ވިޔަފާރި

ސޮނީ ޗެނަލްތަކާއެކު ދިރާގު ޓީވީއަށް ހިތް ޖެހިއްޖެ

މިހާރުގެ ޓްރެންޑަކީ އިންޓަނެޓު ޓީވީ އެވެ. ޓީވީ ބަލަން ބޭނުންވަނީ އަތުގައި އޮންނަ ފޯނުންނެވެ. ދިރާގުން ވަނީ މި ފަސޭހަ ގެނެސްދީފަ އެވެ. "ދިރާގު ޓީވީ" ގެ ނަމުގައި ތައާރަފުކުރި މި ހިދުމަތަށް މި ވަނީ އަނެއްކާ ވެސް މުޅިން އާ ހަރު ފަހަތައް ގެންގޮސްފަ އެވެ. އެއީ ސޮނީ އެޗުޑީ ޗެނަލްތައް ގެނެސް ދީގެންނެވެ. މިއާ ޗެނަލްތަކާއެކު ދިރާގު ޓީވީގެ ޝައުގުވެރިކަން މިވަނީ އިތުރުވެފަ އެވެ.

ދިރާގުގައި ބޭއްވި ރަސްމިއްޔާތެއްގައި "ސޮނީއެޗުޑީ" އާ ޗެނަލްތައް ތައާރަފުކޮށްދެއްވީ، ސޮނީ ޑިިޖިޓަލް ނެޓްވޯކް- އިންޑިޔާގެ ޑިރެކްޓަރު ބިޒްނަސް މެނޭޖާ ސުސިލް ސިންގް އެވެ.

"މި ޗެނަލްތަކުގައި ފިލްމުގެ އިތުރުން ކުޅިވަރު ޗެނަލްތައް ވެސް ހިމެނޭ،" ސުސިލް ވިދާޅުވި އެވެ.

ދިރާގު ޓީވީގައި ހިމެނޭ "ސޮނީރިކް އެޗްޑީ" އާއި "ސޮނީބީބީސީ އާތް އެޗްޑީ" އަދި "ސޮނީޕިކް" އެޗްޑީއަކީ ރާއްޖެއަށް އާ ޗެނަލްތަކެވެ. މިއީ ރާއްޖޭގައި މި ޗެނަލްތައް ފެންނަ ފުރަތަމަ ފަހަރެވެ.

ދިރާގުން ވަނީ އާ ޗެނަލްތަކެއް ގެނެސް ދިނުމާއެކު، ޓީވީގެ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފަ އެވެ. އަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް މި ހިދުމަތް ހޯދާ މީހުންގެ މެދުގައި ގުރުއަތެއް ނަގައި، 65 އިންޗީގެ 4ކޭ ޓީވީއެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

ދިރާގު ޓީވީގައި މިހާރު ވެސް ސޮނީގެ 11 ޗެނަލް ހިމެނެ އެވެ. މިއާއެކު ދިރާގު ޓީވީން ލިބެން ހުރި ޗެނަލްތަކުގެ އަދަދު ވަނީ 80 އަށްވުރެ މަތީގަ އެވެ. މި ޗެނަލްތަކުގެ ތެރޭގައި ފިލްމާއި ޑްރާމާ އަދި ތަފާތު ޑޮކިއުމެންޓްރީތައް ހިމެނޭ ޗެނަލްތައް ވެސް ހިމެނެ އެވެ.