައްކަތް ކޮށްފަ އެވެ. މިދިޔަ އަހަރު ސްވަންސީ ސިޓީގެ ކޯޗް ކަމަށް، ގިގްސްއާ އިންޓވިއު ކުރި އެވެ.
އެވަޓަންގެ ކޯޗްގެ މަގާމު ހުސްވީ މިދިޔަ 16 މަހު އެ ޓީމުގެ ކޯޗަކަށް ހުރި ހޮލެންޑްގެ ރޮނަލްޑް ކޫމަން ރޭ، މަގާމުން ވަކި ކުރުމުން ނެވެ. އޭނާ ކޯޗް ކަމުން ދުރުކުރީ މި ސީޒަންގެ ޕްރިމިއާ ލީގްގައި، އެވަޓަންގެ ނަތީޖާ ދަށް ވުމުން ނެވެ.
އެވަޓަންގެ އިތުރުން، ކޯޗްގެ މަގާމު ހުސްވެފައިވާ، ލެސްޓާ ސިޓީގެ ވަޒީފާ އަށް ވެސް ގިގްސް ވަނީ ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ.
"މިއީ އަހަރެން މަސައްކަތް ކުރަން ޝައުގުވެރިވާ ކުލަބުތަކެއް،" ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން ގިގްސް ބުންޏެވެ. "މި ދެ ޓީމަށް ބަލައިފިނަމަ ލެސްޓާ އަކީ މީގެ ދެ ސީޒަން ކުރިން ޕްރިމިއާ ލީގް ޗެމްޕިއަން، އެވަޓަން އަކީ މުއްސަނދި ތާރީހެއް އޮތް ރަނގަޅު ކުލަބެއް، އެހެންވެ އެ ދެ ކުލަބުގެ މަގާމަށް ޝައުގުވެރިވާނެ އެތައް ބައިވަރު ކޯޗުން ނެއް ތިބޭނެ."
ގިގްސް އާއި ފިލް ނެވިލް އަކީ މެންޗެސްޓާ ޔުނައިޓަޑަށް އެކުގައި ކުޅުނު ދެ ކުޅުންތެރިން ނެވެ.